ވިޔަފާރި

ރާއްޖޭގައި އާލާކުރި ހުއިފިލަނޑާ އެކްސްޕޯޓް ފަށަނީ

  • ހުއިފިލަނޑާ އާލާ ކުރަނީ ލ. އަތޮޅުގައި
  • ބޮޑެތި ބޯވަ ދިލަމަހުގެ މަސްވެރިކަން ތަރައްގީ ކުރަނީ
  • މަޝްރޫއުގެ ދަށުން ރާއްޖޭގައި ގިނަ އަދަދެއް އުފައްދާނެ

ރާއްޖޭގައި އާލާކުރި ހުއިފިލަނޑާ މި އަހަރު އެކްސްޕޯޓް ކުރަން ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން އާލާ ކުރުމަށް ލ. އަތޮޅުގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އާލާކުރާ ހުއިފިލަނޑާ މި އަހަރުގެ ފަހުކޮޅު އެކްސްޕޯޓު ކުރަން ފަށާނެ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ މި އަހަރުގެ އޮކްޓޫބަރު ނޫނީ ނޮވެމްބަރު ހިސާބު އެކްސްޕޯޓް ކުރަން ފެށޭނެ. އެކަމަށް އަމާޒުކޮށް މި މަސައްކަތް ކުރަނީ،" ޝައިނީ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން ލ. އަތޮޅުގެ ތިން ރަށެއްގައި ހުއިފިލަނޑާ ބޮޑު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ހިންގާ މެރިކަލްޗާ އެންޓަޕްރައިޓް ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، އެކަމަށް ބޭނުންވާ ތަމްރީންތައް ވެސް ވަނީ ދީފައިވެ އެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ދަނބިދޫ އާއި ކަލައިދޫން އެ ކަމަށް އެދުނު މީހުން ލޯނު ލިބޭނެ މަގު ވެސް ތަނަވަސް ކޮށްދީފައިވެ އެވެ. މިގޮތުން 30 މީހުންނަށް އެ މަސައްކަތް ހަވާލުކޮށްފައިވާއިރު، މީގެތެރޭގައި އަންހެނުންވެސް ހިމެނެ އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ 30 މީހުންނަށް ކޮންމެ މީހަކަށް 3،000 ހުއިފިލަނޑާ ފުރަތަމަ މަރުހަލާގެ ދަށުން ދީފައިވާ ކަމަށެވެ.

"އޭގެ ތެރެއިން މަރުވާބައި ނަގާފައި އަޅުގަނޑުމެން ހިސާބުކޮށްފައި މި ހުރީ މީހަކަށް މަދުވެގެން 10،000ރ. އަށްވުރެ މަތިން އާމްދަނީ ލިބޭނެކަން ޔަގީން ކޮށްދިނުމަށް،" ޝައިނީ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން ދާދިފަހުން ވަނީ "ޑައެމަންޑް ސްކުއިޑް" ނުވަތަ ބޮޑެތި ބޯވަ ދިލަމަސް ބޭނުންތެރި މަސްވެރިކަމެއްގެ ގޮތުގައި އާލާ ކުރަންވެސް ތަޖުރިބާ ކުރުމުގެ މަސައްކަތްތަކެއް ފަށާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އަޖުމަ ބެލުމުގެ މި މަސައްކަތްތަކުން ރާއްޖޭގައި ބޯވަދިލަ މަސް، މަސްވެރިކަމެއްގެ ގޮތުގައި އާލާކުރެވިދާނެ ކަމަށް ދައްކާ ކަމަށެވެ.

"މިއީ ވެސް ރަނގަޅު މަސްވެރިކަމެއްގެ ގޮތުގައި އާލާ ކުރެވިދާނެ ކަމެއް. މިހާރު އެނގޭ ކޮމާޝަން ލެވްލަގައި ސްކުއިޑް ބޭނި ދާނެކަން. ޖަޕާނު ބާޒާރުގައި ކިލޯއަކަށް 30 ޑޮލަރު [462ރ.] ލިބޭ،" ޝައިނީ ވިދާޅުވި އެވެ.

ހުއިފި ލަނޑާއަކީ ރާއްޖޭގައި ކުރިން ގިނަ އަދަދަކަށް އެކްސްޕޯޓު ކުރި އެއްޗެކެވެ. ނަމަވެސް ހުއިފިލަނޑާގެ އާބާދީ މަދުވުމުގެ ސަބަބުން މީގެ އެކްސްޕޯޓު ވަނީ ދަށްވެފަ އެވެ. ހުއިފި ލަނޑައަކީ ދުނިޔޭގެ ބާޒާރުގައި ރަނގަޅު އަގެއް ލިބޭ އެއްޗެކެވެ. މިގޮތުން ބައެއް ބާވަތްތަކުގެ ހުއިފި ލަނޑާގެ ކިލޯއަކަށް 500ރ. އާ ގާތަށް ވިއްކާލެވެ އެވެ.