ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 129 މީހަކު ޕޮޒިޓިވްވެ ނަންބަރު 18،000 އިން މައްޗަށް

ރާއްޖެއިން އިތުރު 129 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 18,082 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 120 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ނުވަ މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. މިއަދު ހެދީ 5،045 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،384 މީހުންނެވެ. މިހާތަނަށް 15،633 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 190 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 50 ދިވެހިންނާއި 8 ބިދޭސީއެކެވެ. މި މަހު މިހާތަނަށް ކޮވިޑް ބަލީގައި ހަ މީހަކު މަރުވެއްޖެ އެވެ. އަދި މިދިޔަ ޖަނަވަރީގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މި މަހުގެ ދެވަނަ ދުވަހު އެޅި ފިޔަވަޅުތައް އިތުރު ދެ ހަފްތާއަށް މިހާރު ވަނީ އިތުރުކޮށްފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެޅި ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ދެ ހަފްތާގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.