ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ދޮށީ އުމުރުގެ މީހުން އަވަހަށް ވެކްސިން ޖެހުމަށް އެދިއްޖެ

މާލޭސަރަހައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުން އަވަހަށް ކޮވިޑް ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ 65 އަހަރުން މަތީގެ މީހުން ވެކްސިން ޖެހުމަށް މިހާރު ހުޅުވާލާފައިވާ ސެންޓަރުތަކަށް ދިއުމަށް ދަތިވާނަމަ ސެނެހިޔާ ހޮސްޕިޓަލުގައި ވެކްސިން ދެވޭނެގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެފަދަ މީހުން 1676 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމުން ސެނެހިޔާގައި ވެކްސިން ޖެހުމަށް ގަޑި ހަމަޖައްސައިދޭނެ އެވެ.

ވެކްސިން ޖަހަންދާއިރު ސަމާލުވާންޖެހޭ ކަންކަން

  • އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް،
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން،
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން،
  • ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން،
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން،
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން،
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން،

އެޗްޕީއޭއިން ބުނީ ރަޖިސްޓްރީ ނުކުރާ މީހުން ރަޖިސްޓްރީ ކުރުމުގައި އެހީތެރިކަން ވެކްސިން ސެންޓަރުގައި ކުރިއަށް ގެންދާ ކަމަށެވެ. ވެކްސިން ޕޯޓަލްގައި ރަޖިސްޓްރީވާން އިލްތިމާސްކޮށް އެ އެޖެންސީން ބުނީ ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބުން އިތުރު މީހުންނަށް ވެކްސިން ޖެހުމަށް ފުރުސަތު ހުޅުވާލަމުން ގެންދާނެ ކަމަށެވެ.