(16 ފެބްރުއަރީ 2021 އާ ގުޅޭ)
"އަހަރެންގެ ކެތްތެރިކަމުގެ އިމްތިހާނަށް މި އަންހެންކުއްޖާވާނެކަން ޔަގީން." އަނުމް އުރާލި ނޯޔާއަށް ބަލަން އިނދެ އަސްލަންގެ ހިތާ ވާހަކަދައްކަމުން ދުރަށް ޖެހިލިއެވެ.
"އަހަންނަކީ ކާކު؟ އެ ކުދީން އަހަންނަށް ކިޔާނީ ކީކޭ؟" އަނުމްގެ ކޮލުގައި ކޮއްޓާލިއިރު ނޯޔާގެ ހިތުގައިވީ އެ ސުވާލު ތަކެވެ. ސަބީނާއަކީ އޭނާގެ މަންމައެއް ނޫނޭ ހިތަށްއެރިއިރު އޭނާއަކީ ވެސް އެ ކުދީންގެ މަންމައެއް ނޫނެވެ. އެހެންވިޔަސް މަންމައަށް ވާން ނޯޔާ ގަސްދު ކުރެއެވެ. އެކުދީން އޭނާއަކީ މަންމަ ކަމުގައި ދުށުމަށް އެ ހިތް އެދެއެވެ. އެ މާތް ދަރަޖައާއި ޝަރަފު ލިބުމަށް އެދެވެއެވެ.
ކޯތާފަތަށް މަޑު ހޫނުކަމެއް އިޙްސާސް ކުރެވެންވީ ސަބަބެއް ނޯޔާއަކަށް ނޭނގެ އެވެ. މަޑު ރަތްކަމެއް ކޯތަފާއި ނޭފަތުގެ ކޮޅުން ފާޅުވާން ފެށިއެވެ. ނޯޔާއަށް ނޭނގުނަސް އޭނާއަށް އެފަދަ އަސަރުތަކެއް ކުރުވީ އަސްލަންގެ ބެލުމެވެ. މީގެ ކުރިން އޭނާއާ އެހާ ގާތުގައި އިނދެ އެ މޫނާއި ހަރަކާތްތަކަށް ބަލާނޭ ފުރުޞަތެއް އެއްވެސް ޒުވާނަކަށް ދެވިފައެއް ނެތެވެ. ނޭނގުމުގައި ގަސްދަކާނުލާ ވިޔަސް އަސްލަންގެ އަތުގައި އަތްލެވުނީ އެވެ. އެ އަތުގައި ހުރި ވަރުގަދަ ކަމާއި އިސްތަށިފަޅާފައި ހުރި ގޮތުގެ އިޙްސާސުން ބަޔާން ކުރަން ދަތިވި ހީލިކެރުވުމެއް އަތްތިލައިގަ އުފެދުނެވެ. އޭގެ އަސަރު އޭނާގެ ހިތަށް ފޯރި އެވެ. ނަމަވެސް އަސްލަންގެ މޫނުން ކަމެއް ދެނެގަނެވޭ ގޮތެއް ނުވެއެވެ. ގިނަފަހަރަށް އެއްވެސް އަސަރެއް އެ މޫނުން ނުދައްކާތީ އެވެ. ކަމެއް ދެނެގަނެވޭ ގޮތް ނުވުމުން ނޯޔާ ޤަބޫލުކުރީ ކުޑަކުއްޖަކު ގެންގުޅުމުގައި އޭނާގެ ހުރި ނުފަރިތަ ކަމަށް އަސްލަން ބަލަނީ ކަމުގަ އެވެ. އެއީ ޔަގީނުން ވެސް ކޮންމެ މީހަކަށް ވެސް ފާހަގަވާނޭ ކަމެކެވެ. އެކަމަކު އެއީ ކުޑަ ދުވަސްކޮޅެއްގެ އާކަމެއްކަން ނޯޔާގެ ހިތުގައި އޮތެވެ. އޭނާގެ އެންމެ ބޮޑު ޒިންމާއަކީ އަސްލަންގެ ތިން ކުދީންނެވެ. އެ ކުދީންގެ އެއްވެސް ކަމެއްގައި ފަރުވާކުޑައެއް ނުކުރެވޭނެއެވެ. އަސްލަންއާ ކުރެވުނު ކައިވެނީގެ މަޤްޞަދަކީ ވެސް އެއީކަމުގައި ނޯޔާ ޤަބޫލުކުރެ އެވެ.
