ޑރ. މުހައްމަދު ޝައިނީ

"ރާއްޖެއަށް މަސްވެރިކަމުގެ އާ 14 ބާޒާރެއް ހުޅުވިއްޖެ"

  • ރާއްޖެއަށް ރަނގަޅު އަގު ލިބެމުންދޭ
  • ދުނިޔެ އިން ރާއްޖެ ބަލައިގެންފި
  • ބޯޑުން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ

ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުފައްދަައި، ކުރި މަސައްކަތުން ރާއްޖެއަށް މަސްވެރިކަމުގެ އާ 14 ބާޒާރެއް ހުޅުވާލެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް ފުޅާ ކުރުމަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތް ތަކުން ރަނގަޅު ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ. މިގޮތުން މުޅިން އާ މާކެޓުތައް ހުޅުވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ޝައިނީ ފާހަގަ ކުރެއްވި އެވެ.

"މިދިޔަ އަހަރު 14 މާކެޓެއް އަލަށް ލިބިއްޖެ. އާ މާކެޓުތައް ހުޅުވުން މިއީ އެއް ކަމެއް. އެ ކަމަކު ވިސްނަން ޖެހޭ އަޅުގަނޑުމެން ސަރުކާރަށް އައި އިރު ޔޫރަޕުން ލިބޭ 30-25 ޕަސެންޓުން ޑިއުޓީގެ އިނާޔަތް ވަނީ ކެނޑިގެން ގޮސްފައި. އެ ކަމަކު އެ ބުރައާއެކު ވެސް މަސްވެރިކަމުގެ ދާއިރާ އަށް މި ވަރުގެ ކުރި އެރުމެއް ލިބެމުން ދިއުމަކީ ވަރަށް ބުރަކޮށް ކުރާ މަސައްކަތުގެ ނަތީޖާ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަވަށްޓެރި ގައުމު ތަކަށް ވުރެ 30 ޕަސެންޓަށް ވުރެ ބޮޑުކޮށް ޑިއުޓީއެއް ދައްކައިގެން ޔޫރަޕަށް މަސް ބޭރުކުރި ނަމަވެސް ވާދަވެރިންނާއެކު ހިފަހައްޓާލުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ޔޫރަޕުން ދޭ ޑިއުޓީ ކަނޑާލުމުން ރައީސް އަބްދުﷲ ޔާމީން ވަގުތުން އެޅުއްވި ފިޔަވަޅެއް މިއީ ފިޝަރީޒް ޕްރޮމޯޝަން ބޯޑު ހަދައިގެން މަސްވެރިކަން ޕްރޮމޯޓް ކުރަން ފެށުން. މި މަސައްކަތުން ރާއްޖޭގެ މަސްވެރި ކަމަކީ ހާއްސަ ސިފަ ތަކެއް ހުރި ދާއިރާއެއް ކަން އަންގައި ދެވިއްޖެ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުފައްދައިގެން ހަމައެކަނި ފެއާ ތަކަށް ދަނީއެކަނި ނޫން ކަމަށާ، މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެން މަސައްކަތްތައް ވެސްކުރާ ކަމަށެވެ.

"ފެއާތަކުގެ ބައިވެރިވަން. މީގެ އިތުރަށް ބައިނަލްއަގުވާމީ އެކި ޖަލްސާތަކުގައި އިސް ރޯލެއް އަދާ ކުރަން. އަޅުގަނޑުމެން ބާއްވާ ޖައްސާތައް ލީޑް ކުރަން. އެނގިވަޑައިގަންނަ ވާނެ ދުނިޔޭގެ އެއް ވެސް ގައުމަކަށް ނުނެގި އޮތް ސްޓެޕެއް އަޅުގަނޑުމެން ނެގިން. އެއީ ކަޅު ބިލަ މަހުގެ މަސްވެރިކަން ރަތަށް، ނުވަތަ ސްޓޮކް ގޯސް ވެއްޖެނަމަ އެކަން ކުރާނެ ކަމުގެ ރިޒޮލޫޝަނެއް ގާއިމް ކުރިން. މީގެ ބޭނުމަކީ މަސްވެރިން ނަށް ރަނގަޅު އަގު ހޯދައި ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެ އަށް ލިބިފައިވާ މެރިން ސްޓްވާޑްޝިން ސެޓިފިކެޓް (އެމްއެސްއީ) ސެޓިފިކެޓް ދެމެހެއްޓުމަށްޓަކައި މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ މީގެ ސަބަބުން ކަޅު ބިލަ މަހަށް އާއްމުކޮށް މި ބާނާ މަހަށް ވުރެ އިތުރަށް ޓަނަކުން 400-500 ޑޮލަރު އިތުރަށް ލިބެނީ. މިދިޔަ އަހަރު ދިވެހި ސަރުކާރަށް ލީޑާޝިޕް ދެ އެވޯޑެއް ވެސް ލިބުނު،" ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުން ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުފައްދާފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ ބައިވެރިވުމާއެކުގަ އެވެ. މި ބޯޑުން މިހާތަނަށް ދުނިޔޭގެ ބޮޑެތި ފެއާތަކުގައި ބައިވެރިވެފައިވެ އެވެ.