ކޮވިޑް ވެކްސިން ދިން ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޓެގް ޓީމުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނަޒްލާ ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމާއެކު ކޮވިޑުން މީހާ ރައްކާތެރި ނުވާނެ ކަމަށެވެ. ވެކްސިންގެ 60 ޕަސެންޓް ފައިދާ ކުރާނީ ވެކްސިން ޖަހާތާ ދެ ހަފްތާ ފަހުން ކަމަށާ އަދި ދެވަނަަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން 70 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށެވެ.
ނަޒްލާ ވިދާޅުވީ ރާއްޖޭގައިވެސް ކޮވިޑް ވެކްސިން ޖެހި ބައެއް މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާ އެ މީހުން ޕޮޒިޓިވްވެފައިވަނީ ވެކްސިން ޖެހިތާ ފަސް ދުވަހުގެ ތެރޭގައި ކަމަށެވެ. ވެކްސިން ޖެހުމަށް ފަހުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހިފަހައްޓަން ޖެހެނީ އެ ސަބަބާއި ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
"ފުރަތަމަ ޑޯޒް ޖަހައިގެންވެސް ދެ ހަފްތާ ފަހުން އޭގެ 60 ޕަސެންޓް ފައިދާ ލިބޭނީވެސް. އެހެންވެ ބައެއް މީހުން އެބަ އުޅޭ ވެކްސިން ޖަހާ ފަސް ދުވަސް ފަހުން ޕޮޒިޓިވްވާ މީހުން. އެ އަސްލުވެ ދާނެ ކުރިން އެމީހަކު އެ ވައިރަސްއަށް ހުށައެޅިފައި ހުރީމަ ޕޮޒިޓިވްވީކަން ނޫނީ ވެކްސިން ޖެހުމަށް ފަހުވެސް އެ ފައިދާ ލިއްބައިދިނުމުގެ ފަހުންވެސް ޕޮޒިޓިވް ވެދާނެ. ކުރިންވެސް އަޅުގަނޑު ފާހަގަކޮށްލިން ދެވަނަ ޑޯޒް ޖަހާތާ އަދި ދެ ހަފްތާ ފަހުންނޭ 70 ޕަސެންޓް ރައްކާތެރިކަން ލިއްބަދޭނީ. އެހެންވީމަ އަސްލު އެހާ މުހިންމީ ވެކްސިން ޖެހިޔަސް މާސްކު އެޅުމާއި ގައިދުރުކަމާއި މިކަންކަން،"
ނަޒްލާ ވިދާޅުވީ ވެކްސިން މަސައްކަތް ކުރަން ވަގުތު ނަގާނެ ކަމަށެވެ. އެހެންވީމަ އަވަހަށް ވެކްސިން ޖެހުމަށާއި ވެކްސިން ޖެހުމަށް ފަހު ފިޔަވަޅުތަކުގައި ހިފެހެއްޓުމަށް ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުން ކަަމަށް މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން ވަނީ ނިންމާފައެވެ.
ނަޒްލާ ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒް 89 ހަފްތާ ފަހުން ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުން ނިންމީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އަދި އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށެވެ.
"މި ނިންމުން މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން އެންމެ ފަހުގެ ދިރާސާތަކަށް ބެލުމަށް ފަހު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބެލުމަށް ފަހު ނިންމާފައިވަނީ. އެއީ ހަތަރު ހަފްތާއާ އަޅާބަލާއިރު ދެވަނަ ޑޯޒް 8 ހަފްތާ ފަހުން ޖެހީމަ އެއިން ލިއްބައިދޭ ރައްކާތެރިކަން އިތުރުވާކަން ފާހަގަ ކުރެވޭތީ،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ކޮވިޑްގެ ކަންކަމަކީ ކޮންމެވެސް ވަރަކަށް ބަދަލުވަމުންދާ ކަންކަން ކަމަށާ އެ ބަދަލުތައް އަންނަނީ ކުރެވެމުންދާ ދިރާސާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އަދި ރާއްޖެއިން ނިންމާ ކޮންމެ ނިންމުމެއް ބިނާވާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އަދި އެންމެ ފަހުގެ ދިރާސާތަކުގެ މައްޗަށް ކަމަށެވެ.