އަނުމް ފެންވަރުވައި ބުއްފުޅި ދިނީ ވެސް ނޯޔާ އެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް އަސްލަން ގާތުގައި ބަލަން ހުރެ އެވެ. ސާރާއާއި މަލްސާގެ ކޮޓަރިއަށް ވަނީ ނޯޔާ އެވެ. ދޮރުމަތީ އަސްލަން މަޑުކޮށްލައިގެން ހުއްޓެވެ. މަލްސާ ނުހޭލުމުން އެކުއްޖާ ދެ އަތުގެ ތެރޭ އުފުލާލައި ނޯޔާ ބޮސްދީފި އެވެ. ދެން ބައްދާލަމުން ބަނޑުގައި ގިލިގިލި ކޮއްޓާލައި އެވެ.
"ދެން މަމީ..." ހެވެމުންދިޔަ މަލްސާ ޝަކުވާގެ ރާގުގައި ގޮވާލި އެވެ. އެހިނދު ދޮރުމަތީ ހުރި އަސްލަންއަށް ކުރެވުނީ ބަޔާންކުރަން ދަތި އިޙްސާސެކެވެ. ލޯ ހުޅުވާލި މަލްސާއަށް ނޯޔާ ފެނުމުން އެކުއްޖާ ވެސް ހިމޭންވީ އެވެ. ދެމެދަށް ބީރައްޓެހި ކަމެއް ވެރިވީ އެވެ. އޭރު ސާރާ އެނދުގައި އިށީނދެލައިގެން ބަލަން އިނީ އަޖައިބުވެފައި އިން ގޮތަކަށެވެ.
"ގުޑް މޯނިންގް..." ނިކަން ފުޅާ ހިނިތުންވުމެއް ދެބެންނަށް ބަދަލު ކޮށްލުމާއެކު ނޯޔާ ބުނެލި އެވެ. މާމަ ހުރީ ހުރިހާ ކުދީންގެ އިންތިޒާރުގައިކަން ނޯޔާ ހަނދާންކޮށްލަ ދިނެވެ. އެހެންވީމަ އަވަސް ކުރަންވީ ކަމުގައި ބުނެލި އެވެ. ސައި ހުސްވުމުގެ ކުރީން އަވަހަށް ސައިބޯން ދާންވާނޭ ބުނެލީ މަޖާވެލާފައެވެ.
މަލްސާ ނިކަން ބަސްއެހި އެވެ. ދޮރުމަތީ ހުރި ބައްޕައަށް ފަހަރަކު ކުއްޖަކު ބަލާލި އެވެ. ފާޚާނާއަށް ވަނުމުގެ ކުރީން ނިދާ ހެދުން ބާލަން ނޯޔާ ބުންޏެވެ. މަލްސާއަށް އެހީތެރިވި އެވެ. ނަމަވެސް ސާރާ މަޑުމަޑުން ހުރީ އެވެ. ފާޚާނާއަށް ވަނުމުގެ ކުރީން ނޯޔާ ހެދުން ހިއްލާލައި އެތެރޭން ލާފައި ހުރި ހަރުވާޅު މައްޗަށް އަރުވާލި އެވެ. ދެފައިގަ އޮތް ކެވެލިކޮޅު ހާމަވެލީ އެވަގުތެވެ. އަސްލަން އަވަހަށް ދޮރުމަތިން ޖެހެލީ ދުރަށެވެ. ބޮލުގައި އޮތް ބުރުގާ ނޯޔާ ނެގުމުން ދެބެންގެ މޫނުން ހައިރާންކަން ފެނުނެވެ.
"މިތާ މިތިބީ ހަމައެކަނި ގާލްކުދީން..." ނޯޔާ ވާހަކަ ދެއްކީ ސާރާއާ އެވެ. ނޯޔާ ހުރުމުން ހެދުން ބަދަލު ކުރަން އެކުއްޖާ ބޭނުން ނުވަނީކަން އެނގެއެވެ.
"ދޮންތި ލަދުގަންނާނެ." ފާޚާނާ ތެރޭ ހުރެފައި މަލްސާ ބުންޏެވެ.
"މަންމަ ވެސް ބުރުގާ ނާޅައެއްނު މިހުރީ." ނޯޔާ ބުނެލި އެވެ.
