ވާހަކަ

ޝިކާރަ

(ފުރަތަމަ ބައި)

އެއީ 2030 ވަނަ އަހަރުގެ މެދުތެރެއެވެ. ތަހުޒީބާއި ތަރައްގީގެ ކުލަތަކުން ރާއްޖޭގެ އެކި ކަންކޮޅުތައް ވިދަމުން ދިޔައެވެ. ސަރުކާރުތައް އާވަމުންދާ ވަރަކަށް ހިންގުނު އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެ އޮތީ ބަދަލުވެފައެވެ. ބައެއް ހުވަފެންތައް ހަގީގަތަކަށް ވެފައެވެ. ހުވަފެންތަކުގައި ކުލަ ޖެހިފައެވެ. ނަމަވެސް ގިނަ ކުރެހުންތައް ހުރީ ކަރުދާހުގައެވެ. ކުރެހި ގޮތަށެވެ. ބައެއް ތަސައްވަރުތަކަކީ ހަމައެކަނި ދުލުކުރީގެ ތަރައްގީތަކެކެވެ.

ޒަމާނާއެކު ލިބުނު ފަހިކަމުން ކުރިން ނުފެންނަ އެތައް ކަމެއް، އެތައް ކުލައެއް ވަނީ ދިވެހިންގެ ދިރިއުޅުމުގައި ވަކި ހިއްޕައިލައިފައެވެ. ހީނުކުރާ އެތައް މަންޒަރެއް ރެއާއި ދުވާލު ދަނީ ތަކުރާރު ވަމުންނެވެ. އެހެނަސް، ގާނޫނީ އިމުގެ ތެރެއަށް މީހުންގެ ފިޔޮޅުތަކުގެ ބައްޓަން ހެޔޮކުރުމަށް ވަނީ މަޖުބޫރުވެފައެވެ. ކުރެވެމުން ދިޔަ މަސައްކަތްތަކުގެ ސަބަބުންނެވެ. ހެދެމުން ދިޔަ ގާނޫނު ތަކުގެ ސަބަބުންނެވެ. އެހެންވެ ކުށުގެ ވެށި އޮތީ ކުރިއާ ބަލާއިރު އަމާންކޮށެވެ. ކުށްކުރާ މީހުންގެ އަދަދުވަނީ ނިސްބަތުން މަދުވެފައެވެ. ރާއްޖޭގެ އަމާންކަން ދިވެހިން ވަނީ އަލުން އަނބުރާ ހޯދާފައެވެ. ދުނިޔެ އެކަމަށް ކަޅި އަޅަމުންދިޔައެވެ. ބަލައި ދިރާސާކުރަމުން ދިޔައެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށަކީ ހުޅުމާލެ ކަމުގައި ސިއްކަޖެހުނުތާ އެތައް އަހަރެއްވީއެވެ. ނިސްބަތުން ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންގެ އަދަދު ގިނައެވެ. ހުޅުމާލޭގައި ޒުވާނުންގެ ސިޓީ، ޒުވާނުގެ ނަމުން ނަމަ 'ޔޫތު ސިޓީ' ވަނީ ފުރިހަމައަށް ތަރައްގީކޮށްފައެވެ. އެންމެ ޒަމަނީ ސިޓީއެއް ގޮތުގައެވެ. އެތަނުގައި ޒުވާނުންނަށް ޓަކައި ގާއިމުކުރެވިފައިވާ ވަސީލަތްތައް އިތުރެވެ. ކުޅިވަރު ކުޅޭނެ ތަންތަނާއި މުނިފޫހިފިލާނެ އެންމެ ފަހު ވަސީލަތްތަކެވެ. ހުސްވަގުތުގެ ބޭނުންކުރެވޭނެ ތަފާތު ގޮތްތަކެވެ. އެފަދަ ތަފާތު ވަސީލަތްތަކެވެ.

