އަންހެނުން

މޫނު ތި ދޮންނަނީ ރަނގަޅަށްތަ؟

Dec 4, 2015
1

މޫނު ސާފުކޮށް ބެހެއްޓުމަށް، ރަނގަޅަށް މޫނު ދޮވުމަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އެކަމަކު އަހަރުމެންނަށް އާދަވެފައި މި އޮތީ ބާޒާރުގައި އަގު ހެޔޮކޮށް ލިބެން ހުންނަ ފޭސްވޮޝް ނުވަަ ފޭސް ކްލީނިން ކޮންމެވެސް ޕްރޮޑަކްޓެއް ބޭނުންކޮށްގެން މޫނު ދޮވެލުމެވެ. އެކި ބްރޭންޑްތަކުގެ ޕްރޮޑަކްޓްސްތައް ބާޒާރަށް އެކުލާފައި އޮތުމުން، ގިނަ މީހުން ބަލަނީ އަވަސް އަރުވާލާފައި ފަރުވާ ކުޑަކޮށް މޫނު ދޮވެލާށެވެ. އެކަމަކު މިއީ ކިހާވަރެއްގެ ކަމެއް ހެއްޔެވެ؟

ރަނގަޅަށް މޫނު ސާފުނުކުރެވިއްޖެނަމަ، މޫނުގައި ހުންނަ ކިލާތައް މޫނުގައި ހަރުލައި އިސާހިތަކު މުޅި މޫނު ހުތުރުކޮށްލަފާނެ އެވެ. އެހެން ވީމާ، މޫނު ސާފުކޮށްލައި ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހެ އެވެ. އެކަމުގައި ކުރަން ޖެހޭ ކަންތަކާއި ކުރަން ނުޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ. 

ހަންގަނޑާ ގުޅޭ ޕްރޮޑަކްޓެއް ހޯދުން

ބާޒާރުން ކޮންމެ ވައްތަރެއްގެ ފޭސް ވޮޝްތައް ލިބެން ހުއްޓެއްކަމަކު، ކޮންމެ ޕްރޮޑަކްޓެއް ތިމާގެ ހަންގަނޑާއި ނުގުޅިދާނެ އެވެ. އެހެންކަމުން އަބަދުވެސް މޫނު ދޮންނަން ބޭނުންކުރަން ރަނގަޅީ "މައިލްޑް" ފޭސްވޮޝް އެކެވެ. އަހަރުމެންގެ ތެރެއިނ ގިނަ މީހުންނަށް ހީވެފައި އޮންނަނީ ގަދަޔަށް ފޮނުއަރާ ވައްތަރުގެ ފޭސްވޮޝްތަކުގެ މޫނު ސާފުވާލެއް ބޮޑުވާނެ ކަމަށެވެ. ނަމަވެސް މިއީ ހިވާ ވަރަށް ބޮޑު ގޯހެކެވެ. މިފަދަ ފޭސްވޮޝްތަކުގައި ގިނަ އަދަދަކަށް ޑިޓާޖެންޓް ހިމެނޭނެ އެވެ. މިފަދަ ޕްރޮޑަކްޓް އުނގުޅުމުން މޫނުގެ ހަންގަނޑު މާބޮޑަށް ޑްރއިވުމުގެ އިތުރަށް ބައެއް މީހުންގެ މޫނުގައ ބިހި ނަގާގޮތް ދިމާވެ އެވެ.

ފެނުގެ ފިނި ހޫނުމިން ރަނގަޅު ތޯ ބެލުން

މާ ހޫނު ނުވަތަ މާ ފިނި ފެނުން މޫނު ދޮންނަ ނަމަ މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މިކަމުގެ ސަބަބުން ހަންގަނޑު މާބޮޑަށް ހިކޭނެ އެވެ. އެހެންކަމުން މޫނު ދޮންނަން އެންމެ ރަނގަޅީ އާދައިގެ ފެނުން މޫނު ދޮވުމެވެ.

މޫނު ދޮންނަނީ ކިތައް ފަހަރު؟ އަބަދު ފޭސްވޮޝް ބޭނުން ކުރޭތަ؟

ދުވާލަކު ދެތިން ފަހަރު މޫނު ދޮންނަ ނަމަ، މިއިން ކޮންމެ ފަހަރަކު މޫނު ދޮންނަން ފޭސްވޮޝްއެއް ބޭނުންކުރާށެވެ. އަދި މޫނުދޮވެގެން މޮއިސްޓަރައިޒާއެއް ބޭނުންކުރުމަށް އާދަކުރާށެވެ. މޫނުދޮވެގެން ގިނަ އިރުތަކެއް ނުވެ އަތްވަތް ނިކުންނަ ނަމަ، ސަންސްކްރީން ކްރީމެއް ބޭނުންކުރާށެވެ.

މޫނުގައި މާގަދަޔަށް އަތް ނޫގުޅާތި

މޫނު ދޮވުމަށް ފަހު ފެންފުހެން ގަދަޔަށް މޫނުގައި ތުވާލި އުނގުޅާ މީހުން ގިނަ އެވެ. މިހެން ހަދާނަމަ މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މޫނުގައި ހުންނަ ފެން ފުހެން އެންމެ ރަނގަޅު ގޮތަކީ މަޑުމަޑުން ތުވާލު މޫނުގައި އުނގުޅައިގެން ފެން ހިއްކުމެވެ.

މޭކަޕް ފިލުވަން ފޭސްވޮޝް ބޭނުންނުކުރާތި

ގިނަ މީހުންނަކީ ކުރާ މޭކަޕް ފިލުވުމަށް މޭކަޕް ރިމޫވާ ބޭނުންނުކުރާ މީހުންނެވެ. ނަމަވެސް މޭކަޕެއް ކޮށްފައިވާނަމަ، މޫނު ދޮވުމުގެ ކުރިން މޭކަޕް ރިމޫވާއެއް ނުވަތަ މޮއިސްޓަރައިޒާއެއް ބޭނުންކޮށްގެން ކަފަކޮޅަކުން ރީތިކޮށް މޭކަޕް ފިލުވާށެވެ. އެއަށްފަހު ރީތިކޮށް ފޭސްވޮޝް ބޭނުންކޮށްގެން މޫނު ދޮވުމަށްފަހު، ޓޯނާއަކުން މޫނު ރީތިކޮށް ސާފުކޮށްލާށެވެ.

މޫނަކީ ސޫރާ ބަލާ ލޯގަނޑެވެ. އެންމެ ފުރަތަމަ އަޅައިގަންނާނެ ތަނަކީ ވެސް މޫނު ކަމަށް ވުމުން މޫނު ރީތިކޮށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ފަރުވާ ކުޑަކޮށް އަޅާނުލެވިއްޖެނަމަ، އޭގެ އަސަރު ތިމާގެ މޫނުމަތިން ވަރަށް ރަނގަޅަށް ފެންނަން ހުރެ އެވެ. ހަންގަނޑު ކުރަކިވެ، ތާޒާކަން ގެއްލިފައި ހުރުމާއި ވައިޓް ހެޑްސް އާއި ބްލެކް ހެޑްސް ވެސް މޫނުގައި ނަގަނީ ފަރުވާ ކުޑަކުރެވި މޫނު ރަނގަޅަށް ސާފުނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.