"ތީ ނޫބޭބީ ގޭގަ އުޅޭ ދައްތަ." މަލްސާ ބުންޏެވެ. މަންމައޭ ބުނުމުން އެ ކުދީންނަށް ބަލައިގަންނަން އުނދަގޫވީކަން ނޯޔާ ދެނަހުއްޓެވެ. ނަމަވެސް އޭނާ ހުރީ އެގޮތުގައި ހިފަހައްޓަން ގަސްދު ކޮށްގެންނެވެ.
އެކިވާހަކަ ނޯޔާ ދެއްކި އެވެ. އަސްލަންއާއެކު އެ ގެއަށްއާއީމަ އެކުދީން އޭނާގެ ކުޑަކުޑަ ދަރީންނަށް ވެއްޖެކަން ނޯޔާ ބުންޏެވެ. އެކަން ވިސްނައި ދިނުމަށް އޭނާ ކުކުޅަކާއި އަސްދޫންޏެއްގެ ވާހަކަ ކިޔައިދިނެވެ. ސާރާ އިރުކޮޅަކު ހުރެފައި ފާޚާނާއަށް ވަނެވެ. ދެބެންގެ ބުރުހުގައި ބޭސް ޖަހާދީފައި ނޯޔާ ފާޚާނާއިން ނުކުތެވެ. އަލަމާރި ހުޅުވާލައި ހެދުންތަކަށް ބަލާލި އެވެ. ކައިރީ ހުރި ކަބަޑުގެ ވަތްގަނޑުތައް ވެސް އޭނާ ބެލިއެވެ. އެކުދީންގެ އަންނައުނުތައް އެއްވެސް ތަރުތީބެއް ނެތެވެ. އެހުރިހާ ކަމެއް ކުރަމުން ދިޔައިރު ވެސް އޭނާ އެ ދެބެންނާ ވާހަކަ ދައްކައެވެ. ހެނދުނު ލައްވަން ރަނގަޅު ހެދުމެއް ނޯޔާ ނެގިއެވެ. މިއަދު ލާނީ ކޮން ކުލައެއްތޯ ވެސް އަހާލި އެވެ. ޖަވާބުދޭން އަވަސްވީ މަލްސާއެވެ. ސާރާއަށް ބަލަން ނޯޔާ މަޑުކޮށްލައިގެން ހުރުމުން އެ ކުއްޖާ ވެސް މަޑުމަޑުން ކުލައެއް ބުނެލިއެވެ.
ދެބެން ތައްޔާރުކޮށްގެން ކޮޓަރިން ނޯޔާ ނުކުތުމުން ސިޓިންރޫމު ސޯފާގައި އިން އަސްލަންއަށް ތެދުވެވުނެވެ. މަލްސާގެ އިސްތަށިކޮޅު ބައްޕައަށް ދައްކަން އަވަސްވެލި އެވެ. ސާރާ މަޑުމަޑުން އައިސް ސޯފާގައި އިށީނީ އެވެ. އެހެން ދުވަސްދަވަހު އެހާއިރުވާއިރު އަދި ދެބެން ތައްޔާރެއް ނުވާނެ އެވެ. އަސްލަން ޖެހޭނީ ތެޅިފޮޅޭށެވެ. ސާރާއަށް ވެސް ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން މިއަދު ގަޔާވެވުނެވެ. ނަމަވެސް އެކުއްޖާ އަނގަޔަކުން ނުބުނެ އެވެ. އެއީ ދެވަނަ އަސްލަންއޭ ނޯޔާގެ ހިތް ބުނެލިއެވެ. އަސްލަންގެ ފުށުން ފެންނަ ހަނުހުރުމާއި އެ މަޑުމައިތިރި ކަމެވެ.
"އަންނާނަން ރީތިވެލައިގެން." ނޯޔާ ބުނެލި އެވެ. އޭނާގެ ކޮޓަރިއަށް ގޮސް ވަންނަންދެން އަސްލަންއާއި މަލްސާ ބަލަން ތިއްބެވެ.
