ޓީވީ ސީރީޒް

މަސްތުވުމާއި ޑިޕްރެޝަންގައި "ބިގް ބޮސް" މަރުނުވީ ކިރިޔާ

ކަލާޒް ޓީވީން ދައްކާ ކާމިޔާބު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ނެރޭޓާ ނުވަތަ ބިގް ބޮސްގެ އަޑުގެ ވެރިޔަކީ ވޮއިސްއޯވާ އާޓިސްޓް ވިޖޭ ވިކްރަމް ސިންގް އެވެ. ވިޖޭ އަކީ ކާކުކަން މި ޝޯ ބަލާ މީހުންނަށް ނޭނގުނަސް އޭނާގެ އަޑު ޖެހުމުން އެއީ "ބިގް ބޮސް"ކަން އެނގޭނެ އެވެ. އެހާވެސް "ބިގް ބޮސް"ގެ އަޑު މަޝްހޫރެވެ.

"ބިގް ބޮސް"ގެ އިތުރުން "މާސްޓަ ޝެފް އިންޑިއާ" އާއި "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ވެސް ވިޖޭ ވޮއިސްއޯވާ އާޓިސްޓެއްގެ ގޮތުގައި ބައިވެރިވެފައި ވެއެވެ.

ގިނަ ބަޔަކަށް ހީވާނީ ބިގް ބޮސް އަށް ވެގެން އެންމެންނަށް އަމުރުކޮށްކޮށްފައި އުޅޭ ވިޖޭ އަކީ ހަގީގަތުގައި ވެސް އެހާ ވަރުގަދަ ޝަޚްސިއްޔަތެއްގެ ވެރިއަކަށް ވާނެ ކަމަށެވެ. ނަމަވެސް އޭނާގެ ހަޔާތުގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން ޑިޕްރެޝަންގެ މައްސަލަތައް ދިމާވެ އަދި މަސްތުގެ ވަބައިގައި ޖެހުމުގެ ސަބަބުން ވިޖޭއަށް ހަޔާތުގެ ކުރީކޮޅު ވަރަށް ގިނަ ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުނެވެ.

ވިޖޭ ބުނި ގޮތުގައި އޭނާއަށް ވޮއިސްއޯވާ އާޓިސްޓަކަށް ވެވުނީ އެކްސިޑެންޓަކުންނެވެ. އެއީ އޭނާ ކުރަން ބޭނުންވި ކަމެއް ނޫނެވެ. އުމުރުން 29 އަހަރުގައި ކޮންމެވެސް މީހަކަށް އޭނާގެ އަޑު އިވިގެން ވޮއިސްއޯވާ އާޓިސްޓަކަށް ވުމުގެ ހިޔާލު އޭނާއަށް ދިން ކަމަށް ވިޖޭ ބުންޏެވެ.

އޭނާއަށް ވޮއިސްއޯވާ އާޓިސްޓަކަށް ވެވިދާނެކަމަކަށް ވިޖޭ ހިއެއް ނުކުރެ އެވެ. ސަބަބަކީ އޭނާއަށް ލަވަ ކިޔަން ނޭނގޭތީ އެވެ. ނަމަވެސް އޭނާއަށް މި ކަން ކުރެވޭތޯ މަސައްކަތް ފެށި އެވެ. އަދި ސްޓޫޑިއޯގައި އަމަލީ ތަޖުރިބާތައް ލިބުމުން އޭނާއަށް މިކަން ކުރެވިދާނެކަމުގެ ޔަގީންކަން ލިބި މި ވަޒީފާއަށް އޭނާގެ ހިތުގައި ލޯބި އުފެދުނެވެ.

ވިޖޭގެ ޒުވާން އުމުރުގެ ތަޖުރިބާތައް ވަރަށް ހިތްދައްޗެވެ. އުމުރުން 19 އަހަރުވީއިރު އޭނާ ހުރީ ބަނގުރަލަށް ދެވިހިފާފަ އެވެ. އެހެންކަމުން މޯޓިވޭޝަނަލް ސްޕީކަރަކަށް ނުވިޔަސް ވިޖޭ އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދީ އެހެން މީހުންނަށް ހިތްވަރުދީ އުންމީދު އާލާކުރުވުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދެއެވެ. އަދި މީހުންނަށް އޭނާގެ ވާހަކަތައް އަޑުއަހައި ގަބޫލުކުރަން ފަސޭހަ އެވެ.

ވިޖޭ ކިޔައިދޭ ގޮތުގައި ޒުވާނެއްގެ ހައިސިއްޔަތުން އޭނާއަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީތަކުގެ ދިފާއަކަށް އޭނާ ބޭނުންކުރީ ބަނގުރަލެވެ.

"ޑިޕްރެޝަންގެ މައްސަލަތަކުގައި އަހަރެން ހަތް އަހަރު ހޭދަކުރިން. އެ ދުވަސްވަރު އަހަރެން މަރުނުވީ ހަމަ ކިރިޔާ. ބަނގުރާ ބުއިމުގެ ސަބަބުން އަހަރެންނަށް ފުރާނައަށް ނުރައްކާ ބައްޔެއް ވަނީ ޖެހިފައި،" ވިޖޭ ބުންޏެވެ.

ވިޖޭ ބުނި ގޮތުގައި "ބިގް ބޮސް"ގެ ހޯސްޓް ސަލްމާން ޚާނާއެކު އޭނާ އެ ޝޯގެ ހަތަރު ވަނަ ސީޒަނުން ފެށިގެން ގެންދަނީ ބައިވެރިވަމުންނެވެ.

ދެ މީހުން އެއް ޝޯގައި މަސައްކަތްކުރާތީ ސަލްމާނާއި ވިޖޭގެ ގާތް ގުޅުމެއް އޮންނާނެކަމަށް ގިނަ މީހުންނަށް ހީވާނެ އެވެ. ނަމަވެސް އެފަދަ އެއްވެސް ގުޅުމެއް ސަލްމާނާ ނެތް ކަމަށް ވިޖޭ ބުންޏެވެ.

ސަލްމާނާ ބައްދަލުވެފައިވަނީ މަދު ފަހަރަކު ކަމަށާއި ކޮންމެ ފަހަރަކުވެސް އަލަށް މީހަކު ތައަރަފްވާ ގޮތަށް އޭނާއަށް ސަލްމާނަށް ތައާރަފްވާން ޖެހޭ ކަމަށް ވެސް ވިޖޭ ބުންޏެވެ.

ވޮއިސްއޯވާ އާޓީސްޓެއްގެ އިތުރުން ވިޖޭ އަކީ އެކްޓަރެއް ވެސް މެއެވެ. އެގޮތުން އޭނާ މިހާރު ކުޅެމުންދާ އެއް ޑްރާމާ ސީރީޒް އަކީ "ދަ ގުޑް ވައިފް" ކިޔާ ކްރައިމް ޑްރާމާ އެކެވެ. މި ސީރީޒްގައި ކާޖޮލް އާއި ކުބްރާ ސެއިޓް މުހިއްމު ބައިތަކެއް ކުޅެ އެވެ.