40 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ކުރިން ވެކްސިން ދެމުން އައީ 45 އަހަރުން މަތީ މީހުންނަށް އެކަންޏެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ. އެޗްޕީއޭއިން މިރޭ ބުނީ 40 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށާނެ ކަމަށެވެ.
މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.
ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 50،047 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ. މިއަދު ވަނީ 6،230 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 4،020 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 2،090 މީހެކެވެ. މިއީ އަތޮޅުތެރެއާ މާލެ ހިމެނޭހެން އެންމެ ގިނަ މީހުންނަށް ވެކްސިން ދިން ދުވަހެވެ. ރިސޯޓްތަކުން 219 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މިހާތަނަށް މާލެ ސަރަހައްދުން 39،309 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 10،519 މީހަކަށް ވެކްސިން ދީފައިވެއެވެ.