* * * * *
ސަބީނާ އުޅޭ ބައިގެ ދޮރު އަސްލަން ހުޅުވާލި އެވެ. އެންމެންގެ ކުރިޔަށް މާމާއޭ ގޮވަމުން މަލްސާ ވަނެވެ. ކާމޭޒުކައިރީ ހުރި ސަބީނާ ބަލާލިއެވެ. އަނުމް އުރާލައިގެން އަސްލަން ހުރިއިރު އޭނާގެ ކުރީގައި ނޯޔާ ހުއްޓެވެ. ނޯޔާގެ ފުށުން ތަފާތެއް ނުފެނުނަސް ކަމެއް ބަދަލުވެއްޖެކަން ސަބީނާއަށް ފާހަގަވި އެވެ. ހެނދުނު ފެންނައިރު ސާރާއާއި މަލްސާ ތިބޭ ގޮތާއި މިއަދު އެ ދެބެން ތިބިގޮތް ތަފާތީއެވެ. އިސްތަށިގަނޑު ހުރީ އޮމާން ކުރެވިފައެވެ. ލައްވާފައި ހުރީ ރޫގިނަވެފައިވާ ހެދުމެއް ނޫނެވެ. ދެބެން ވެސް އެއްވަރަކަށް ނަލަވެގެން އައި ކަހަލައެވެ.
"އަވަހަށް ސައިބޯން ހިނގާ." ސަބީނާ ބުނެލި އެވެ.
"ރިދާން ނުހޭލަނީތަ؟" އަސްލަން އަހާލި އެވެ.
"ދޭބަލަ ގޮވާލަން، އަސްލަންބެ އައީމަ ގޮވާށޭ ކިޔާފަ ވަނީ." ސަބީނާ ބުންޏެވެ.
ކާމޭޒުދޮށުގައި އިށީނުމަށް ފަހު ވެސް ނޯޔާގެ ސަމާލުކަން ފިރިމީހާއާއި ކުދީންނަށް ދެވިފައި ވިއެވެ. އޭނާ ކަންކަން ދަސްކުރީ މަންމަގެ އުޅުން ބަލައިގެންނެވެ. ބައްޕައާމެދު އެ މަންމަ ކަންކަން ކޮށްދޭގޮތް ނޯޔާ ދުށްޓެވެ. އޯގާތެރިކަމާއި ގާތްކަމާއި ދޭ އިސްކަން މަންމަގެ ޢަމަލުތަކާއި ކޮންމެ ހަރަކާތެއްގައި ވެއެވެ. މިއަދު ނޯޔާ ވެސް ކަންތައްކުރަން މަސައްކަތް ކުރީ އެފަދައިންނެވެ. އަންހެން ދަރީންގެ ނަމުނާއަކީ އެމީހުންގެ މަންމަކަން ޔަގީނެވެ. ލޮލަށް ފިނިކަން ލިބޭފަދަ މަންޒަރަކަށް ނޯޔާގެ ފަރާތުން ފެންނަ ކަންކަން ސަބީނާއަށް ވިއެވެ. މިއަދު އޭނާއަށް އެއްވެސް ކަމެއް ކޮށްދޭކަށް ނުޖެހުނެވެ. ކޮންމެ ކަމެއްގައި ނޯޔާ އިސްނަގައެވެ.
"ސައިބޮއިގެން ނުގޮސް މަޑުކުރައްޗޭ، މަންމަ އެއްޗެއް ދޭން ވެގެން." ސަބީނާ ބުންޏެވެ. ނޯޔާ ހަމައެކަނި ބޯ ޖަހާލީ އެވެ.
ރިދާންގެ ނަޒަރު ނޯޔާގެ ކޮންމެ ހަރަކާތަކަށް ހުއްޓިފައި ވިއެވެ. އަސްލަންއާއި ކުދީންނާ މެދު ނޯޔާ ބަހައްޓާ ގާތްކަން އޭނާއަށް ފެނެއެވެ. ދެފަހަރަކު އަސްލަންގެ މޫނަށް ރިދާން ބަލާލި އެވެ. އޭނާއަށް ވެސް ވީ ނޯޔާއަށް ވާވަރެވެ. އަސްލަންގެ މޫނުން އެއްވެސް ކަމެއް ދެނެގަތުމަކީ ފަސޭހަކަމެއް ނޫނެވެ. އޭނާ ނޯޔާއަށް ގަޔާވާތަނެއް ނުދައްކައެވެ. ހަމައެއާއެކު ގަޔާނުވެގެން ހުއްޓުވާކަށް ވެސް މަސައްކަތެއް ނުކުރެއެވެ.