ޔޫތު ސިޓީގެ އެންމެ މަގުބޫލު އެއްތަނަކީ 'ގަހުވަ ސިޓީ'އެވެ. އެއީ ކޮފީ ޝޮޕެކެވެ. ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑްތަކުގެ ފްރެންޗައިޒު މަރުކަޒެކެވެ. ކޮފީގެ އެންމެ ފަހުގެ އުފެއްދުންތައް އެތަނުން ލިބެން ހުރެއެވެ. އެކި ފްލެވަރތަކުގެ ކޮފީއެވެ. ކޮފީން އުފައްދާ ކާނާގެ ބާވަތްތަކެވެ.

އެއީ ޖާގަ ތަނަވަސް ހިތްގައިމު ފެހި މާހައުލެކެވެ. ދިވެހިވަންތަ ފަރުމާތަކުން ފުރިފައިވާ ތަނެކެވެ. ތަނުގެ މުވައްޒަފުންގެ ޔުނީފޯމަކީ އިހުގެ ދިވެހި ހެދުންތަކެވެ. އެފަދަ ފަރުމާތަކެވެ. އަންހެން މުވައްޒަފުންގެ ޔުނީފޯމަކީ ކަސަބު ލިބާހެވެ. ފިރިހެން މުވައްޒަފުންގެ ޔުނީފޯމަކީ ކަޅު ފޭއްޔާއި އަތްކުރު ހުދު ޓީޝާޓެވެ.

އެ އިމާރާތުގެ ބޭރުގެ މާހައުލުންނާއި އެތެރެއިން ވެސް ހިދުމަތް ލިބެން ހުރެއެވެ. މުޅި ތަން ފަރުމާ ކޮށްފައިވަނީ ހިދުމަތް ހޯދާ މީހުން ގަޔާވާ ގޮތަށެވެ. މިނިވަން ކަމާއެކު ވާހަކަދައްކާ ލެވޭ ގޮތަށެވެ. ވަކިވަކިންނާއި ގުރޫޕުތަކަށް އެކުގައި ހިދުމަތް ހޯދޭނެ ގޮތަށެވެ. ލޯބިވެރިންނާއި އެކަނިވެރިންނަށް ވެސް ފަސޭހައިން ހިދުމަތް ހޯދޭނެ ގޮތަށް ހާއްސަ ތަންތަން އެތަނުގައި ހުރެއެވެ.

އަލޫކަކީ އެތަނުގައި މަސައްކަތްކުރާ އެންމެ ހީވާގި އެއް މުވައްޒަފެވެ. އެތަނުގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފު ވެސް މެއެވެ. އޭނާއަކީ އަންހެން ކުދިން ހިތްކަތިލާ ފަދަ ރީތި ސޫރައެއް ލިބިފައިވާ ޒުވާނެކެވެ. ހަންގަނޑު އަލި މެދު މިނުގެ އިސްކޮޅެއްގެ ވެރިއެކެވެ. އޭނާގެ ހަންޖަރެއް ފަދަ ކަތި ނަޒަރުން އެތައް ކުދިންނެއްގެ ހިތް ޒަހަމުކޮށްފިއެވެ. އެ ޖާދުވީ ހިނިތުންވުމުން އެތައް ހިތެއް ކަތިލެވިއްޖެއެވެ. މޫނުމަތީގެ ބައްޓަމަށް ފުރިހަމަކަން ގެނެސްދެނީ އޭނާގެ ކަށި ތުނބުޅިއެވެ. ތުނބުޅީގެ ފަރުމާއެކެވެ. އެތަނަށް ވަންނަ ޅަނދޮޅު ކޮންމެ ކުއްޖެއްގެ ކަޅި ފުރަތަމަ ވެސް ތަތްވަނީ ސީދާ އޭނާގެ މޫނަށެވެ. އަލޫކަށް އެކަން އެނގެއެވެ. އަލޫކަށް އެކަން ވަނީ މަޖާ ކަމަކަށެވެ. އެއީ ސީދާ ގަސްތުގައި އޭނާ ކުރާ ކަމެއްވީމައެވެ. އެއީ އޭނާ ޖަހާ މަޅިއެއް ވީމަވެ. އެ ވިހަ ހިނިތުންވުމާއި އެ ކަތި ނަޒަރުން އޭނާ ބަލަނީ ވަކި ބަޔަކަށެވެ. ސީދާ އޭނާ ޝިކާރަކުރަން ބޭނުންވާ ކުއްޖާއަށެވެ.

