(14 ފެބްރުއަރީ 2021 އާ ގުޅޭ)
ނޯޔާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލި އިރު ގޭތެރެއަށް އެޅިފައި އޮތީ ފަނޑު އަލިކަމެވެ. ބަދިގޭ ކަބަޑުތައް ކައިރިން ދިއްލާފައި ހުރި ބޮތްކެއްގެ އަލި އެކަންޏެވެ. ބޭލި ކައިވެނި ހެދުން އެނދުމަތީ އޮތެވެ. ނޯޔާގެ ހަށިގަނޑު ވަނީ ތުވާއްޔަކުން ނިވާކޮށްލާފައެވެ. ދެއަތުގެ ތެރޭ ހުރި ސާމާނާއެކު ދުވެފައި ކޮޓަރިން ނުކުތެވެ. ކުރިމަތީ ހުރި ފާޚާނާއަށް ވަންނާށެވެ. މޭގަނޑު ތެޅިތެޅި އޮތެވެ. އަސްލަން ނޫނީ ކުއްޖަކު ކޮޓަރިން ނުކުމެދާނޭތީއެވެ.
އެ ފާޚާނައިގެ ކުޑަކަން ނޯޔާއަށް އިޙްސާސް ކުރެވުނެވެ. ހެދުމާއި ތުވާލި އަޅުވާލަން ދޮރުގެ ފަހަތުގައި ހޮޅިއެއް ހަރުކޮށްފައި ހުއްޓެވެ. މޫނުދޮންނަ ތަށްޓާއި ފާޚާނާތަށީގެ އިތުރުން ފެންމާގަނޑު ހަރުކޮށްފައި ހުރީ އެއްބަރިއަކަށެވެ. އިތުރުގޮތަކަށް އެތަނުގައި ނުބެހެއްޓޭނެތީކަން ޔަގީނެވެ. ލައްޕާލެވިފައި ހުރި ފާޚާނާތަށީގެ މަތިގަނޑު މަތީ ފެންވަރަން ނޯޔާ ބޭނުންކުރާ ސާމާނުތައް ބަހައްޓާލިއެވެ. ދެން ފެންމާގަޑަށް އޭނާއަށް ބަލާލެވުނެވެ. ފާޚާނާ ތެރެއިން ފެންހޫނުކުރާނޭ މީޓަރެއް ނުފެނުނެވެ. އެހެންވެ އިރުކޮޅަކަށް މަޑުކޮށްލެވުނީއެވެ. އެއިން ފައިބާ ފެން ފިނިވާނެތޯ ނޫނީ ހޫނުވާނެތޯ ހިތަށް އަރާ ވަރުންނެވެ. އެ ރޭގަނޑު ފިނިފެނުން ފެންވަރައިގެން ކޮޓަރިއަށް ވަދެ އޭސީގެ ފިނީގަ ނިދަން އޮންނާނެހާ ހިތްވަރު އެބަހުރިބާ އެވެ. އޭނާއަކީ ނިކަން ފަސޭހައިން ފިނިވީމާ މީހެކެވެ. ހަށިގަނޑު ފިންޏަށް ބަލީއެވެ. ގަޔާނުވިކަމުގެ އަޑެއް ނޯޔާގެ އަނގައިން ލައްވާލިއެވެ. ތުންކޮޅު އޫކޮށްލައިގެން ހުރެ ފެންމާގަނޑު ދޫކޮށްލިއެވެ.
"މިހާ ފިނިފެނުން ދުވަހަކުވެސް އަދި ފެންވަރާކަށް ނުޖެހޭ." އޮހެމުން ދިޔަ ފެންތަކުން އަތްތިލަ ތެތްމާލި ނޯޔާގެ ހިތުގައި ވިއެވެ. މަޑުމަޑުން ދެއަތްތިލައިގަ ހޭކިފައި ހުރި ފެން ހަށިގަނޑުގައި ހާކަން ފެށިއެވެ. ކުއްލިއަކަށް ފެންމާގަނޑު ދަށަށްވަދެއްޖެނަމަ ލިބޭ ސިހުމުން ބޮޑުވާނެއެވެ. އޭރުން ވާފިނި ވެސް ގަދަވާނެއެވެ. ހަށިގަނޑު މަޑުމަޑުން ތެތްމަމުން ދިޔައީ އެ ފިނިކަމަށް ހޭނޭތޯއެވެ.
"މަންމާ..." ފެންމާގަނޑު ދަށަށް ވަދެވުނު ހިނދުން ނޯޔާއަށް ގޮވާލެވުނެވެ. ފެންހޭކިއެއްކަމަކު ވަކި ތަފާތެއްނުވިއެވެ. ހަށިގަނޑުގައިވި ލޯލިތަކުގެ ބުޑުން ފިނިގަނޑު ތޮރުފަމުން އެތެރެއަށް ވަންނަން ފެށިކަހަލައެވެ. ރޫރޫ އަޅާލި ނަމަވެސް އޭނާ ބެލީ އަވަސްކުރެވޭތޯއެވެ. ގިނައިރު ހުންނަން ވެއްޖެނަމަ މީހާ ގަނޑުވެދާނެއެވެ.
