މުހައްމަދު މަލީހު ޖަމާލް

މަޖިލީހުގެ ނޯޓިސް އަނބުރާ ފޮނުވާލާނަން: މަލީހު

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ނޯޓިސް މާދަމާ އަނބުރާ ފޮނުވާލާނެ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވެއްޖެ އެވެ.

ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިއުކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމާއި އެހެނިހެން މައްސަލަތައް ފެންމަތިކޮށް މަލީހުގެ މައްޗަށް އިތުބާރު ނެތް ކަަމުގެ ވޯޓު ނަގަަން، މެންބރު އަލީ އާޒިމް މިދިޔަ ބުދަ ދުވަހު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

މަޖިލީހަށް އެ މައްސަލަ ހުށަހެޅުމަށް ފަހު އެކަމާ ގުޅޭ ގޮތުން އެއްވެސް އަޕްޑޭޓެއް ރައީސް ނަޝީދު ދެއްވައިފައި ނުވާތީ އާޒިމް ވަނީ މިއަދުގެ ހެނދުނު ނިޒާމީ ނުކުތާ ނަންގަވައި ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

"އަޅުގަނޑު ވާނީ އެ ވަޒީރަށް ސިޓީން ދަންނަވާފައި ޖަވާބުދާރީ ވުމަށް. ގާނޫނުގައި ވާގޮތަށް އެކަން ކުރިއަށް ދާނެ" އާޒިމްއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

މަލީހު ދެންމެ ވިދާޅުވީ މަޖިލީހުގެ ނޯޓިސް ލިބިފައިވާ ކަމަށާ ނަމަވެސް ގަރާރު ތައްޔާރު ކުރެއްވި މެންބަރު މަޖިލީހުގެ 14 މެންބަރަކަށް އޮޅުވާލާފައިވާ ކަމަށެވެ. އެއީ ސުލޫކީ މައްސަލައެއް ކަމަށާ އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ގަރާރު ބާތިލު، ހަމަނުޖެހޭ ދޮގު ވާހަކަ، ނަން ދިމާ ނުވޭ، ވަރަށް ބޮޑު ގާނޫނީ މައްސަލަތަކެއް. މާދަމާ ނޯޓިސް އަނބުރާ ފޮނުވާލަން،" މަޖިލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މަލީހުގެ މައްޗަށް އިތުބާރު ނެތް ކަަމުގެ ވޯޓު ނަގަން ހުށެހެޅި 14 މެމްބަރުންގެ ސޮޔާއެކު އެވެ. އޭނާ މަގާމުން ވަކިކުރަން 43 ވޯޓު މަދުވެގެން ބޭނުންވާނެ އެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ އަހަރު ފަހުކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުންވެސް އޮތީ ނިންމައިފަ އެވެ. ނަމަވެސް އެކަން މަޖިލީހުގެ ތެރެއިން ކުރިއަށް ގެންގޮސްފައިނުވާތީ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މަލީހުގެ އިތުބާރު ނެތް ކަަމުގެ މައްސަލައިގައި ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ރައީސްގެ ތަރުޖަމާނު އެންމެ ފަހުން ވިދާޅުވީ އެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ގޮތެއް ނުނިންމަވާ ކަަމަށެވެ.