ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

35 އަހަރުން މަތީ މީހުންގެ ވެކްސިން ފަށަނީ

35 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ކުރިން ވެކްސިން ދެމުން އައީ 40 އަހަރުން މަތީ މީހުންނަށް އެކަންޏެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ. އެޗްޕީއޭއިން މިރޭ ބުނީ 35 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށާނެ ކަމަށެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 56،000 ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ. މިއަދު ވަނީ 6،171 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 4،310 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 1،861 މީހެކެވެ. ރިސޯޓްތަކުން 219 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މިހާތަނަށް މާލެ ސަރަހައްދުން 43،838 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 12،380 މީހަކަށް ވެކްސިން ދީފައިވެއެވެ.