މާދަމައަށް މަސައްކަތްތައް ބަހައްޓާފައި އެންމެން ޓެރެސްއިން ފައިބަން އައެވެ. ސަބީނާ އައިސް އަސްލަންގެ އަތުގައި ހިފާލިއެވެ. އެމީހުންގެ ކުރިއަށް ތިބެ ރިދާނާއި އިޔާންގެ އިތުރުން ފަވާދު ދިޔައެވެ.
"ހެނދުނު ސައިބޯން ނޯޔާ ގޮވައިގެން މަންމަމެން ބަޔަށް އަންނާތި، އެއްވެސް އެއްޗެއް މިރޭ ނުކައި އެކުއްޖާ، ކިރުތަށި ބުއިތަ؟"
ސަބީނާ އަހާލިއެވެ.
"ދާނަން ހެނދުނު." އަސްލަންގެ ޖަވާބު ކުރެވެ. އޭނާ ގަސްދުގައި ސަބީނާގެ ސުވާލަށް ޖަވާބު ނުދީނެއެވެ. އޭނާއަށް އެބުނާ ކިރުތަށްޓެއް ފެނުނީ ކޮޓަރިއަށް ވަދެ ހަމަޖެހިލެވުނު ވަގުތެވެ. އޭރު ނޯޔާ ހުންނަން ހަމަޖެހުނު ކޮޓަރިއަށް ވަދެއްޖެއެވެ. އެނދުއަރިމަތީ ހުރި ކުޑަމޭޒުމަތީ ދެ ކިރުތަށި ހުރީ ކީއްވެކަން އަސްލަންއަށް އެނގެއެވެ. އޭނާ އެ ހިފައިގެން ނޯޔާގެ ގާތަށް ދާން ބޭނުންނޫނީއެވެ. ޚާއްޞަކޮށް ކައިވެނީގެ ފުރަތަމަ ރޭވީމައެވެ. އެފަދަ ގާތްކަމެއް ނޯޔާއަށް ދެވެންނެތްއިރު އެކަމަށް އިޝާރާތްކުރާނޭ އެއްވެސް ކަމެއް ކުރަން އަސްލަން ބޭނުންނުވީއެވެ. ކިރުތަށިތައް ނުފެންނަ ކަމަށް އޭނާ ހެދީ އެހެންވެއެވެ. ފެންވަރާލައިގެން ކޮޓަރިން ނުކުތް ގޮތަށް ޓެރެސް އައީ ވެސް ނޯޔާ އިތުރު ވާހަކައެއް ދައްކަފާނެތީއެވެ.
އެޕާޓްމެންޓަށް އައިސް އަސްލަން ވަންއިރު އެތަނުގައި އޮތީ އޭނާ ނުކުތްއިރު ވެސް އޮތް ހިމޭންކަމާއި ފަނޑު އަލިކަމެވެ. ނަމަވެސް ކޮޓަރިއާ ދިމާއަށް ހިނގައިގަތް ހިނދު ފައިތިލައަށް އިޙްސާސް ކުރެވުނީ ފެނުގެ ތެތްކަމެވެ. ވަގުތުން ބަލާލެވުނީ ފާޚާނާއާ ދިމާއަށެވެ. ފާޚާނާ ކައިރީ ފައިފުއްސެއް ނެތެވެ. ނޯޔާ ފާޚާނާ ބޭނުންކުރިކަން ޔަގީންވީ އެ ފެނުގެ ތެތްކަމަކީ އޭނާގެ ފިޔަވަޅުގެ ނިޝާނަށްވީމައެވެ. ނިތްކުރިއާއެކު އިސްތަށިގަނޑުގައި އަސްލަން ކަނާއަތްތިލަ ހިންގާލިއެވެ. އެނބުރި އައިސް ބަދިގެ ތެރެއިން ވަދެގެން ހުރި ކުޑަކޮޓަރިއަށް ވަނެވެ. އެއީ އެއްޗެހި ދޮންނަ ބައެވެ. އެތަނުގައި ހުރި ކަބަޑެއްގެ ތެރެއިން ފޮތި ފައިފުއްސެއް ނަގައިގެން އައިސް ބޭރު ފާޚާނާގެ ދޮރުމަތީ ބޭއްވިއެވެ. ނޯޔާގެ ކޮޓަރިއަށް އަސްލަން ބަލާލިއެވެ.
"ނިދީތަ؟" އަމިއްލަ ހިތާ އަސްލަންއަށް ސުވާލުކޮށްލެވުނެވެ.
ކޮންމެ ދުވަހަކީ އޭނާ ނޯޔާއާ ކުރިމަތިލާން ޖެހޭނެ ދުވަހެއްކަން ޟަމީރު ހަނދާން ކޮށްދިނެވެ. މިހާރު އެއީ އޭނާގެ އަނބިމީހާކަމެވެ. ދުރުކޮށްލި ނަމަވެސް ދުރުނުވާނޭ ގުޅުމެކެވެ. ދެމީހުންގެ މައްޗަށް ހައްޤުތަކެއްވާ މާތް ގުޅުމެކެވެ. އަމިއްލަ ޟަމީރުގެ އަޑު ގަދަވާން ފެށުމުން އަސްލަންއަށް އުނދަގޫވިއެވެ. ދެފަރާތަށް ބޯހޫރާލެވުމާއެކު ފުންނޭވާއެއް އޭނާ ލިއެވެ. ދުރުދުރުގައި އަޅާލީ ފިޔަވަޅުތަކާއެކު ހަލުވިކޮށް އައިސް ކޮޓަރިއަށް ވަދެ އަވަހަށް ދޮރު ލައްޕާލިއެވެ. ފިލަން އުޅޭ މީހަކު ފަދައިންނެވެ. ޒިންމާތަކުން ރެކެން އުޅޭ މީހަކަށް އަސްލަން ނުވެއެވެ. ނަމަވެސް މިއަދު އޭނާގެ ޢަމަލުތައް އެހެރީ އެފަދައިން ނޫން ހެއްޔެވެ. އެކަން ޚުދު އަސްލަންއަށް ވެސް އެނގެއެވެ.