"ހާދަ ރީތި މީހެކޭ." އަމާނީއަށް އެހެން ބުނެވުނީ ބޭއިހުތިޔާރުގައެވެ.

އަމާނީއާއެކު ކޮފީގައި ތިބި އޭނާގެ ދެ ރަހުމަތްތެރިން ވެސް ބަލައިލީ ސީދާ އަލޫކަށެވެ. އަމާނީ އިނީ އަނގަހުޅުވިފައެވެ. ބަސް ހުއްޓިފައެވެ. އޭނާއާ އެކު ތިބި ދެމީހުންގެ ހާލަކީ ވެސް އެއީއެވެ. ގަސްތުގައި އަލޫކު ހީލިއެވެ. އަމާނީގެ އަޑު ނީވޭ ކަމަށް ހަދަމުންނެވެ. އަލޫކުގެ އަމާޒަކަށް ހެދީ ސީދާ އަމާނީއެވެ. އެކަން އަމާނީއަށް ނުވިސްނެއެވެ. މަޑުމަޑުން ލަވަމުން ލަވަމުން ގެނެސް މަޅި މައްޗަށް އަމާނީ އެރުވީ އަލޫކެވެ. އޭނާގެ ކުޅަދާނަކަމާއި ހިތްލެންބުމުގެ ކުޅަދާނަ ކަމުންނެވެ.

"އިތުރު އެއްޗެއް ބޭނުންތޯ؟" ތަބަކުގައި ހުރި ކޮފީތަށި މޭޒު މަތީގައި ބަހައްޓަމުން އަމާނީއާ ދިމާއަށް އަލޫކު ގުދުވެލަމުން އަމާނީއަށް ބަލައިލިއެވެ.

އަމާނީ އެތެރެއަށް ނޭވާ ދަމައިލިއެވެ. އަލޫކުގެ މީރުވަހުން އޭނާ ހިތް ފުރުނެވެ. މަޑުމަޑުން ދެ ލޯ މަރައިލެވުނެވެ. ދެވަނަ ފަހަރަށް ވެސް އޭނާ އެތެރެއަށް ނޭވާ ދަމައިލިއެވެ. އަލޫކު ނޭނގޭ ކަމަށް ހެދިލަމުން އަމާނީއާ ގާތްވެލިއެވެ. އެހެން މީހުންނަށް ކޮފީތަށިތައް ދިއްކޮށްލާ ކަމަށް ހެދެމުންނެވެ. އަމާނީއަށް ހީވީ އޭނާގެ ހިނދުރީގެ ތެރެއިން އަލޫކުގެ ފިރިހެންވަންތަ ހަރަކާތްތައް އޭނާގެ ސިކުނޑީގައި ތަތްވިހެންނެވެ.

"އަލޫކު. ވާވް، ޔޫރ ހޭންޑްސަމް. އޯސަމް." ރޭޝަމް ކިޔައިލީ އަލޫކްގެ ޓީޝަރޓުގައިވާ ނަމެވެ.

"ތޭންކްސް." އަލޫކު ތުންފަތާއި ލޮލަށް ގޮތެއް ހަދައިލަމުން ތިން މީހުންނަށް ބަލައިލިއެވެ.

ތިން މީހުންގެ ކަޅި ވެސް ހުރީ އަލޫކުގެ މޫނަށް ހުއްޓިފައެވެ. އެކަން އަލޫކަށް އެނގެއެވެ. އޭނާ އެއްލީ ހުސްބުޅިއެކެވެ. ކަނިފަތް ވެސް ނެތް ބުޅިއެކެވެ. އަމާނީއާއި ރޭޝަމްގެ އިތުރުން ޒައިނާ ވެސް އޭނާގެ ބުޅިއަށް އެމުނުނެވެ. ގަސްތުގައި އަލޫކު އެމީހުން މޮޔަކުރުވީއެވެ. އޭނާގެ އަވާގައި އެމީހުން ޖެއްސީއެވެ. އަލޫކު ހިނގައި ގަތެވެ. ހިދުމަތަށް އެނބުރި ލުމަށެވެ.

