މުހައްމަދު އަސްލަމް

ސިނަމާލެއާ މާލޭހިޔާ ތަޅާލައި އިމާރާތްކުރަން ޖެހޭ: އަސްލަމް

ސިނަމާލެއާއި މާލޭ ހިޔާގެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތްކުރަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި އަސްލަމްއަށް އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ސިނަމާލެއާއި މާލޭ ހިޔާގެ ފްލެޓްތަަކަކީ މިހާރު މަރާމާތު ކޮށްގެން ގެންގުޅެވޭނެ ތަންތަން ނޫން ކަމަށެވެ.

މާލެ ހިޔާއާއި ސިނަމާލެ ފްލެޓްތައް މިވަގުތު ބަލަހައްޓަނީ ސިޓީ ކައުންސިލުންނެވެ. ނަމަވެސް އެތަންތަނަށް ސިޓީ ކައުންސިލުން މާބޮޑު އަހައްމިޔަތުކަމެއް ނުދޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައި އޮވެއެވެ. މިދިއަ ސަރުކާރުގައި އެތަންތައް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ވެސް މަސައްކަތް ކުރި އެވެ.

އަސްލަމް ވިދާޅުވީ އެ ފްލެޓްތައް ތަޅާލައި އަލުން ހަދަން ބޭނުންވި ނަމަވެސް އެކަމުގައި މާލޭ ސިޓީ ކައުންސިލަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެކަން މިހާރު ކުރެވޭނީ އެ ފްލެޓްތަކުގެ ވެރިފަރާތުގެ އެއްބާރުލުން ލިބިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އެތަންތަނަކީ [ފްލެޓްތަކަކީ] އެތަން ހެދިއިރު ކައުންސިލް ޕްރޮޕަޓީސް ކައުންސިލް ހައުސިންގެ ގޮތުގައި ހެދި ތަންތަން. މިވަގުތު އެކި ދުވަސްތައް ބަދަލު ވެގެން ގޮސް އެތަންތަނުގެ އޯނާޝިޕް ޓައިޓަލް މީހުންނަށް ދީފައި ހުރި ކަމުގައި ވިޔަސް. ކައުންސިލް ހައުސިންގެ ގޮތުގައި ހުރި ތަނެއް އެހެން ގޮތަކަށް ބަދަލުކޮށްލީމަ ކައުންސިލަށް ވެސް އުނދަގޫވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ އެތާނގަ ޓައިޓަލްސް ހުރި އޯނާސް މިވަގުތު ތިބީމަ އެއްބަސްވުމެއްގެ ތެރެއިން އެތަނުން މީހުން ވެކޭޓްކޮށް ތަޅާލައި އަލުން ޑިވޮލޮޕްކުރުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ." އަސްލަމް ވިދާޅުވި އެވެ.