"ލޯބިނުވާއިރު ގާތްވާނީ ކިހިނެއް؟ ހަށިގަނޑުގެ ގުޅުމަކަށް އަހަރެން ބޭނުމެއްނުވޭ... މިއުޅެނީ އެދުން ނުފުއްދިގެންނެއްނޫން..." ޟަމީރުގެ އަޑުތަކަށް އަސްލަން ރައްދު ދިނީ ހިމޭންކަމާއެކުއެވެ. ރަނގަޅުގޮތް ވިސްނައިދޭން ނޫޅޭށޭ ބުނާ ކަހަލައެވެ.
ދަނޑިމަތިން ނެގި ދުވާހަރުވާޅު ލައިގެން އައިސް އެނދުގައި އަސްލަން އޮށޯތެވެ. އަރިއަކަށް އޮވެ އެނދުގެ އަނެއްފަރާތަށް ބަލަން ފެށިއެވެ. އެ ކޮޓަރީގައިވާ ކޮންމެ އެއްޗެއްވަނީ އޭނާއާއި މައިރާއާ ގުޅިފައެވެ.
"އަސްލަން ދެއަނތްބަށް މީހަކާ އިނދެފާނަންތަ؟"
ސޮހިގެން ދިޔަ ފަރުދާއިން މާޒީގެ ކުލަރީތި މަންޒަރު އަސްލަންއަށް ސިފަވާން ފެށީއެވެ. އަނުމްއަށް ބަލިވެ އިން މައިރާގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ބާއްވާފައި ގެއަށް ގެނައި ދުވަހުގެ ރެއެވެ. އެ ސުވާލައަކީ އެރޭ ދެމީހުން ނިދަން ތިބިއިރު މައިރާ ކުރި ސުވާލެކެވެ.
"ކީއްކުރަން؟ މައިރާ ފުދޭ އަހަންނަށް." އަސްލަން ޖަވާބުދިނި ނުހަނު އަވަހަށެވެ.
"ނުފުދޭތީއެއްނޫން... ހަޔާތުގައި އަތުވެދާނެއެއްނު އެވަރުގެ ޑިޒިޝަންއެއް މޭކްކުރަން ޖެހޭ ވަގުތެއް، މުސްތަޤުބަލްގައި ކަންވާނޭ ގޮތެއް ނޭނގެއެއްނު، ފިރިހެނުން ވަރަށް ކުރާހިތްވާކަމެއްނު." ފަހުން ބުނެލި ވާހަކައާއެކު މައިރާ ހީނލީއެވެ.
"ތިއުޅެނީ އަހަރެން ލައްވާ އެއްޗެކޭ ކިޔުއްވަން..." ޖަވާބެއްދޭން އަސްލަން ދެކޮޅު ހެދިއެވެ.
"ދެން ބުނެބާ... ޕްލީޒް..."
"ނުކުރާނަން... ދުވަހަކުވެސް ނީންނާނަން... މައިރާނޫން އަނތްބަކު އަހަރެންގެ ނުހުންނާނެ، މައިރާ ނޫނިއްޔާ އަހަރެން ގާތްވާނެ އަންހެނަކު ވެސް ނުހުންނާނެ، އަހަރެންގެ ކުރިމަތީ އެއްވެސް އަންހެނަކު މައިރާއާ އެއްވަރެއްނުވާނެ، ތީ ހަމައެކަނި އަހަރެން ލޯބިވާ މީހަކީ، އަހަރެންގެ ދަރިއަކު ހުރިއްޔާ، އެކުދީންގެ މަންމައަކީ ހަމައެކަނި ތީ، މައިރާ ހުއްޓަސް ނެތަސް މި ނިންމުން ބަދަލެއްނުވާނެ، މިނޫން އިތުރު ދިރިއުޅުމެއް ބޭނުމެއްނޫން... ސާފުތަ؟"
ލޮލުން ފާއްދާލި ކަރުނަ އަސްލަން ފުހެލިއެވެ. އެނދުގައި އުއްޑުން ވެލިއެވެ. އެ ހަނދާންތައް އާވީ ސަބަބަކާ ނުލައެއް ނޫނެވެ. ހިތުގައި ޖެހިފައި އަސްލަން ވިއެވެ. މައިރާގެ ގާތުގައި އޭރު އަސްލަން ވާހަކަދެއްކީ ކިހާ ޔަގީންކަމާއެކު ހެއްޔެވެ. ދުވަހަކުވެސް މައިރާނޫން އަންހެނަކު ހަޔާތަށް ނުގެންނާނަމޭ ބުނި ބުނުން ބާޠިލް ވެއްޖެއެވެ. އެބަހުގެ އަގެއްނެތްކަން ވިސްނުނެވެ. ހަޔާތުން އެންމެ ލޯބިވި އިންސާނާގެ ކުރިމަތީ ވީ ވަޢުދު