"އަލޫކު." އަމާނީއަށް ބާރަށް ބުނެލެވުނެވެ.

އަލޫކަށް އެ އަޑު އިވުނެވެ. އޭނާ ނީވޭ ކަމަށް ހަދާ ހިނގައިގަތީއެވެ. އޭނާ ބޭނުންވީ އަމާނީ ދަމާ ގެންނާށެވެ. އެ ނިޔަނެތި ހިތުގައި ވިކާލެވުނު ތަނުން ފާރު ހައްދާލާށެވެ. ދެތިން ފިޔަވަޅު ކުރިއަށް އެޅުމަށް އަލޫކު ފަސްއެނބުރި ބަލައިލިއެވެ. އަމާނީގެ މޫނަށެވެ. އަނެއްކާ ވެސް އަލޫކު ހިނިތުންވެލިއެވެ. އަމާނީ ބެލީ ސީދާ އަލޫކުގެ ލޮލަށެވެ. އޭނާގެ މޫނަށެވެ. އަމާނީ އަނގަ ހުޅުވިފައި އިނީއެވެ.

އަލޫކު ކުރިއަށް ހިނގައިގަތެވެ. އޭނާ ބޭނުންވީ އަމާނީ ހިތުގައި ޖައްސާށެވެ. ބުޅިއަށް އެމުނިފައިވާ އަމާނީގެ ހިތަށް ވާންކޮށްލާ އިރާލާށެވެ. ޒަހަމުކޮށްލާށެވެ. އޭނާގެ ހަރަކާތްތަކުން އަމާނީ ދީވާނާ ކޮށްލާށެވެ.

އަލޫކު އެތަނުން ދިޔަ ނަމަވެސް، އަމާނީމެން ގުރޫޕުން ކަޅި އަޅައަޅާ ތިބީ އަލޫކުގެ ހަރަކާތްތަކަށެވެ. އެކި މޭޒުތައް ކައިރިއަށް ގޮސް ހިދުމަތް ހޯދަމުންދާ މީހުނަށް ހަދިޔާ ކުރަމުންދާ ހިނިތުންވުމަށެވެ.

"އެއީ ކަސްޓަމަރ ކެއަރއޭ." ރޭޝަމް ހިތްހަމަ ނުޖެހުނެވެ.

"އެންމެންނަށް ވެސް ބަހާ ބޮޑުގުޅަ ހަދިޔާއެއް ދޯ." ޒައިނާ ވެސް ރޭޝަމާ އެއްބައިވެލިއެވެ.

"އެހެރަ ފިރިހެންވަންތަ ކަމެއް، އެ ލޯބިލޯބި މޫނު. އެ ތުނިތުނި ތުނބުޅީގެ ތަރުތީބު އިސްތަށިތައް. ހީވަނީ ކަނދުރާއަށް ހެރޭހެން. އެ އިހުސާސްކުރެވޭހެން،" އަމާނީ އަލޫކުގެ ހަރަކާތްތަކަށް ކަޅި އަޅަމުން ބުނެލިއެވެ. "ސީދާ އޭނާ ވިކައިގަތީ އަހަރެންގެ ހިތުގަ، އޭނާގެ މީރު ވަހުން އަހަރެންގެ އެތެރެހަށި ފުރިއްޖެ. ކަރުހިއްކައިގެންފި. ކޮފީއަކުން މި ކަރު ހިއްކުމެއް ނުފިލާނެ."

ރޭޝަމްއާއި ޒައިނާ އެކުގައި ހީގަތެވެ. އަމާނީގެ ވާހަކަތައް އިވުމުންނެވެ. އަމާނީ ގާތަށް ރުޅިއަންނަ ގޮތްވިއެވެ. ނުގޮތަކަށް އަމާނީ ބަލައިލީ ސީދާ ޒައިނާގެ މޫނަށެވެ.

