އައިހެވަން

އައިހެވަން އަށް އިންވެސްޓްކުރަން ސައުދީ ފަންޑް ތައްޔާރު: ޝައިނީ

  • މަޝްވަރާތަކުން ބޮޑެތި ކުރިއެރުންތައް ލިބުނު
  • އަގުހެޔޮކޮށް ތެޔޮ ހޯދުމުގައި ވެސް ކުރިއެރުން ހޯދުނު
  • އައިހެވަން ވާނީ އިގްތިސާދު ބަދަލުކޮށްލާނެ މަޝްރޫއަކަށް

"އައިހެވަން" އާ ބެހޭ ގޮތުން ސައޫދީ އިންވެސްޓްމަންޓް ފަންޑާ އެކު އެ ގައުމުގައި މިދިޔަ ހަފްތާ ބޭއްވި މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި އެ ފަރާތުން އޮތީ އެ ޕްރޮޖެކްޓަށް އިންވެސްޓް ކުރަން ޕޮޒިޓިވްކޮށް ކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

އިހަވަން ދިއްޕޮޅުގައި ތަރައްގީކުރާ "އައިހެވަން" މަޝްރޫއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސައޫދީ އަރަބިއްޔާއަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޝައިނީ ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ޝައިނީ މިއަދު "އަވަސް" އަށް ވިދާޅުވީ ސައުދީ އިންވެސްޓްމަންޓް ފަންޑާ އެކު ކުރިއަށް ދިޔަ ހުރިހާ މަޝްވަރާތަކެއްގައި ވެސް އެ ފަރާތުން އައިހެވަން ތަރައްގީ ކުރަން ޕޮޒިޓިވްކޮށް ތިބިކަން ހާމަވެގެން ދިޔަކަމަށެވެ. އަދި ރާއްޖެއަށް އަގު ހެޔޮކޮށް ތެޔޮ ހޯދުމަށް ސައުދީ އާ އެކު ކުރި މަޝްވަރާތައް ވެސް ދިޔައީ ފައިދާ ހުރި ގޮތެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޝްވަރާ ކުރަން ދިޔަ ހުރިހާކަމެއް ވެސް ވަރަށް ޕޮޒިޓިވްކޮށް ދިޔައީ. ހުރިހާ ކަމަކަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ މި މަޝްވަރާތަކުގެ ތެރެއިން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ މިއަދު ވިދާޅުވީ ސައޫދީ އަރަބިއްޔާގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި ހިމެނުނު ވަކިވަކި ކަންތައްތަކުގެ ތަފްސީލް މައުލޫމާތު ދެވޭނީ އަންނަ ހަފުތާތެރޭގައި ކަމަށެވެ.

"މި ވަގުުތު ސީދާ އެއްޗެއް ނުބުނަން މި ހުންނަނީ ދެ ފަރާތުން ކުރިއަށް ދިޔަ މަޝްވަރާތަކުގެ ޔައުމިއްޔާތަކާ އެއްޗިހި ފާސް ވެގެން ލިބެންދެން. އެކޮޅުގައިވެސް ހައިލެވަލްގެ ޓީމަކުން މަޝްވަރާކުރީ. އެހެންވެ އެ ކޮޅުގެ ވެސް އެންޑޯސްމަންޓް ބޭނުންވާނެ. އެހެންވެ މަޑުކޮށްލައިގެން މިހުރީ،" ޝައިނީ ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާ އަށް ފުރާވަޑައިގަންވަމުން، މިނިސްޓަރު ޝައިނީ ވިދާޅުވީ މި މަޝްރޫއު ކުރިއަށް ދާނީ ސައޫދީ އިންވެސްޓްމަންޓް ފަންޑުން އިސްނަގައިގެން ކަމަށެވެ. އަދި ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސައޫދީ ސަރުކާރާއެކު ޝައްކެއް ނެތް މިންވަރަށް އެއްބަސްވުމަށް އާދެވިފައވާ ކަމަށެވެ.