"އަނބީހާގެ ގޮތުގައި ޤަބޫލި ކުރީތަ؟ ވަޓް އަބައުޓް ޔޫ ނޯޔާ... ތި ހިތް ދެން އެހެން މީހަކަށް ނުލިބޭނެތަ؟" ރިދާންގެ ހިތުގައި ވިއެވެ. އޭނާގެ އެ ހިމޭންކަން ކަނޑުވާލީ އަމިއްލައަށެވެ. މަލްސާގެ ތައްޓަށް ނޯޔާ ލައިދިން ކުކުޅުބިސް ކާލަން ރިދާން އުޅުނެވެ. މޭޒުމަތީ އަޑުގަދަވީ ދެނެވެ. އެހެން ނުހަދާށޭ އަސްލަން ގޮވާލި ނަމަވެސް އެ އަޑު ރިދާން ނާހާނޭކަން އެނގެއެވެ. އެކުދީންނާ އެފަދަ ސަކަރާތް ޖަހާއިރު ރިދާންއެކޭ ކުޑަކުއްޖެކޭ އެއްވަރުވާނެއެވެ.
އެންމެން ސައިބުއިމުން ސުފުރާމަތި ސާފު ކުރުމުގައި ސަބީނާއާ ނޯޔާ ބައިވެރިވި އެވެ. ސަބީނާ އެންމެ ހިތްހަމަޖެހުނީ އެކަމާއެވެ. ނޯޔާ އަމިއްލައަށް ފެނިގެން އިސް ނަގާތީ އެވެ. އެއީ އަންހެން ދަރިފުޅުގެ ކިބައިން އޭނާ ދުށުމަށް އެދޭ ސިފައެކެވެ. ނޯޔާ މަސައްކަތް ނިންމާލައި ސޯފާގައި އިށީންނަން އައެވެ. ސަބީނާ ގޮސް ވަނީ ކޮޓަރިއަށެވެ. ސޯފާ ކައިރީ ހުރި އުނދޯލީގައި އަނުމް ބާއްވާފައި އޮތެވެ. އެކުއްޖާ އަޑުއަޑު ލައްވާލަ ލައްވާލާ އޮތް އިރު ސާރާ ހުރީ ކޮއްކޮގެ ހަރަކާތްތަކަށް ބަލާށެވެ. ނޯޔާ އައިސް އިށީނީ އަސްލަން އިން ސޯފާގައެވެ. ދެމެދުގައި ގާތްކަމެއް ނެތަސް އެކަން އިތުރު ބަޔަކަށް ފާހަގަވާން ފުރުޞަތު ނުދޭންވެގެންނެވެ.
"ނޯޔާ ނައިސްގެން މަންމަ އުޅުނު އަސްލަންބެއަށް ގުޅަން ވެސް." މަލްސާއާ ސަކަރާތް ޖަހަން އިން ރިދާން ބުނެލި އެވެ. ނޯޔާ ހަމައެކަނި ބަދަލުކޮށްލީ ހިނިތުންވުމެކެވެ.
"ރޭގަ އަސްލަންބެ އެހާ ބުރަކޮށް އުޅެފައި ހެނދުނު ކިހިނެއް ހޭލާނީ، އައި ކޭން އަންޑަސްޓޭންޑް." ރިދާން ދިމާކޮށްލި އެވެ. ނޯޔާއަށް އެބުނި އެއްޗެއް ނޭނގުނެވެ. އޭނާ އަސްލަންއަށް ބަލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވި އެވެ.
"ރޭގަ ކީއްކުރަން ޖެހުނީ؟ ޓެރެސް ސާފު ކުރީތަ؟" ނޯޔާ އަހާލި އެވެ. އަސްލަންއަށް ލިބުނީ ހައިރާން ކަމެވެ. ރިދާން ބުނި އެއްޗެއް ހަމަ ނޯޔާއަށް ނޭނގުނީބާއޭ އަސްލަން ހިތަށް އެރިއެވެ. ރިދާން އިނދެފައި "ޕަކަޕަކަ" އަޅައި ހީނގަނެއްޖެ އެވެ. ނޯޔާއަށް ވާނުވާ ނޭނގުނަސް އޭނާ ރަކިވެއްޖެ އެވެ. ލަދުގަތީ އެވެ. މަޑުމަޑުން އިސްޖަހާލި ގޮތުން އަސްލަން ސީރިއަސްވެލި އެވެ. އެ މައުޞޫމްކަން އަސްލަންގެ ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނެވެ. ނަމަވެސް ސީރިއަސްކަމުގެ ތެރޭ ހިނިތުންވުން ފޮރުވާލީ އެވެ. ރިދާން ގާތު ހުއްޓާލާށޭ ބުނެލިއެވެ.