"މަށަށް އެނގޭ. މަށަށް މީހަކު ރީއްޗޭ ބުނެފިނަމަ ޒައިނާއަށް ހަޖަމެއް ނުވާނެކަން. އަބަދުވެސް ޒައިނާ އުޅޭނީ މަށާ ޖެހިގެން، ނެއްޓިގަންނަން ވެސް ނޭނގިގެން. ރޭޝަމްގެ ކަންތަކުންނޭ މި މީހަކު ގޮވައިގެން މިތަނަށް އާދެވުނީ." އަމާނީ ރުޅިއައެވެ.

ކިތައްމެ ރުޅި އައިސް އިން ނަމަވެސް އަމާނީ ވާހަކަދެއްކީ މަޑުމަޑުންނެވެ. މޫނުމަތިން ދެތިން ރޫ އަރުވައިގެން އިނދެއެވެ. އޭނާގެ ހިތުގައި ޒައިނާއާ މެދު އޮތް ނުތަނަވަސްކަން ބޭރުކޮށްލަން ފުރުސަތު ލިބުމުން އެ ފުރުސަތުގެ ބޭނުން ހިފީއެވެ.

"މަ އަދި މިތަނަށް މިއައީ ވެސް ތި ދެ މީހުން ކުނި ފިލުވައިދޭން. އެކަމަކު އެކަން ވެސް މި ބޭކާރުވީއެއްނު." ރޭޝަމް ހިތްހަމަ ނުޖެހުނެވެ.

އެއީ ތެދެކެވެ. އަމާނީއާއި ރޭޝަމްގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދެމީހުންގެ ދެމެދުގައި ހިނގި ދެބަސް ވުމެއްގެ ސަބަބުންނެވެ. ދެ މީހުން ދެމީހުންގެ ލޯބިވެރިންނާ ވަކިވާން ޖެހުމުންނެވެ. އޮފީހުގައި ދެކެވުނު ވާހަކަތަކެއްގައި ކަތުރުފަނި އަޅައި އެ ފަނިތައް ބޮޑެތިވެ ހާލި ހަދާ ވިހެއީ ސީދާ އަމާނީގެ ހިތުގައެވެ.

"ހިނގާ މިތަނުން ދަމާ." ރޭޝަމް ހިތްހަމަ ނުޖެހުނެވެ.

އޭނާ ބޭނުންވީ އެތަން ދޫކޮށްދާށެވެ. އަމާނީގެ ސަބަބުން އޭނާ ނުތަނަވަސްވީއެވެ. ހިތްހަމަ ނުޖެހުނީއެވެ.

"ކިތައްމެ ނޫން ކަމަށް ހެދުނަސް ރޭޝަމްގެ އެޑަމްއަކީ ތެދު އަލިފެއް ނޫން. އޭނާ ރަހަ ނުބަލާ ކޮފީއެއް މަދުވާނެ." އަމާނީ ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.

"ކޮފީތަށްޓަށް ހޫނު ފެން އެޅީމަ އެތެރެއަށް ނޭވާ ނުދަމާނެ މީހަކު ހުރޭތަ؟ ރުޅިއަރުވައިގެން ދުލުގައި ހިފާ ދަމަން ނޫޅޭތި. މަ ނޫޅެން ޒުވާބުކުރާކަށް. ދެން އަލަށް ފެނުނު ކޮފީއަށް ވެސް ހޫނު ފެންއަޅައިގެން ރަހަ ބަލަބަލާ އިންނަންވީނު." ރޭޝަމް ދަބަސް ކޮނޑުގައި އެލުވާލައިގެން ބޭރަށް ނުކުތެވެ.

"އަހަރެން ވެސް ނޫޅެން. މުޅި އެތި ފަނި ވެއްޖެ. މަ މި ދަނީ." ޒައިނާ ވެސް ފާޑަކަށް ތުންއަނބުރައިލަމުން ހިނގައިގަތެވެ.

"އެންމެ ފަހުން މަށެއްނު މި ގޯސްވީ." އަމާނީ އަމިއްލަ ނަފުސަށް އިވޭވަރަށް ބުނެލިއެވެ. (ނުނިމޭ)