ހިޔާ މަޝްރޫއު

ހިޔާ ފްލެޓުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިއްޖެ

Feb 17, 2021
1

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ "ހިޔާ ފްލެޓު" ތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގައި ފުޅާ ދާއިރާއެއްގައިދޭ އެއް ކުންފުނި ކަމަށްވާ އެމްޑަބްލިއުއެސްސީ އިން ބުނީ ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް ހިދުމަތް ދޭން ބޭނުންވާ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގ މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ނިންމާލާފައިވާ ކަމަށެވެ.

މި މަސައްކަތް ނިމިފައިވަނީ މަސައްކަތް ނިންމަން ތާވަސް ކުރި ތާރީހަށް ވުރެ ވެސް އަވަހަށް ކަމަށެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއު ފަށުން ހިޔާ ފްލެޓުތަކުގައި ހިމެނޭ 16 ޓަވަރުގެ 7،000 ހައުސިންގ ޔުނިޓަށް، ފނާއި ނަރުދަމާގެ ހިދުމަތް ދޭން ބޭނުންވާ، 3.7 ކިލޯމީޓަރުގެ ދިގު ފެނުގެ މައި ނެޓްވޯކް އާއި 3.5 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް އަދި 200 މީޓަރުގެ ދިގު ޕަމްޕިން ލައިން ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 7،000 ފްލެޓް ހިމެނޭ ސަރަހައްދުގެ ނަރުދަމާ ޕަންޕިންސްޓޭޝަން ބަހައްޓައި 16 ޓަވަރަށް ނަރުދަމާގެ ކަނެކްޝަން ގުޅާފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ ހައުސިން ޔުނިޓް ތަކުގައި ބަހައްޓަން ޖެހޭ ފެން މީޓަރުތައް ވެސް ބަހައްޓާ ނިންމާލާފަ އެވެ.

ހިޔާ ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓު ބެހުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ސަރުކާރުން ބުނެފައިވަނީ މޭ/ ޖޫން ހިސާބުގައި ހިޔާ ފްލެޓްތަކަށް ވަދެވޭވަރުވާނެ ކަމަށެވެ.