މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މި މަހުގެ ދެވަނަ ދުވަހު އެޅި ފިޔަވަޅުތައް އިތުރު ދެ ހަފްތާއަށް އިތުރުކޮށްފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެޅި ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ދެ ހަފްތާގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.
ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ފިޔަވަަޅުތައް ވަރުގަދަ ކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4.30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކުރީ މި މަހުގެ ދެވަނަ ދުވަހުއެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގަން ނިންމިއެވެ.
ނަމަވެސް އޭގެ ފަހުން ފިޔަވަޅުތައް ހަރުކަށިކޮށް އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އެ ނިންމުން އައީ މިދިޔަ ހުކުރު ދުވަހު އެވެ.
މީގެ އިތުރުން ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ކުރު މުއްދަތަކަށް ޒަރޫރީ ބޭނުމެއްގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑް-19 އިގެ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން ހަމަޖައްސާފައިވާއިރު ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ވަނީ ބަންދުކޮށްފައެވެ. ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.
މިހާރުވެސް ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާކޮށްފައިވާއިރު، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މި ފިޔަވަަޅުތައް އިތުރު ދެ ހަފްތާގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.