އުވިއްޖެއެވެ. އެހެންވިޔަސް ހިތް ބަދަލެއްނުވެއެވެ. އަދިވެސް އަސްލަންގެ ހިތުގައިވަނީ މައިރާއެވެ. އެ ލޯބި ވަކިވުމުން ހެދުނު ރޯފާރު ނުހިކެވެ. ވަށައިގެންވަނީ އެކަނިވެރިކަމުގެ ހިމޭންކަމެވެ. އިޚްސާސްތަކާއި ޖަޒުބާތުތައް ގަނޑުވެ ހިލައަށްވެފައިވާ ކަހަލައެވެ. ދިރުން ނެތިގެން ނުދާހާ ހިނދަކު ހިލައިގެ ބުދަކަށް ވެސް ހަރަކާތްކުރެވޭނެއެވެ. އެ އިޚްތިޔާރު ލިބިގެންވާނެއެވެ. އެފަދަ ބުދަކާ އޭނާއާ ހުރީ ކޮންތަފާތެއް ހެއްޔެވެ. ތިން އަންހެން ދަރީން ކޮންމެ ދުވަހަކު އޭނާއަށް ހަނދާންކޮށްދެނީ ވަކިވެގެން ދިޔަ އަނބިމީހާއެވެ. އެއްކޮށް އުޅުނު އުފާވެރި ދުވަސްތަކެވެ. ކުރި އުންމީދުތަކާއި ދުށް ހުވަފެންތަކެވެ.
"އައި އޭމް ސޮރީ..." މަޑު އާޙެއް ފަދައިން އަސްލަންގެ ދުލުން ބަސްތައް އިވިލިއެވެ. މައިރާގެ ގާތުން މަޢާފަށް އެދެން އެ ހިތް ބޭނުންވީ ފަދައެވެ.
* * * * *
ސިހިފައި ތެދުވެވުނު ރޫމާގެ އަތުގައި އައްޔޫބު ވަގުތުން ހިފިއެވެ. ކިހިނެއްތޯވީ އަހާލުމާއެކު ނުބައި ހުވަފެނެއް ފެނުނީތޯ ސުވާލުކުރިއެވެ. ރޫމާ ބޯޖަހާލީއެވެ. އަލުން އޮށޯތެވެ. ދެ ލޯ މަރާލީ ފިރިމީހާއާ ވާހަކަދައްކަން ބޭނުންނުވެފައި އޮވެއެވެ. އޭނާގެ ސިކުނޑި ހާސްކުރުވަނީ ނޯޔާގެ ޚިޔާލުތަކެވެ. ކައިވެނީގެ ފުރަތަމަ ރޭ ކަން ހިނގާނޭ ގޮތް ރޫމާ ވެސް ތަޖުރިބާ ކުރިއެވެ. މިއަދު އެ ރެޔާ އޭނާގެ ދަރިފުޅު ކުރިމަތިލާއިރު އަސްލަންއަކީ އެ ދަރިފުޅުގެ މައްޗަށް އޯގާތެރިވާނޭ ފިރިއެއްބާއޭ ހިތަށް އަރަނީއެވެ. ފިރިމީހާގެ ކެތްތެރިކަމާއި އޯގާތެރިކަން ނުހަނު ބޭނުންވާނޭކަން ރޫމާއަށް އެނގެއެވެ. އޭނާގެ ދަރިފުޅާ މެދު އަސްލަންގެ ޢަމަލުތައް ހައްދުފަހަނަ އާޅާފާނޭތީ ބިރުގަންނަނީ އެވެ. މަޑުމަޑުން ހަރަކާތްކޮށްލި ދުލުކުރީގައި ﷲގެ އިސްމުފުޅުވިއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭ އޭނާގެ އަމާންކަން ނަގާލައި ހިތްބިރުގަންނުވާ ޝައިޠާނާގެ ކިބައިން ސަލާމަތްވާން ގަސްދުކޮށެވެ. އެހެންނޫނީ އެ ބިރު ބައްޔަކަށް ވެދާނޭ ރޫމާއަށް ހީވެއެވެ.
* * * * *
ފަތިސް ނަމާދު ކޮށްލައިގެން ކިޔަވަން ވަގުތުކޮޅަށް ނޯޔާ މަޑުކޮށްލިއެވެ. އިރުއެރުމުގެ ކުރީން އޭނާ ކޮޓަރިން ނުކުތެވެ. ބެލްކަނި ނިވާ ކުރުމަށް ދަމާފައި ހުރި ފަރުދާ ކަހާލިއެވެ. އިރުއަރަންވާއިރަށް ބެލްކަނީގެ ދޮރު ހުޅުވާލިއެވެ. ބަދިގެއަށް ވަނީ ސައިތަށްޓެއް ވިޔަސް ބޯލަން ބޭނުންވެފައި ހުރިވަރުންނެވެ. ރޭ ހަތަރުދަމު ބަނޑަށް ކުޅުޖަހައިގެން ހުރެހުރެ އޭނާ ހުރީ ވަރަށް ބަނޑުހައި ވެފައެވެ.
