މަސްވެރިން

މަސް ގަންނަން މިފްކޯއަށް 80 މިލިއަން ރުފިޔާދީފި

  • ލޯބޮޑު ކަންނެލިން މިދިޔަ އަހަރު 326 މިލިއަން ރުފިޔާ ލިބުނު
  • ނޮވެމްބަރު މަހުގެ ނިޔަލަށް ފެލިވަރު އަޕްގްރޭޑިން ނިމޭނެ
  • މެރިކަލްޗާ ތަރައްގީކުރަން ދަނީ ގިނަ މަސައްކަތަކެއް ކުރަމުން

މަސްވެރިންގެ އަތުން މަސް ގަތުމަށް ސަރުކާރުން މި އަހަރު އެކަނިވެސް މިފްކޯއަށް 80 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ މަސް ގަތުމުގައި މަސްވެރިންނަށް ދިމާވާ ކަންތައްތަކުން ސަލާމަތް ކުރުމަށް މި އަހަރު އެކަނި ވެސް ސަރުކާރުގެ ބަޖެޓުން މިފްކޯއަށް 80 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭން ގަނޑުކޮށްގެން މަސް ބޭރު ކުރުން ހުއްޓުވައި، ވެލިއުއެޑް އުފެއްދުންތައް އިތުރު ކުރުން ކަމަށެވެ.

"މިހާރުގެ ހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭން އެކްސްޕޯޓް ކުރި 22،000 ޓަނުގެ މަހަށް ބަލާނަމަ ކިލޯއަކަށް ޖެހެނީ 22ރ. މިހާރު ބާޒާރު ހުރި ރޭޓަށް ބަލާނަމަ މިފްކޯއަކަށް ނުފުއްދޭނެ. އެއީ 19ރ. އަށް ކިލޯއެއް ގަނެގެން،" ޝައިނީ ވިދާޅުވި އެވެ.

"ކުރިން ދެންނެވި 22،000 މެޓްރިކް ޓަނު ދަޅުގައި ބަންދުކޮށްފިނަމަ އޭގެން ކިލޯއަކަށް އެބަ ނެރެވޭ 94ރ. އޭރުން މިހާރު މަސްވެރިނަށް ދޭ 19ރ. އެއް ނޫން. އެއަށްވުރެ ބޮޑު އެއްޗެއް ދެވޭނެ. އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހުގެ ނިޔަލަށް މިފްކޯގެ މަސް ފެކްޓްރީ 50 މެޓްރިކް ޓަނަށް ބަދަލު ވެގެންދާނެ."

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ 2014 ވަނަ އަހަރު ރާއްޖެއަށް ތައާރަފު ކުރެވުނު ކަންނެލި މަސްވެރިކަމުގެ އާ ވައްތަރު ކަމަށްވާ "ލޯބޮޑު ކަންނެލި" ރާއްޖޭން ބޭރަށް ވިއްކައިގެން މިދިޔަ އަހަރު 326 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

"މި އިންޑަސްޓްރީއަކީ މިހާރު ފުޅާވަމުންދާ ދާއިރާއެއް. ޓްރެއިނިން ޕްރޮގްރާމެއް އެބަ ހިންގަން ސްކޫލް ކުދިންނަށް ވެސް،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ މަހު އެކަނިވެސް މާލޭގެ މަސްވެރިކަމުން 59 މިލިއަން ރުފިޔާގެ ވިޔަފާރިވެފައިވާ ކަމަށާއި އެއީ 2013 ނޫނީ 2014 އަށް ބަލާއިރު 43 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

އަދި ވިދާޅުވީ އިކޮނޮމިކް ކައުންސިލްގެ ލަފާގެ މަތިން ކަންނެލީގެ މަސްވެރިކަމުގައި ރާއްޖޭން ބޭރުން އައިސް އިންވެސްޓްކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"ސަރުކާރުން ބިނާކުރަނިވި ކޮންމެ ފާޑު ކިއުމަކަށް މަރުހަބާ ކިޔާނަން. އަންނަ އަހަރު ތެރޭގައި މެރިކަލްޗާގެ ތެރެއިން ފާނަ އާއި ހުއިފި ލަނޑާ ނެރެވޭނެ. އަޅުގަނޑުމެންގެ ފަސް އަހަރު ނިމޭއިރު މިދާއިރާއިން ވެސް ވިޔަފާރިވެރިން ތަކެއް އުފެދޭނެ،" ޝައިނީ ވިދާޅުވި އެވެ.