ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިންގެ ދެވަނަ ޑޯޒް 8 ހަފްތާ ފަހުން

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުން ކަަމަށް މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން ނިންމައިފި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުން ނިންމީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އަދި އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށެވެ.

"މި ނިންމުން މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބެލުމަށް ފަހު ނިންމާފައިވަނީ. އެއީ ހަތަރު ހަފްތާއާ އަޅާބަލާއިރު ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ޖެހީމަ އެއިން ލިއްބައިދޭ ރައްކާތެރިކަން އިތުރުވާކަން ފާހަގަ ކުރެވޭތީ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑްގެ ކަންކަމަކީ ކޮންމެވެސް ވަރަކަށް ބަދަލުވަމުންދާ ކަންކަން ކަމަށާ އެ ބަދަލުތައް އަންނަނީ ކުރެވެމުންދާ ދިރާސާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އަދި ރާއްޖެއިން ނިންމާ ކޮންމެ ނިންމުމެއް ބިނާވާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އަދި އެންމެ ފަހުގެ ދިރާސާތަކުގެ މައްޗަށް ކަމަށެވެ.

ދެވަނަ ޑޯޒް ޖެހުމާއި ހަމައަށް ވެކްސިން ކާޑް ރައްކާތެރި ކަމާއެކު ގެންގުޅެންވެސް އެޗްއީއޯސީން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. 16 ދުވަސްތެރޭ 56،218 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ވަނީ ލިބިފައެވެ.