ކޮޓަރިން ނުކުމެވުނު އަސްލަންއަށް ކަބަޑުތައް ހުޅުވަން ހުރި ނޯޔާ ފެނުނެވެ. މަޑުމަޑު ރީނދޫ ކުލައިގެ ޓީޝާޓު ފޮތީގެ ދޫ މެކްސީގައި ބުރުގާ އަޅައިލައިގެން ހުރިއިރު ވަރަށް އާދައިގެއެވެ. ޖެހިލުންވެފައި ހުރެ ވެސް ޢަރަބި ބަހުން ހެނދުނު ސަލާމް ނޯޔާ ކޮށްލީ ސަމާސާއެއް ފަދައިންނެވެ. އޭނާ ކިޔަވަން އުޅުނުއިރު އަރަބި ކިޔަވަން ޖެހުނެވެ. ކިތަންމެ ފޫހިވި ނަމަވެސް ހިސާބަކަށް އޭނާއަށް އަރަބި ބަސް ދަސްވީ އެހެންވެއެވެ. ކޮށްލި ސަމާސާއަށް އަސްލަން ކަންތައްކުރާ ގޮތެއް ބަލަން ނޯޔާ ހުއްޓެވެ. ހައިރާންވި އަސްލަން މަޑުޖެހިލިއެވެ. ޖަވާބެއް ނައުމުން ނޯޔާ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ.
"އޭނާ އަހަންނާ ސަމާސާއެއް ކުރީތަ؟" އަސްލަންއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. އެ އަލި މޫނަށް ނަޒަރު ހުއްޓޭ ކޮންމެ ފަހަރަކު އަޖައިބުވާ ފަދަ ފިނިކަމެއް އިޙްސާސް ކުރެވެންވީ ސަބަބެއް ވެސް އަސްލަންއަކަށް ނުވިސްނެއެވެ.
"ހެނދުނު ސައިބޮނީ ކިހިނެއް؟" ކަބަޑުގެ ދޮރުފަތް ލައްޕާލަމުން ނޯޔާ ބުންޏެވެ. ލިބުނު ހައިރާންކަމުގެ އަސަރު ފޮރުވާލައި އަސްލަން ބަދިގެ ކައިރިއަށް އައެވެ.
"ސީރިއަލްއާ މިލްކް ހުންނާނެ، އެހެން އެއްޗެހި ގަންނަން ޖެހޭނީ، މަންމަ ބަޔަށް ކާގަޑީގަ ދާތީ މިބައިގަ ނުހުންނާނެ އެއްވެސް އެއްޗެއް." އަސްލަން އޮޅުން ފިލުވައި ދިނެވެ. ނޯޔާ ބޯޖަހާލީއެވެ. ނަމަވެސް އެ ތުނި މަޑުފިޔާތޮށި ކުލައިގެ ތުންފަތަށް ގެނައި ހަރަކާތް އަސްލަންއަށް ފާހަގަނުވެ ނުދިޔައެވެ.
"ބަނޑުހައިވީތަ؟" އަސްލަންއަށް ފާހަގަވީތީ އަހާލެވުނެވެ. ނޯޔާ ބޯޖަހާލީއެވެ. އަސްލަންއަށް އެހިނދު ސިފަކުރެވުނީ ކުޑަކުއްޖެއްގެ ފުށުން ފާޅުވެލާނޭ ފަދަ މަޢުޞޫމް ކަމެކެވެ.
"މިގަޑީ ސައިތަށްޓެއް ނޫނީ ކޮފީއެއް ބޯލަން ބޭނުން." ނޯޔާ ބޭނުންވާ ގޮތް ފާޅުކުރިއެވެ. ހިތަށް އަރުވައިގެން ހުއްޓަސް އެކަމުން ފައިދާއެއް ނުކުރާނޭކަން އެނގޭތީއެވެ. ހަމައެއާއެކު އޭނާގެ ހިތް އެނގެން މަސައްކަތްކުރާނޭ މީހަކަށް އަސްލަން ނުވާނޭ ހީކުރެވޭތީއެވެ.
އަސްލަން އައިސް ތިރީ ކަބަޑުސެޓުން ވަތްގަނޑެއް ދަމާލިއެވެ. އޭގެ ތެރެއިން ކުޑަ ކޮފީ ދަޅެއް ނަގައި މަތީގައި ބަހެއްޓާލުމަށްފަހު އޭނާ ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ.
"ކޮފީ ތަށްޓެއް ހަދައިދެންތަ؟" ގޮސްގޮސް ހުރި އަސްލަންއަށް ބަލާލައި ނޯޔާ އަހާލިއެވެ. ފިޔަވަޅު ހުއްޓި އެނބުރި ނޯޔާއަށް ބަލާލި އަސްލަން ބޯޖަހާލީއެވެ.
"ސްޓްރޯންގްކޮށްތަ؟ ބްލެކް އޯ މިލްކް... ޝުގާ..." ނޯޔާ ވާހަކަދެއްކީ ނިކަން އަވަސްއަވަހަށެވެ. އަސްލަން އެނބުރި ހިނގައިދާނޭތީވެ އޭގެ ކުރިން ހުރިހާ އެއްޗެއް އޮޅުން ފިލުވަން ބޭނުންވެފައި ހުރި ކަހަލައެވެ.