ސަބީނާ ނުކުމެގެން އައީ އެވަގުތެވެ. އޭނާ އައިސް އަސްލަންގެ ކޮނޑުގައި ޖަހާލިއެވެ. ދެން އަތުގައި ނޫކުލައިގެ ހަތަރެސްކަން ކުޑަފޮށި ދިއްކޮށްލި އެވެ. އޭގައި އަސްލަން ހިފިއެވެ. ހުޅުވާލައި އޭގެ ތެރޭގައި އިން ރަން އަނގޮއްޓި އަސްލަން ނެގިއެވެ.
"މީ ނޯޔާއަށް މަންމަ ހޯދި ކައިވެނީގެ ހަދިޔާ." ސަބީނާ އިޝާރާތް ކުރީ އަސްލަން ނެގި އަނގޮއްޓިއަށެވެ.
"ތެންކިއު... ވަރަށް ރީތި." އަނގޮއްޓިއަށް ބަލަން އިނދެ ނޯޔާ ބުނެލި އެވެ.
އަސްލަންގެ ކޮނޑުގައި ސަބީނާ އަތްޖައްސާލި އެވެ. އެހިނދު އަސްލަންގެ ވައަތްތިލަ ނޯޔާއަށް ދިއްކޮށްލި އެވެ. އެއަތުން ނޯޔާ ދިއްކޮށްލި އަތުގައި ހިފިއެވެ. އަދި މެދު އިނގިލީގައި އަނގޮއްޓި އަޅުވާލަ ދިނެވެ. ނޯޔާ ހިނިތުންވެލި އެވެ. އޭނާ ހީކުރީ އަނގޮއްޓި އަޅުވާނީ ކަށި އިނގިލީގައި ކަމަށެވެ. އަސްލަންއަށް ބަލާ ވެސް ލެވުނެވެ. އޭނާ ނިކަން އަވަހަށް ނޯޔާގެ އަތްތިލައިން ދޫކޮށްލި އެވެ. ނޯޔާ އަނގޮއްޓި ހެޔޮވަރުކޮށްލައި އިތުރަށް ބަލާ ކަމަށް ހެދުނެވެ.
"ކަމުދޭތަ؟" ސަބީނާ އަހާލިއެވެ. އާނއެކޭ ބުނުމަށް ނޯޔާ ބޯޖަހާލީ އެވެ.
މާގިނައިރު އަސްލަން ނީނެވެ. އޭނާ ފޯނެއް ކުރަންށޭ ބުނެ މަންމަމެން ބައިން ނުކުތެވެ. އެ ފުރުޞަތުގެ ބޭނުން ރިދާން ހިފިއެވެ. ނޯޔާއާ ގާތްކަން އުފައްދަން އޭނާ މަސައްކަތް ފެށިއެވެ. އެކުވެރިކަން ވިޔަސް ލިބޭތޯ އެވެ. ނޯޔާ މާގިނަ ވާހަކައެއް ނުދެއްކި އެވެ. އޭނާ ސަބީނާގެ ގާތަށް އައީ މެންދުރަށް ތައްޔާރުކުރާ އެއްޗެއް އޮޅުން ފިލުވުމަށެވެ.
ނުވައެއް ޖަހަން ކައިރިވެފައި ވަނިކޮށް އެޕާޓްމެންޓަށް އެނބުރި ނޯޔާ އައިސް ވަނެވެ. ބެލްކަނީގައި ހުރެފައި އަސްލަން ބަލާލި އެވެ. ނޯޔާއަށް އޭނާ އެތަނުގައި ހުރި ކަމެއް ނުފެނެއެވެ. ނޯޔާ ބަލާލީ އަސްލަންގެ ކޮޓަރިއާ ދިމާއަށެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެ ތުވާލި ހިފައިގެން ނުކުތެވެ. އެތެރެއަށް ވަން އަސްލަންއާއި ނޯޔާ ބައްދަލުވީ ދެނެވެ. ބުރުގާއެއް ނެތި ހާމަވެފައިވާ ކަނދުރާ އާއި ބޮލުގައި ވަގުތުން ނޯޔާ ތުވާލި އެޅިއެވެ. ހަލުވިކޮށް އައިސް ފާޚާނާއަށް އޭނާ ވަނެވެ.