"މިހާތަނަށް ކުރާ މަޝްވަރާތައް ކުރަނީ ސައޫދީ ސަރުކާރާ. މިގޮތުން މިކަމުގައި ހަރަކާތެރިވަނީ ސައޫދީ އިންވެސްޓްމަންޓް ފަންޑާ ސައޫދީ ފަންޑުން. މިހާރު ލިބިފައިހުރި ލޯނުތަކަށް ބަލައިފިނަމަ އެއާޕޯޓުގެ ތަރައްގީ އަށް މި ލިބިފައި ހުރި ލޯނުތައް ދީފައިހުރީ ސައޫދީ ފަންޑުން. އައި ހެވަން ޕްރޮޖެކްޓަށް ޝައުގުވެރިވެގެން އުޅުނީ ސައޫދީ ފަންޑުން،" ޝައިނީ ވިދާޅުވި އެވެ.

އެސްއީޒެޑްގެ ޗެއާ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ މަޝްރޫއާ ގުޅޭ ގޮތުން ދެ ގައުމު ދެމެދުގައި މުހިންމު ވާހަކަތަކެއް ދެކެވިފައި ކަމަށާއި، ދެ އަހަރު ތެރޭ އައި ހެވަން ފަދަ މަޝްރޫއެއްގެ ފެށުމާ ގާތަށް އާދެވުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ކުރިން ދެއްކި ޓްރާންސްޝިޕްމަންޓް ބަނދަރުގެ ވާހަކަ އާއި ބަލްކް ބްރޭކިންގެ ވާހަކަ އާއި ރިއަލް އެސްޓޭޓާ ގުޅުންހުރި މަޝްރޫއުތައް ގެންދެވިދާނެކަން. އެކަންވާނީ ސާބިތުކޮށްދީފަ. މި ދަތުރުގައި ބޮސްޓަން ކޮންސެލްޓެންސީ އާއި މެކެންޒީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ. މީގެ އިތުރުން އެކި ޓެކްނިކަލް ބޭފުޅުންވެސް ބައިވެރިވާނެ. މީގެން އެނގެނީ މި ޕްރޮޖަކްޓް ފަށަން ކައިރިވެއްޖެކަން،" ސައީދު ވިދާޅުވި އެވެ

އައިހެވަން މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިގްތިސާދީ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު އެއް މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރިހަމަ ކުރުމަށް ސަރުކާރުންވަނީ "އެސްއީޒެޑް" ގާނޫނެއް ވެސް ހަދާފަ އެވެ. މި މަަޝްރޫއު ކުރިއށް ގެންދަނީ މައިގަނޑު ހަ ބަޔަކަށް ބަހާލައިގެންނެވެ. އެ ބައިތަކަކީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ހިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން، ރިއަލް އެސްޓޭޓްގެ ގޮތުގައި ގެދޮރު ހެދުމާއި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކެވެ. މީގެ އިތުރުން ސައުދީ އިން އެންމެ ބޮޑު ޝައުގެއް ހުރީ އައިހެވަންގައި ތެޔޮ ސާފު ކުރާ ކާރުހާނާތަކާއި ސްޓޯރޭޖް ފެސިލިޓީތަކެއް ހެދުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އައިހެވަން މަޝްރޫއު ހިންގާ ސަރަހައްދުގައި 14،000 މީހުންގެ އާބާދީއެއް ވަޒަންވެރި ކުރަން ސަރުކާރުން ރާވާފައިވެ އެވެ.

ސަރުކާރުން ވަނީ އައިހެވަން މަޝްރޫއު ފެށުމުގެ ގޮތުން ބޮސްޓަން ކޮންސެލްޓެންސީ ގްރޫޕާ (ބީސީޖީ) އާ ގުޅިގެން ދިރާސާއެއް ވެސް ކޮށްފަ އެވެ. އެ ދިރާސާ އިން ދެއްކި ގޮތުގައި މި މަޝްރޫއު ކާމިޔާބު ވާނެ އެވެ.