"ބްލެކް... އެހާ ގިނައެއްކޮށްނޫން، މެދާ ހަމައަށް ރަނގަޅުވާނެ، ދެން ޝުގާއެއް ނުހުންނާނެ." ނޯޔާ އެހީތީ އަސްލަން ކިޔާދިނެވެ.
ދެ ކޮފީތަށި ނޯޔާ ތައްޔާރުކޮށްލިއެވެ. އެ ދެ ޖޯޑު ހިފައިގެން އޭނާ އަސްލަންގެ ކައިރިއަށް ބެލްކަންޏަށް ނުކުތެވެ. ފަޒާގައި މަޑުމަޑު ފިނިކަމެއް އެކުލެވިފައި ވިއެވެ. އެ ފިނިކަން ދުނިޔެ މައްޗަށް އިރު ބޯދިއްކޮށްލާ ހިނދުން ނެތިގެން ދާނޭކަން ޔަގީނެވެ. އަސްލަން އެނބުރިލީ ނޯޔާ އެތަނަށް އައިކަން އެނގިގެންނެވެ. ދިއްކޮށްލި ޖޯޑުގައި ހިފާލުމާއެކު އަސްލަން ޝުކުރު އަދާކުރިއެވެ. ދެ ޒުވާނުން ހިމޭންކަމުގައި ބެލްކަނީގެ ފާރުބުރީގައި އަޅާފައިވާ ދަނގަނޑު ހޮޅީގައި އަތްއަޅުވާލައިގެން ތިއްބެވެ. ބަހާލައިގެން އެއްވަރަކަށް ކޮފީ ޖޯޑުން ބޮމުން ދިޔަ ކަހަލައެވެ.
"ބޭބީ... ނިދާފަތަ؟" އަސްލަން ވާހަކައެއް ނުދައްކާނޭކަން ހީވެ ނޯޔާ އިސްނެގިއެވެ.
"ހޭލާއުޅެފަ ނިދިއްޖެ." ކުޑަކޮށް ނޯޔާއާ ދިމާއަށް އަސްލަން އެނބުރިލިއެވެ. ފަރުވާތެރިކަމާއެކު ނޯޔާގެ މޫނަށް ބަލަން ފެށިއެވެ. މަޢުޞޫމްކަމެއް ލިބިފައިވާ އެފަދަ ރީތިކަމެއް އަސްލަން ވެސް ދުށީ އަލަށެވެ. އެއީ ދެބަސްނުވެވޭނޭ ފަދަ ހިތްގައިމުކަމެއްކަން ޔަގީނެވެ. ބަލަން ހުރެވެނީ އެހެންވެއެވެ. އިރުއިރުކޮޅުން ބަދަލުކޮށްލާ ހިނިތުންވުމާއެކު ތުންފަތް ދެމިލާއިރު ޖާދުވީ އަސަރެއް ވާ ކަހަލައެވެ. އޭނާއަކީ ބަލިކަށި މީހެއްނަމަ އެ ރީތިކަމުގެ އާރުން އަރުތެރޭގައި އުފެދޭ ކަރުހިއްކުމުގެ ހޫނުކަން ފިނިކޮށްލެވުނީ ހެއްޔެވެ. ޚާއްޞަކޮށް އެ އަރާމާއި ނިޢުމަތް ލިބިގަތުމުގެ ހައްޤު ލިބިފައިވާއިރު އެވެ.
"ރޭގަ ނުނިދަންތަ؟" އަސްލަން ބަލަން ހުރި ގޮތުން ނޯޔާ އިސްޖަހާލި ހިނދު އަހާލިއެވެ.
"އާތަނެއްވީމަ... ފަހުން ރަނގަޅުވާނެ." ބޮޑުކަމެއްނުވެޔޭ ބުނަން ބޭނުންވާ ފަދައަކުން ނޯޔާ ބުނެލިއެވެ. އެއާއެކު ހިނިތުންވެލިއެވެ. ނަމަވެސް ސުވާލު އުފެދުނީ އަސްލަންއަށް އެނގުނު ގޮތަކާމެދުއެވެ. އޭނާ ވެސް ރޭގައި އުޅުނީ ނުނިދާބާއޭ ނޯޔާ ވަގުތުން ހިތަށް އެރިއެވެ. ފެންބޯން ކޮޓަރިން ނޯޔާ ނުކުތްކަން އަސްލަންއަށް އެނގުނީބާއެވެ. ނުނިދިގެން ފެންތަށި ހިފައިގެން ކާމޭޒުކައިރީ ނޯޔާ ވަރަށް ގިނައިރު އިނެވެ.
"މަންމަ ބުނި އެބަޔަށް ސައިބޯން އަންނަން، ހުކުރު ދުވަހު އެންމެން މެންދުރު ކާނީ ވެސް އެބައިން." އަސްލަން ބުންޏެވެ.
"ނޯޔާ..." އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރެފައި އަސްލަން ގޮވާލިއެވެ. ނިކަން ސީރިއަސް ގޮތަކަށެވެ. އޭނާ މުހިންމު ވާހަކައެއް ދައްކަން އުޅޭކަން ނޯޔާ ދެނެގަތީ އެހެންވެއެވެ. އަސްލަން އެދުނު ސަމާލުކަން ނޯޔާ ދިނެވެ.