"އިޓްސް އޯކޭ... ހަޒްބަންޑްއަށް ފެނުމުން ގޯހެއްނެތް، އެހެންވިޔަސް... ކޮންއިރަކު އެތަނަށް އޭނާ އައީ؟" ލައްޕާލި ދޮރު ކައިރީ މަޑުކޮށްލެވުނު ނޯޔާގެ ހިތަށް އެރިއެވެ. މަޑުން ލޯގަނޑާ ދިމާއަށް އެނބުރިލި އެވެ. ތުވާލި ނަގައި އޭނާ ހުރި ގޮތް ބަލާލި އެވެ. އަސްލަން އެ ފެނުނީ އެހެން ހުއްޓާހޭ އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ. ވަގުތުން މީހާ ރަތް ޖަމްބަކަށް ބަދަލުވި ފަދައެވެ. ދެފަރާތަށް ބޯހޫރަމުން މޫނުގައި ދެއަތްތިލަ ނޯޔާ ހިންގާލިއެވެ. ދެން ވުޟޫ ކުރަން އަވަސްވެލި އެވެ.
ނޯޔާ ފާޚާނާއިން ނުކުންނަން ވާއިރަށް އަސްލަން ގޮސް ކޮޓަރިއަށް ވަނެވެ. ބޮލުގައި ހިފަހައްޓާލެވުނީ ލޮލަށް ފެނުނު މަންޒަރު ސިކުނޑިން ފުހެލަން ފަސޭހަ ނުވެގެންނެވެ. ބުރުގާގެ ތެރެއިން ފެންނަ ނޯޔާއާއި ދެންމެ ބައްދަލުވި ނޯޔާ ފެނުނު ގޮތް ތަފާތެވެ. މާބޮޑަށް ވެސް ތަފާތެވެ. ކަންފަތް ކައިރިން ކަރުގައި އިން ކަޅުތިލަ އެ ދޮންކަމުގެ ތެރޭން ވަކިން ފާޅުކަން ބޮޑެވެ. އަސްލަންގެ ޟަމީރު ހަނދާން ކޮށްދިނެވެ. އަނބިމީހާއަށް ނޯޔާ ވީއިރު އެފަދަ ފާޅުކަން ބޮޑުކޮށް އޭނާގެ ކުރިމަތީ އުޅުމުގެ ހައްޤު އޭނާއަށް ލިބިގެންވާ ކަމެވެ. އެކަން މައްސަލައަކަށް ވެގެން ނުވާނޭ ކަމެވެ. ހުރިހާ ވަގުތަކު އޭނާގެ ކުރިމަތީ ނޯޔާ ނިވާވެގެން ހުންނާކަށް ނުޖެހެއެވެ. ދެމީހުންގެ ނަޒަރު ބައްދަލުވީ ހިނދު ނޯޔާ ލަދުގަތްކަން އަސްލަންއަށް އެނގެ އެވެ. ދެމީހުން އެއްކޮށް އުޅޭއިރު މިފަދަ ކަންކަން ދިމާވާނޭކަން އަސްލަންއަށް އެނގެއެވެ. ނޯޔާއާ ވާހަކަދައްކަން އޭނާ ބޭނުންވި އެވެ. ނޯޔާގެ ލަދުގަތުން އަސްލަންއަށް ކަމުދިޔަ ނަމަވެސް އެއީ ގޯހެއް ނޫންކަމުގައި ބުނަން އަސްލަން ގަސްދު ކުރިއެވެ.
ނޯޔާގެ ކޮޓަރީގައި ޓަކި ޖަހާލުމާއެކު ޚަބަރެއް ނުވުމުން ތަޅުގައި އަސްލަން ހިފާލި އެވެ. ދޮރު ހުޅުވުނުއިރު އަސްލަންއަށް ފެނުނީ ނަމާދަށް ހުރި ނޯޔާ އެވެ. އެގަޑީގައި ނޯޔާ ކުރަން ޖެހޭ ނަމާދެއް އޮވެދާނެބާއޭ އަސްލަން ސުވާލު އުފެދުނެވެ. އެހާ ފަތިހާ ނޯޔާ ހޭލައިގެން އުޅުންއިރު އޭނާ ހުންނާނީ ފަތިސް ނަމާދު ކޮށްގެންކަން އަސްލަން ގަބޫލުކުރިއެވެ. ދެން ހެނދުނުގެ އެވަގުތު ކުރަން އޮންނާނީ ކޮން ނަމާދެއް ހެއްޔެވެ. ސުވާލު އުފެދިފައި ހުރެ އަސްލަން މަޑުމަޑުން ދޮރު ލައްޕާލިއެވެ.
