ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓަކާ ނުލައި 120 ކެންޑިޑޭޓުން އިންތިހާބު ވެއްޖެ

ލޯކަލް ކައުންސިލަށާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަަކަށް މެމްބަރުން އިންތިހާބުކުރަން ވޯޓު ލުމުގެ ކުރިން 120 މެމްބަރަކު އިންތިހާބު ވެއްޖެ އެވެ.

ވޯޓަކާ ނުލައި މެމްބަރުން އިންތިހާބްވީ ބައެއް ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމާއި އިންތިހާބު ކުރަން ޖެހޭ އަދަދަށް ނޫނީ އެއަށްވުރެ މަދުން ކުރިމަތިލާފައިވުމުންނެވެ.

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަަކަށް 90 މެމްބަރުން އިންތިހާބުވެފައިވާއިރު ކައުންސިލްތަކަށް 30 މެމްބަރުން އިންތިހާބްވެފައިވެ އެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދަން ހުޅުވާލި ފުރުސަތު މިމަހު 11 ވަނަ ދުވަހު ހަމަވި އިރު އަންހެނުންގެ ކޮމެޓީތަަކަށް ކުރިމަތިލި 139 މީހަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަދި ކައުންސިލްތަކަށް ކުރިމަތިލި 169 މެމްބަރަކު ވަނީ ނަން ގެންގޮސްފަ އެވެ.

ހަތް ރަށެއްގެ އަންހެނުންގެ ކޮމެޓީއަށް އެކަށީގެންވާ އަދަދަށް އަންހެނުން ކުރިމަތި ނުލާތީ އެ ދާއިރާތަކަށް އަލުން ހުޅުވާލަންވެސް މިހާރު ވަނީ ނިންމައިފަ އެވެ.

ކައުންސިލް އިންތިހާބް އަންނަ އޭޕްރީލް މަހު ބާއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.