ރާއްޖޭގައި ކޮވިޑް-19 ގެ އާ ވޭރިއަންޓްތައް އުޅުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއަންޓް އެބަ އުޅޭ ކަމަށެވެ. އެގޮތުން ޔޫކޭ ވޭރިއަންޓް ރާއްޖޭގައި އުޅޭ ކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގައި މިހާރު ކޮވިޑްގެ އާ ހަތަރު ވޭރިއަންޓެއް ފާހަގަކުރެވިފައިވާއިރު އެ ވޭރިއަންޓްތައްވެސް ރާއްޖޭގައި އުޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެން އަތުގައި ހުރި ކިޓުން ސީކުއެންސިން ހެދީމަ ބޮޑަށް އެނގޭނީ އެއީ ކޮން ވޭރިއަންޓެއް ކަމެއް. އެކަމަކު އަޅުގަނޑުމެން އަތުގައި ހުރި އެ ކިޓުން އެސްޖީއެން ޑްރަޕް ނޫނީ ޔޫކޭ ވޭރިއަންޓް ގޮތަށް ފާހަގަވޭ. އެހެންވީމަ އަޅުގަނޑުމެންނަށް ބުނެވޭނެ ރާއްޖޭގައި ޔޫކޭ ވޭރިއަންޓް އެބަ އުޅެއޭ. އެކަމު މިހާރުު މަދުވެގެން ހަތަރު ވޭރިއަންޓް އެބަ އުޅޭ ޔޫކޭ ވޭރިއަންޓް، ސައުތު އެފްރިކާ ވޭރިއަންޓް، ބްރެޒިލް އަދި ޑެނިސް ވޭރިއަންޓްއެއް. އެހެންވީމަ ސީކުއެންސިން އަށް ފޮނުވާފައި ވާނީ،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ދިވެހިންނަކީ ދަތުރުކޮށް އުޅޭ ބަޔަކަށްވުމުން ރާއްޖޭގައި އާ ވޭރިއަންޓްތައް އުޅުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ. ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ މުހިންމުކަން ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ ކޮވިޝީލްޑް ވެކްސިން އާ ވޭރިއަންޓަށް އިފެކްޓިވް ކަމަށެވެ.
"މިވަގުތު ވަރަށް މުހިންމު އެއްޗެއް ވެކްސިނަކީ،"
ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތިން ބައި ކުޅަ އެއް ބައި މީހުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަމުންދާ އެ ބަލީގެ އާ ބާވަތް ނުވަތަ ވޭރިއަންޓް ޖެހިފައިވާ މީހުންކަމަށް ލަފާކުރެވޭ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާވެސް ވަނީ ވިދާޅުވެފައެވެ.
ޖަނަވަރީން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މިދިޔަ 27 ދުވަހު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވް ކޭސްތައް ހުރީ 100 އިން މަތީގައެވެ.