އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ ގިނަ ހިދުމަތްތައް ފެނިގެންދާ "ކަނެކްޓް" ފެއާ މިއަދު ހުޅުވައިފި އެވެ.
ނޭޝަނަލް އާޓްގެލަރީގައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެއާގައި ހުޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.
ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ އޮފިޝަލް ފެއާގެ ގޮތުގައި ބާއްވާ މި ފެއާ ހުޅުއްވައި ދެއްވަމުން ޑރ. ޝައިނީ ވިދާޅުވީ ރާއްޖެއަކީ އައިސީޓީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގައުމެއް ކަމަށެވެ.
"އަޅުގަނޑު މިއަދު ހިސާބު ބަލައިލިރު ކޮންމެ މީހަކަށް ދެ ފޯނު އެބަޖެހޭ. ފޯނުގެ ޓެކްނޮލޮޖީއަށް ބަލައިލައިފި ކަމަށްވާނަމަ އަބަދު ވެސް ދުނިޔޭގައި ތައާރަފުވާ ޓެކްނޮލޮޖީ އަބަދުވެސް ރާއްޖެއަށް ލިބޭ. މީގެން ދައްކުވައިދެނީ ޓެލެކޮމް ޓެކްނޮލޮޖީއަށް ބަލާއިރު ބޮޑު ކުރިއެރުމެއް،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާބާދީގެ ނިސްބަތުން ރާއްޖެ ނޫނީ ތްރީޖީގެ ހިދުމަތް ހުރިހާ ރަށަކަށް ލިބިފައިވާ ގައުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ކިޔަވަން އުޅުނު ޒަމާނުގައި ސިޓީގެ ޒަރިއްޔާއިން ކޮމިއުނިކޭޓް ކުރި ދުވަސް ހަނދާން އެބަހުރި. އެހެންވެ މާގިނަ ދުވަހެއް ނުވާނެކަން ނޭނގެ މިތަރައްގީ މިހާ ބާރަށް އައިސްފައި އޮތް މިންވަރެއް،" ޝައިނީ ވިދާޅުވި އެވެ.
ކޭމްގެ ކަނެކްޓް ފެއާގައި ދައްކާލާ ހިދުމަތަކުގެ ތެރޭގައި ދިރިއުޅުމަށް އެތައް ފަސޭހަތަކެއް ގެނެސްދޭ ގިނަ ހިދުމަތްތަކެއް ހިމެނެ އެވެ. މީގެއިތުރުން ބޮޑެތި ބިލްޑިންގްތަކުގެ ސެކިއުރިޓީ ސޮލިއުޝަނާއި ފޯނާއި ބޮޑެތި ކޮމްޕިއުޓަރު ސިސްޓަމްތައް ވެސް ހިމެނެ އެވެ.