- ސައުދީއަށް ވަޑައިގަތީ ސައީދު އާއި ޝައިނީ
- ސައުދީގައި މަޝްވަރާތައް ފަށާނީ މާދަމާ
އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ އެސްއީޒެޑްގެ މަޝްރޫހު، އައިހެވަންގެ އެންމެ ފަހުގެ މަޝްވަރާތަކަށް އެސްއީޒެޑް ބޯޑުގެ ޗެއާމަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަރަބިއްޔާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ. އެ ދަތުރުފުޅުގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވެސް ބައިވެރިވެ ވަޑައިގަންނަވަން ހަމަޖެހިފައިވެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ، މާދަމާ ސައުދީއަށް ފަށާ އެ ދަތުރުގެ މައިގަނޑު ބޭނުމަކީ އައިހެވަން އަށް އެ ގައުމުން ޝައުގުވެރިވެފައި ވާތީ އެ މަޝްރޫއު ފެށުމަށް އެއްބަސްވުމަކަށް އައުމަށް އެންމެ ފަހުގެ މަޝްވަރާތައް ބޭއްވުން ކަމަށެވެ. އެ މަޝްވަރާތަކުގައި އައިހެވަން ތަރައްގީ ކުރާނެ ގޮތްތަކާއި އެތަނުން ދޭނެ ހިދުމަތްތައް އަދި އެ މަޝްރޫއު ދެ ގައުމަށް ފައިދާވާނެ ގޮތަކަށް ހިންގާނެ ގޮތްތަކާ މެދު އެއްބަސްވުންތަކަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝައިނީ ވަނީ ވިދާޅުވެފަ އެވެ. އަދި އެ މަޝްރޫއު އަމަލީ ގޮތުން ފަށައިގަންނަން ނިންމަން ޖެހޭ ނިންމުންތައް އެ މަޝްވަރާތަކުން ނިންމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި މަޝްވަރާތަކަށް ފަހު އެ މަޝްރޫއު ފެށޭނެ ތާރީހެއް އަޅުގަނޑުމެންނަށް އިނގިގެންދާނެ. މި ފަހަރު މި މަޝްރޫއާ މެދު ގޮތްތަކެއް ނިންމޭނެ،" ޝައިނީ ވިދާޅުވި އެވެ.
މަޝްހޫރު ކުންފުންޏެއް ކަމަށްވާ، ބޮސްޓަން ކޮންސަލްޓެންސީއާ ހަވާލުކޮށްގެން އެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއެއް ވަނީ މިހާރު ނިންމައިފަ އެވެ. އެ ދިރާސާ އިން އިނގުނު ގޮތުގައި އައިހެވަންގެ މައިގަނޑު މަޝްރޫއެއްގެ ގޮތުގައި ތަރައްގީ ކުރާނީ، ޓްރާންޝިޕްމަންޓް ބަނދަރެކެވެ. އަދި އެ ބަނދަރު ކުރިއެރުވުމަށް ޓަކައި ގާއިމް ކުރަން ޖެހޭ އެހެނިހެން ވިޔަފާރިތައް ފުޅާ ކުރާނެ އެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ކުރިން ލަފާކުރި އަދަދަށް ވުރެ އެތަނުން ލިބޭ އާމްދަނީ އިތުރުވާނެ ކަން އެ ދިރާސާ އިން ވަނީ ހާމަވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވިދާޅުވީ އަންނަ އަހަރު ފެށޭ އިރު، އެސްއީޒެޑްގެ ބޮޑު ދެ މަޝްރޫއެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ފަށައުގަނެވޭ ވަރުވާނެ ކަމަށެވެ.