ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް ތިން ދުވަސް ޖަހައިފި އެވެ.
މުހައްމަދު ހައްޔަރުކުރީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކުރިއަށް ގެންދާ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން އިއްޔެ ހަވީރު އެވެ. ހޯމަ ދުވަހުވެސް އޭނާ ހައްޔަރުކުރި އެވެ. ނަމަވެސް އިއްޔެ ވަނީ ދޫކޮށްލާފައެވެ. އަލުން ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސް އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މަގުމަތީ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާ އިދިކޮޅު ކޯލިޝަނުން ވަނީ ސީދާ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައެވެ. އެ ނިންމުމާއެކު ދުވާލާއި ރޭގަނޑު އިހުތިޖާޖުތަކާއި އެއްވުންތައް އަދި ހިނގާލުންތައް ދަނީ ބާއްވަމުންނެވެ.