ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބު: މި މަހު 22 ގައި ވޯޓްކަރުދާސް ޗާފުކުރަން ހަވާލުކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ވޯޓްކަރުދާސް ޗާޕު ކުރުމަށް މި މަހުގެ 22 ވަނަ ދުވަހު ހަވާލުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކަައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްގު 272,480 މީހަކަށް ލިބޭ ކަމަށެވެ. ވޯޓް ކަރުދާސް ޗާޕުކުރާނީ އެ އަދަދުގެ އެއް ޕަސެންޓް އިތުރަށެވެ.

ޝަރީފް ވިދާޅުވީ ވޯޓްކަރުދާސް ޗާޕުކުރަން ކުންފުންޏެއް ހޮވާފައިވާ ކަމަށާ މި މަހުގެ 22 ވަނަ ދުވަހު ވޯޓްކަރުދާސް ޗާޕު ކުރަން ހަވާލުކުރާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ވޯޓްކަރުދާސް ޗާޕުކުރަން ހަވާލުކުރާ ކުންފުނި ގާނޫނުގައި ބުނާ ތާރީހުގެ ކުރިން އިއުލާނު ކުރާނެ ކަމަށެވެ. ގާނޫނު ބުނާގޮތުން ވޯޓް ކަރުދާސް ޗާޕުކުރާނެ ކުންފުނި އިއުލާނު ކުރަން ޖެހެނީ އިންތިހާބު ބޭއްވުމުގެ ފަސް ދުވަސް ކުރިންނެވެ. އޭގެ ކުރިން އެ މައުލޫމާތު ހާމަކުރުމަކީ މަނާ ކަމެކެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާހާ ގުޅުވައިގެން އެކި މައްސަލަތަށް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ވޯޓު ފާހަގަ ފޮހެވޭ މައްސަލައެއް ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ. މިމައްސަލަ ވަނީ އިންތިހާބުގައި ބަލިވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކޯޓަށްވެސް ހުށަހެޅި އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓްދެވޭ 272,480 މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން 220،981 މީހަކާއި މާލެ ސިޓީއަށް ނިސްބަތްވާ 51،499 މީހެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށްފައިވާއިރު މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓް އާއި ކޮމިޝަނުގެ ވެބްސައިޓް އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި ސިޓީތަކުގެ ކައުންސިލް އިދާރާ / އަވަށު އޮފީހުން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

މި ރަޖިސްޓަރީއަށް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށައެޅެ އެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު ފަހު އެކަކަށް ޝަކުވާ ހުށައެޅޭނެ އެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 ކުން މެންދުރު ފަހު 1:00 އަދި ހުކުރު ދުވަހު މެންދުރުފަހު ވެސް ޝަކުވާ ހުށައެޅެ އެވެ. ޝަކުވާ ބަލައިގަންނާނީ ޝަކުވާ ފޯމަކުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެ އެވެ.