އިނގިރޭސި ވިލާތުގެ 61 އަހަރުގެ ފިރިހެނަކަށް ވަރަށް އާދަޔާޚިލާފު ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެ އެވެ. މައިކަލް އޯރިލީ ބުނި ގޮތުގައި އޭނާއަށް މި މައްސަލަ ފުރަތަމަ ކުރިމަތިވީ ޖޫން 2020 ގެ ދުވަހެއްގައި ސައިތައްޓެއް ބޯން އިންދަ އެވެ. ސައިތަށި ބޯން އިންދާ ކުއްލިއަކަށް ވައި ލެވެން ފެށި ގޮތަށް މިއަދާ ހަމައަށް ވެސް އެކަން ނުހުއްޓޭ ކަމަށް އޭނާ ބުންޏެވެ.
އެންމެ ގިނަ ވެގެން ވެސް މައިކަލްގެ އަނގައިން ވަޔެއް ބޭރުނުވެ ނުހުންނަނީ ހަތް ވަރަކަށް މިނިޓް އެވެ. އެހާ އިރު ވާއިރަށް އަނެއްކާވެސް ވައި ލެވެން ފަށަ އެވެ. އަދި ވައި ލެވެން ފެށީ ފަހުން ފާއިތުވަމުންދާ ދުވަސް ތަކުގައި ވައި ލެވޭ އަޑު ވެސް ގަދަވަމުންދާ ކަމަށް އޭނާ އަށް ފާޙަގަ ކުރެވިފައިވާ ކަމަށް މައިކަލް ބުންޏެވެ.
ބާމިންހަމްގައި ކެބް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރި މައިކަލް އަކީ ދެ ދަރިންގެ ބައްޕަ އެކެވެ. އޭނާ ބުނި ގޮތުގައި ޑޮކްޓަރުންނަށް ދައްކާ ދައްކާވެސް އޭނާއަށް މިގޮތަށް ވައި ލެވެން މެދުވެރިވާ ސަބަބެއް އެކަކަށް ވެސް އަދި ބުނެއެއް ނުދެ ވެއެވެ. ފާއިތުވީ އަށެއްކަ މަސް ދުވަހު އޭނާ އުޅެމުންދަނީ މިފަދަ ހާލެއްގައި ކަމަށް މައިކަލް ބުންޏެވެ.
މައިކަލް ބުނި ގޮތުގައި ވައި ލެވޭ ވަރުން ގޮލްފް ކުޅުން ފަދަ ކަންތައްތަކަށް ވެސް އޭނާ އަށް ދަތިވެ އެވެ.
"އެންމެ ލަސްވެގެން ހަތް މިނިޓް ތެރޭ ވައި ލެވޭ. ބައެއް ފަހަރު އެންމެ ވައެއް ލެވިފައި ހަތް މިނިޓް ވަރު ހުރެދާނެ. އަނެއްބައި ފަހަރު ވައި ލެވޭއިރު އެތައް ބައިވަރެއް ފުލުފުލުގައި ލެވޭ. ބައެއް މީހުން ބުނޭ އެންޒައިޓީގެ ސަބަބުން ވާ ގޮތެކޭ. އަނެއް ބަޔަކު ބުނޭ ނާރެއްގެ މައްސަލައެކޭ،' މައިކަލް ބުންޏެވެ.
މައިކަލް ބުނި ގޮތުގައި ވައި ލެވުން ހުއްޓޭ ހަމައެކަނި ވަގުތަކީ އޭނާ އުއްޑުން އޮށޯވެ އޮންނަ ވަގުތު ތަކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މައިކަލްގެ މައްސަލައަކީ އޭރޯފާޖިއާ ކިޔާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބަނޑުގައި މާ ގިނައިން ވައި އުފެދެ އެވެ. މި މައްސަލަ ދެ އަހަރެއްހާ ދުވަހަކަށް ވެސް ދިގު ދެމިގެން ހިނގައިދާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެފައި ވެއެވެ.