ހަބަރު

ކޮންމެ މަހަކު އެއްވަރަކަށް ކަރަންޓު ބިލު ދައްކާ ޕްލޭނެއް

ކޮންމެ މަހަކު އެއްވަރަކަށް ކަރަންޓު ބިލު ދައްކާ ޕްނޭނެއް ސްޓެލްކޯއިން ތައާރަފް ކޮށްފި އެވެ.

"އީކުއަލް ޕޭމެންޓް ޕްލޭން" ގެ ނަމުގައި ސްޓެލްކޯއިން މިއަދު ތައާރަފްކުރި ޕްލޭނުގައި ކޮންމެ މަހަކުވެސް ކަސްޓަމަރުން ފައިސާ ދައްކަން ޖެހޭނީ އެއް އަދަދެކެވެ.

މިޕްލޭންގެ ދަށުން ކަސްޓަމަރާއި ސްޓެލްކޯ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ އެވެ. މަހުން މަހަށް ކަސްޓަމަރު ފައިސާ ދައްކަން ޖެހޭނީ ކަސްޓަމަރާއި އެކު އެއްބަސްވެވޭ އަދަދަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ، މި އަދަދު ކަނޑައަޅާނީ ފާއިތުވެދިޔަ 12 މަސްދުވަހު ކަސްޓަމަރު ކަރްނަޓު ބޭނުންކުރި މިންވަރަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި އަލަށް ކަރަންޓު ބޭނުންކުރާ ތަނެއްނަމަ އެތަނުގެ ކުޑަމިނާއި ބޮޑުމިނަށް ބަލައިފައި ކަމަށެވެ.

މި ހިދުމަތް ހޯދުމަށް އީކުއަލް ޕޭމެންޓް ފޯމު ހުށަހެޅުމަށް ސްޓެލްކޯއިން ބުނިއިރު، ވޭތުވެދިޔަ ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނަން ޖެހޭނެ އެވެ. އެއަށްފަހު ކަސްޓަމަރާއި ސްޓެލްކޯއާއި ދެމެދު އީކުއަލް ޕޭމެންޓް އެގްރީމެންޓް ހެދިގެންދާނެ އެވެ.

މި ޕްލޭންގައި ބައިވެރިވެވޭނީ ގޭގެ ވެރިފަރާތް ނުވަތަ ކަރަންޓުގެ ވެރިފަރާތުގެ އިތުރުން އިމާރާތް ކުއްޔަށް ހިފާފައިވާ ފަރާތަށެވެ. އިމާރާތް ކުއްޔަށް ހިފާފައިވާ ފަރާތުން ޕްލޭންގައި ބައިވެރިވުމަށް އިމާރާތުގެ ވެރިފަރާތުގެ އެއްވެސް އިއުތިރާޒެއްނެތް ކަމުގެ ސިޓީއެއް ހުށަހެޅުމަށްވެސް ސްޓެލްކޯއިން ވަނީ އެދިފަ އެވެ.

ނިމިދިޔަ އަހަރަކީ ކަސްޓަމަރުންގެ އަތްމަތި ދަތި އަހަރަކަށް ވެފައި ޔޫޓިލިޓީ ބިލްތައް ދައްކަން ދަތިވި އަހަރަކަށް ވުމުން މިއަހަރު ބަލާނީ 2019 ވަނަ އަހަރުގައި ކަސްޓަމަރުން ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ. މިދިޔަ އަހަރު ގިނަ ދުވަސްތަކަކު ގޭގައި ތިބެން ޖެހުމުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާކަމަށް ވެސް ސްޓެލްކޯ އިން ވަނީ ފާހަގަކޮށްފަ އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުގްނީ ވިދާޅުވީ، މި ޕްލޭންގެ މައިގަނޑު މަގްސަދަކީ ސަސްޓަމަރުންނަށް ބިލްތައް ދެއްކުމުގައި ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އެގޮތުން ކޮންމެ މަހަކު ދައްކާނެ ވަކި ވަރެއް ކަނޑައެޅިފައިވުމުން ކަސްޓަމަރުންނަށް ބިލް އައުމުގެ ކުރިން ދައްކަން ޖެހޭނެ އަދަދު އެނގޭނެ ކަމަށާއި، ފައިސާ ހަރަދުކުރާނެ ގޮތުގެ ޕްލޭނެއް ހަދާލަން ކަސްޓަމަރުންނަށް ފަސޭހަވެގެން ދާނެ ކަމަށެވެ.