"މަންމަ ވަރަށް ސުވާލު ގިނަވާނެ... ބައެއްފަހަރު ޕާސަނަލް ސުވާލު ވެސް ކޮށްފާނެ."
"އެކަމާ އަޅާނުލާ، އަހަރެންނަށް މެނޭޖްކުރެވޭނެ... ކަންބޮޑުވާންޖެހޭވަރުގެ ވާހަކައެއް އަހަރެން މީހެއް ކައިރީ ނުދައްކާނަން."
އަސްލަން ބުނަން ބޭނުންވި ވާހަކަ ނޯޔާ ނަގައިގަތްލެއް އަވަހެވެ. އެކަން އަސްލަންއަށް ވިސްނުނެވެ. އޭނާއާއި ނޯޔާގެ ދެމެދުގައި އޮތް ގުޅުން އެހެން ބަޔަކަށް އެނގެން އަސްލަން ބޭނުމެއްނުވެއެވެ. އެއީ އޭނާގެ މަންމައަށް ވިޔަސް އެވެ.
"ކުދީން ކިހިނެއް ދެކެނީ؟ އަހަރެންދެކެ ރުޅިއައިސްފަތަ؟" ނޯޔާ ވެސް ކުރިމަތިލުމުގެ ކުރީން ނަފްސު ތައްޔާރުކުރަން ބޭނުންވިއެވެ.
"އެ ދެބެން ވަރަށް ޚިޔާލު ތަފާތުވާނެ، އުޅޭއުޅުން ވެސް ތަފާތުވާނެ، މަލްސާ ކަންކަމާ އަޅާނުލާނެ، އެކަމަކު ސާރާ ވަރަށް ވިސްނާނެ... މާގިނަ ވާހަކައެއް ނުދައްކާ މެރީކުރަނީކަން ބުނީމަ، ނޯޔާ އުޅޭނީ މިގޭގަތޯ އެހީ، މަންމަ ކުރާ ހުރިހާކަމެއް ކުރާނީ ނޯޔާތޯ ވެސް އެހި، މާމަ ވެސް ހުރިހާކަމެއް ކޮށްދޭކަން ފާހަގަކުރީ."
"މާމަ ހުރިހާ ކަމެއްކޮށްދެއްމުން ދަނިކޮށް އަހަރެން އައުމުގެ ބޭނުމެއްނެތް." ސާރާގެ ވިސްނުން ލަފުޒުތަކެއްހެން ނޯޔާ އަތުރާލިއެވެ. އޭނާއަށް ބަލަން ހުރެފައި އަސްލަން ހަމައެކަނި ބޯޖަހާލީއެވެ. ނޯޔާއަށް ވިސްނުނީ ރަނގަޅަށޭ ބުނާށެވެ.
"ސާރާ ވަރަށް ބަސްއަހާނެ، ނޯޔާއަށް އުނދަގުލެއްނުކުރާނެ." އަސްލަން ދަރިފުޅު ދިފާއުކުރިއެވެ. ނޯޔާ ހަމައެކަނި ހިނިތުންވެލީއެވެ. އޭނާ މިދިރިއުޅުމަށް އެއްބަސްވީ ދަތި އެތައް ހުރަސްތަކެއް ކުރިމަތިވާނޭކަން އެނގިހުރެއެވެ. މަންމައަކާ ވަކިވެފައިވާ ކުޑަކުޑަ މަޢުޞޫމް ކުއްޖެއްގެ ޖަޒުބާތުތައް ހުންނާނޭ ގޮތް އިޙްސާސް ނުކުރެވުނަސް އެކަމާމެދު އޭނާ ނުހަނު ބޮޑަށް ވިސްނާނެއެވެ. އެ އުމުރަކީ ތަރުބިއްޔަތަށް އެކުދީން ހޭނި ގޮތަކަށް ހޭނޭނޭ އުމުރެވެ. އެ ބާރު ނޯޔާގެ އަތްމަތީ އެބައޮތެވެ. އެކުދީންނާމެދު އޭނާ އެއްފަހަރު ވެސް އިހާނެތިނުވާނެއެވެ.
"އަހަރެން ދޮވެލާނަން." ހުސްކުރި ކޮފީޖޯޑު ހިފައިގެން ސިންކުގެ ކައިރިއަށް އަސްލަން އައުމުން ނޯޔާ ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ ސިންކުގައި ޖޯޑު ބަހައްޓާފައި އަސްލަން ދިޔައީ ކޮޓަރިއަށެވެ.
ޖޯޑުތައް ދޮވެފައި ނޯޔާ އެނބުރިލީ ކާމޭޒު ކައިރިއަށެވެ. އެތާ އޭނާ ބޭއްވި ފޯނުގެ މަތިން ހަނދާންވީ ދެނެވެ. ފޯނު ނަގައި ޔަޝާއަށް މެސެޖުކޮށްލިއެވެ. ރޭގައި އަސްލަންމެންގެ ބަޔަށް އެންމެން ވަންއިރު ވެސް އޭނާ ނާންނަކަން ނޯޔާއަށް ފާހަގަވިއެވެ. ގެއަށް ދިޔަގޮތެއް ވެސް ނޭނގެއެވެ. އެންމެން އައިއިރު ޔަޝާ ކޮބާތޯ ސުވާލުކުރަން ނޯޔާ ބޭނުމެވެ. ހެނދުނު ހެނދުނާ ހޭލައިގެން ޔަޝާ ނޫޅޭނެކަން އެނގޭތީވެ ނޯޔާ ގުޅީ ޔަގީނުން ވެސް ހޭލާ އުޅޭނެ މީހަކަށެވެ.
