އޮފްބީޓް

އުމުރު ދުވަހު އެއްކުރި ފައިސާ ކަތުރުފަނި ކާލައިފި

ގޭގެ ބޮޑުފޮށީގައި ފައިސާ ރައްކާކުރާ މީހުންނަށް މިއީ ވަރަށް އިބުރަތްތެރި ވާހަކަ އެކެވެ. އިންޑިޔާގެ އަންދްރަޕްރަދޭޝްގެ ކްރިޝްނާ ޑިސްޓްރިކްޓްގައި އުޅޭ މީހަކު އުމުރު ދުވަހުން ލިބުނު ފައިސާ ރައްކާ ކޮށްފައި ހުރީ ދަގަނޑު ފޮއްޓެއްގަ އެވެ. އެއީ ގެއެއް ގަތުމުގެ ބޭނުމުގައި އޭނާ ރައްކާ ކޮށްފައި ހުރި ފައިސާ އެވެ.

ދާދިފަހުން އެއް ދުވަހަކު އޭނާ އެ ފޮށި ހުޅުވާފައި ބަލާލިއިރު ހުރިހާ ފައިސާތައް ހުރީ ކަތުރުފަނި އަޅައިގެން ހަލާކުވެފަ އެވެ.

ބިޖިލީ ޖަމާލަޔާ، 52، އަކީ އޫރު ގެންގުޅޭ މީހެކެވެ. އޭނާ ބުނި ގޮތުގައި ދަގަނޑު ފޮއްޓެއްގައި ރައްކާކޮށްފައި ހުރި ފަސް ލައްކަ ރުޕީސް ކަތުރުފަނި ކެއުމުގެ ސަބަބުން ވަނީ މުޅިން ހަލާކުވެފަ އެވެ.

ޖަމާލަޔާ ބުނީ އާއިލާއަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ ގޮތުން ރީތި ގެއެއް ބިނާ ކުރުމަކީ އޭޏާގެ ހުވަފެނެކެވެ. ފަސް ލައްކަ ރުޕީސް އޭނާއަށް އެއް ކުރެވުނީ އެތައް އަހަރެއްގެ ބުރަ މަސައްކަތުންނެވެ.

ގިނަ ދުވަސްތަކަކަށްފަހު ދަގަނޑުފޮށި އޭނާ ހުޅުވާލީ މިހާރު ކުރަމުންދާ އޫރުގެ ވިޔަފާރިއަށް ފައިސާ މަދުވެގެން ރައްކާކޮށްފައި ހުރި ފަސްލައްކަ ރުފިޔާއިން އެއް ލައްކަ ރުފިޔާ އެ ވިޔަފާރިއަށް އިންވެސްޓްކުރަން ވެގެން ކަމަށް ޖަމާލަޔާ ބުންޏެވެ.

ފޮށި ހުޅުވާލުމާއެކު ޖަމާލަޔާ އަށް ލިބުނީ ބޮޑު ޝޮކެކެވެ. ފެނުނީ ހިތާމައިން ގޮސް ހިތް ހަލާކުވާ ވަރުގެ މަންޒަރެކެވެ. ބަންޑެލި ޖަހާފައި ހުރި 500 ރުޕީސް އާއި 200 ރުޕީސްގެ ކަރުދާސް ރުފިޔާތައް ކަތުރުފަނި ކެއުމުގެ ސަބަބުން ބޮޑެތި ލޯވަޅުތައް އެޅިފައި ހުރީމަ އެވެ.

މި މަންޒަރު ފެނިފައި ޖަމާލަޔާ އަށް ވަރަށް ބާރަށް ރޮއިގަނެވުނެވެ. އަދި ޚަބަރުހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ. އާއިލާގެ މީހުންނަށް ވެސް ކަން ވެގެން އުޅޭ ގޮތް އެނގުނީ އެހިސާބުންނެވެ.

އެހިސާބުގަނޑުގެ މީހުން ފުލުހުންނަށް ގުޅާފައި މި ވާހަކަ ކިޔައިދިނުން ފުލުހުން އައިސް ހަލާކުވެފައި ހުރި ނޫޓުތައް ބެލި ކަމަށް ވެއެވެ. ހިތްހަލާކުވެފައި ހުރި ޖަމާލަޔާ ފުލުހުން ކައިރި ބުނީ އޭނާ އާއި އާއިލާގެ އެއްވެސް މީހެއްގެ ވެސް ބޭންކް އެކައުންޓެއް ނޯންނަ ކަމަށެވެ. އަދި ރައްކާކުރާ ހުރިހާ ފައިސާއެއް ބަހައްޓަނީ ވަރަށް ބާ ދަގަނޑު ފޮއްޓެއްގެ ތެރޭގައި ކަމަށެވެ.

އޭނާ މި ފައިސާ ހޯދާފައިވަނީ އެއްވެސް ކަހަލަ ގާނޫނީ ޚިލާފު ކަމެއް ކޮށްގެން ކަމުގައި ނޫންނަމަ އޭނާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ޖަމާލަޔާ އަށް ދީފަ އެވެ.

ބޭންކެއްގެ ލޮކަރެއްގައި ގިނަ އަދަދެއްގެ ފައިސާ ރައްކާ ކޮށްފައި ހުރި އިންޑިޔާ މީހަކަށް ވެސް ދާދިފަހުން މިފަދަ ކަމެއް ކުރިމަތިވި އެވެ. އޭނާ ރައްކާކޮށްފައި ހުރި ދެ ލައްކަ އަށް ވުރެ ގިނަ ރުޕީސް ކަތުރުފަނި ކާލުމުގެ ސަބަބުން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް އެ މީހާ ބުނެފައި ވެއެވެ.