މީހުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވި ގދ. ތިނަދޫގެ ހާލަތު ރަނގަޅުވުމުން އެ ރަށުގައި މޮނީޓަރިންގެ ހާލަތު އުވާލައިފި އެވެ.
އެރަށް މޮނީޓަރިންގެ ހާލަތަށް ފުރަތަމަ ލާފައި ވަނީ އެރަށުން މާލެ ދަތުރުކުރި ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ފަހުން އައްޑޫ ކްލަސްޓާ އާއި ގުޅުންހުރި މީހަކު ވެސް ވަނީ އެރަށުން ޕޮޒިޓިވްވެފަ އެވެ.
ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.
އެޗްޕީއޭއިން މިއަދު އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި ވަނީ، އެރަށުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު މިހާރު އެރަށުގައި މޮނީޓަރިން ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން މޮނީޓަރިންގެ ހާލަތުގައި އަޅާފައިވާ އެންމެހާ ފިޔަވަޅުތައް މިއަދުން ފެށިގެން އުވާލެވިފައިވާ ކަަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.