ޓީވީ ސީރީޒް

ބިގް ބޮސް 14 ކާމިޔާބު ކުރުމާ ގާތީ ރޫބީނާ

ކަލާޒް ޓީވީގެ "ބިގް ބޮސް" ގެ 14 ވަނަ ސީޒަންގެ ގްރޭންޑް ފިނާލޭއަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ގިނަ ބަޔަކު ބުނަނީ މި ފަހަރުގެ ޝޯ ކާމިޔާބު ކުރުން އެންމެ ގާތީ ޓީވީ ބަތަލާ ރޫބިނާ ޑައިލައިކް ކަމަށެވެ.

ބެލުންތެރިންގެ ވޯޓު މިހާރު ލިބެމުންދާ ގޮތަށް ބަލާއިރު "ބިގް ބޮސް"ގެ ރީތި ޓްރޮފީއަށް މިފަހަރު އެންމެ ބޮޑަށް ވާދަކުރާނީ ރޫބީނާ އާއި ރާހުލް ވައިދިޔާ ކަމަށް ލަފާ ކުރެވެ އެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ނަގާފައިވާ އޮޕީނިއަން ޕޯލް ތަކަށް ބަލާއިރު ރޫބީނާ މިފަހަރުގެ ސީޒަން ކާމިޔާބު ކުރާނެ ކަމަށް 61 ޕަސެންޓް މީހުން ބުނެފައި ވެއެވެ. ރާހޫލް ކާމިޔާބު ކުރާނެކަމަށް ބުނެފައިވަނީ 24 ޕަސެންޓް މީހުންނެވެ. އަލީ ގޯނީއަށް 10.9 ޕަސެންޓް އަދި ނިކީ ޓަމްބޯލީ އަށް 3.5 ޕަސެންޓް މީހުންގެ ވޯޓު ލިބޭނެ ކަމަށް ޚިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކަ އެވެ. އެންމެ ފުލުގައި އުޅެނީ ރާކީ ސާވަންތެވެ. މިފަހަރުގެ ސީޒަން ރާކީ އަށް ކާމިޔާބު ކުރެވުމުގެ ފުރުސަތު ވަރަށް ކުޑަކަމަކަށް ޝޯ ބަލާ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ނިކީ ޓަމްބޯލީއަށް ހަ ލައްކަ ރުޕީސް ދީފައި އޭނާ ބިގް ބޮސްގެ ގެއިން ނެރެން ޝޯ އިންތިޒާމްކުރާ ފަރާތުން ބޭނުންވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ސަބަބަކީ ރާކީ އަށް ލިބޭ ވޯޓު މަދުވުމުން ޓޮޕް 4 ބައިވެރިންގެ ތެރޭގައި ރާކީ ހިމެނެން އަންނަނީ ނިކީ ބޭރުކޮށްގެން ކަމަށް ވާތީ އެވެ.

ރޫބީނާގެ މައްސަލައަކީ އޭނާގެ މިޒާޖެވެ. އޭނާ މިޒާޖު ހުންނަ ގޮތުން ބައެއް މީހުން އޭނާ ދެކެ ވަރަށް ފޫހިވެ އެވެ. ނަމަވެސް ބިގް ބޮސްގެ ގެޔަށް ޒިޔާރަތްކުރި ކުރީ ސީޒަންތައް ކާމިޔާބުކުރި ހީނާ ޚާން، ގޯހަރް ޚާން ފަދަ މީހުން ބުނަނީ ޝޯ ކާމިޔާބުކުރެވޭނެ ހުރިހާ ކޮލިޓީއެއް ރޫބީނާގެ ހުރި ކަމަށެވެ.

ބިޕާޝާ ބާސޫ، ކާމްޔާ ޕަންޖާބީ އަދި ޝްރިސްތީ ރޯޑީ ފަދަ ބިގް ބޮސްގެ ގެއަށް އެއްގޮތަކަށް ވެސް ނުދާ ބައެއް ބަތަލާއިން ވެސް ރޫބީނާ އަށް ތާއީދުކޮށް އޭނާއަށް ޝޯ ކާމިޔާބު ކުރެވޭނެކަމަށް އުންމީދުކުރާ ކަމަށް ބުނެފައި ވެއެވެ.

އަނެއްކޮޅުން ރާހޫލް އަކީ އެންމެންނަށް ވެސް ވަރަށް އެހީތެރިކަން ފޯރުކޮށްދޭ މީހަކަށް ވާތީ ރާހޫލްގެ ފޭނުން ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާކަން ފާހަގަ ކޮށްލެވެ އެވެ. އެންމެ ފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ ރޫބީނާ އަށް 35 ޕަސެންޓު ވޯޓު ލިބޭނެ ކަމަށެވެ. ރާކި އަށް ލިބޭނެ ކަމަށް ލަފާ ކުރެވެނީ ހަތަރު ޕަސަންޓެވެ.