"ގުޑް މޯނިންގް ސިސް." ފޯނުން އިވުނީ ނެހާ އަޑެވެ.
"ގުޑް މޯނިންގް، ރޭގަ ޔަޝާ މާއަވަހަށް ދިޔައީތަ؟ ތާތި ކީއްވެ އޭނާ މަޑުނުކުރުވީ، އަނެއްކާ ޓެކްސީއެއްގަތަ ދިޔައީ؟" ނޯޔާ ވަގުތުން އަހާލިއެވެ.
"ފޯނެއް އައިސްގެން ތިރިޔަށް ދިޔައީ، ޓެކްސީއަކަށް އަރުވައި، ފައިސާ ވެސް ދީފަ އެކުއްޖާ ފޮނުވާލީ... އޯކޭ..." ނެހާ ބުންޏެވެ.
"ތޭންކްސް."
"ކީއްކޮށްލަނީ؟" ނެހާ އަހާލިއެވެ.
"ކޮފީ ބުއީ... ތާތި، ފަހުން ގުޅާލާނަން އިނގޭ." އަނުމް އުރާލައިގެން އަސްލަން ކޮޓަރިން ނުކުތްތަން ފެނުމާއެކު ނޯޔާ ބުންޏެވެ.
"އަސްލަން ހުރީތަ" ނެހާ އަހާލިއެވެ. އެއާއެކު ހޫންއެއް ލައްވާލައި ނޯޔާ ފޯނު ކަނޑާލިއެވެ.
"އަހަރެން އުރާލަންތަ؟" ސޯފާތަކާ ދިމާއަށް އައި އަސްލަންގެ ގާތުން ނޯޔާ އެއްސެވެ. އަދި އައިސް އަސްލަންގެ ގާތުގައި ސޯފާގައި އިށީނެވެ. ނޯޔާގެ އަތަށް އަނުމް ދިއްކޮށްލިއެވެ. ދެމީހުންނަށް ތިބެވުނީ ކިހާ ކައިރީގަކަން އިޙްސާސް ކުރެވުނި އަސްލަންއަށެވެ. ނޯޔާގެ ސަމާލުކަމާއި ޝައުގުވެރިކަން ހުރީ ކުޑަކުޑަ އަނުމްއަށް ދެވިފައެވެ. އެކުއްޖާ އުރާލުމުގެ ތެރޭ އަސްލަންގެ އަތުގައި ނޯޔާ ހިފާލިއެވެ. އެ އަތްތިލައިގެ މަޑުކަން އަސްލަންއަށް އިޙްސާސް ކުރެވުނެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސްވިކަން އަސްލަންއަށް އެނގުނެވެ. ދަރިފުޅުނެތްނަމަ އޭނާއަށް އަތްތިލަ ދަމައިގަނެވުނީސްކަން ޔަގީނެވެ. ނޫނީ އެހާގާތުގައި ނޯޔާ އިނުމަށް ފުރުޞަތެއް ވެސް ނުދެވުނީހެވެ. އެއަށްވުރެ ބޮޑަށް އަސްލަންއަށް އުނދަގޫވީ ނޯޔާ ކައިރިވެލާ ކޮންމެ ފަހަރަކު އެ ނޭފަތުން ލާފައި ސިކުނޑިއަށް ބާރުފޯރުކުރާ މަޑު ހުވަނދުގެ ވަހެވެ. އަރާމުކަމެއް ގެނުވާފަދަ މީރު ފޮނިފޮނި ވަހެކެވެ.
"އަހަރެންގެ ކެތްތެރިކަމުގެ އިމްތިހާނަށް މި އަންހެންކުއްޖާވާނެކަން ޔަގީން." އަނުމް އުރާލި ނޯޔާއަށް ބަލަން އިނދެ އަސްލަންގެ ހިތާ ވާހަކަދައްކަމުން ދުރަށް ޖެހިލިއެވެ.
"އަހަންނަކީ ކާކު؟ އެކުދީން އަހަންނަށް ކިޔާނީ ކީކޭ؟" އަނުމްގެ ކޮލުގައި ކޮއްޓާލިއިރު ނޯޔާގެ ހިތުގައިވީ އެ ސުވާލު ތަކެވެ. ސަބީނާއަކީ އޭނާގެ މަންމައެއްނޫނޭ ހިތަށްއެރިއިރު އޭނާއަކީ ވެސް އެކުދީންގެ މަންމައެއް ނޫނެވެ. އެހެންވިޔަސް މަންމައަށް ވާން ނޯޔާ ގަސްދުކުރެއެވެ. އެކުދީން އޭނާއަކީ މަންމަ ކަމުގައި ދުށުމަށް އެ ހިތް އެދެއެވެ. އެ މާތް ދަރަޖައާއި ޝަރަފު ލިބުމަށް އެދެވެއެވެ.
(ނުނިމޭ)