* * * * *
ފާޚާނާއިން ނުކުތް ގޮތަށް ފަވާދު ކޮޓަރިން ނުކުތެވެ. އަރީން ހުރީ ފޯނެއްގަ އެވެ. އޭނާ ޝެހެނާޒާއި ވާހަކަދައްކާލެއް ގިނަހެން ފަވާދަށް ހީވިއެވެ. އެ ދައްކާ ވާހަކައެއް ފަވާދު ފެނުމުން ހުއްޓާލަނީއެވެ. އެކަމާ ފަވާދު އަޅާނުލަން ހުރީ އަރީންނާއި އޭނާގެ ރައްޓެހިންނަކީ ވާހަކަ ހުސްނުވާނެ ބައެއްކަން އެނގޭތީއެވެ. އެމީހުން އެކި ފާޑުފާޑުގެ ވާހަކަ ދައްކާކަން އެނގޭތީއެވެ. އަނބިމީހާއަށް ޝައްކު ކުރުމަކީ ފަވާދުގެ ގޮތެއް ނޫނެވެ. އޭނާ އަރީންނަށް އެއްވެސް ކަމެއް މަނައެއް ނުކުރެއެވެ. އަރީން ބޭނުން މީހަކާ ވާހަކަދައްކަންވީއެވެ. ބޭނުން ތަނަކަށް ދާންވީއެވެ. އެކަމަކު ރަށުން ބޭރަށް ދާނަމަ އެކަމާ ފަވާދު ސުވާލުކުރެއެވެ. ކުދީންގެ ކަންތައްތައް ނުކޮށް އަރީން ހުރެގެން ނުވާނެއެވެ.
"ސައި ހަދާބަލަ." އަނބިމީހާއަށް ގޮވާލައި ފަވާދު ބުންޏެވެ.
"މިއުޅެނީ މިރޭ ބޭރަށް ޖައްސާލަން." ފޯނުކޯލު ކަނޑާލާފައި ފަވާދުގެ ފަހަތުން ކާމޭޒު ކައިރިއަށް އައި އަރީން ބުންޏެވެ. އޭނާ ރާވާފައި އޮތީ ޝެހެނާޒާއި އެކު ނަމްޒާމެން ގެއަށް ދާށެވެ. އެގެއަށް ދިއުން އޭނާއަށް ވަރަށް މުހިންމެވެ.
"ފަލަކްއާއި ރީވާ ގޮވައިގެންތަ؟" ފަވާދު އަހާލިއެވެ.
"ނޫން، ޝެހޭމެންނާއެކު... ފަވާދު ނެތަސް އެމީހުން ގޭގަ ތިބޭނެއެއްނު، މަންމަ ބަޔަށް މިރޭ ކާން ފޮނުވާނީ." އަރީން ބުންޏެވެ.
"މިއަދު އަހަރެންގެ މަންމަ ކައިރިއަށް ދާނަމޭ ބުނީމެންނު." ފަވާދު ބުންޏެވެ. އަރީން ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ. އެކަމަކު އޭނާ ރާވާފައި އޮތް އެއްވެސް ކަމެއް ކެންސަލް ކުރާކަށް ބޭނުމެއްނޫނެވެ.
"މި ފްރައިޑޭއަކުނޫން... ޕްލީޒް، މަންޑޭގަ ހިނގާ، ހަވީރު ގޮސްފަ އަންނާނީ ރޭގަނޑު އެކުދިންނަށް ކާންދީގެން، އޭރުން މަންމަ ވެސް ހެޕީވެފަ ހުންނާނީ." އަރީން ބުންޏެވެ. ފަވާދު އެއްބަސްނުވާން އުޅޭހެން ހީވުމުން އަރީން އާދޭސްކުރިއެވެ. އޭނާގެ ބަހަށް އާނއެކޭ ބުނުން ނޫން ގޮތެއް ފަވާދަށް ނެތެވެ. އެއްބަސްވީ އެހެންވެއެވެ.
ފިރިމީހާއަށް ސައި ހަދައިފަ ކާމޭޒު ކައިރީ އަރީން އިނެވެ. ފޯނުން އޭނާ ފޭސްބުކް ބަލަނީއެވެ. އެމް އެސް ޖަހާފައިވާ ޒުވާނެއްގެ ޕްރޮފައިލު ބަލަނީއެވެ. ގިނަ ފޮޓޯތަކެއް ފެންނަން ނެތް ނަމަވެސް ފެންނަން ހުރި ފޮޓޯތަކަށް ގެއްލިފައި އަރީން އިނެވެ. ޖިމްގައި ވެއިޓް އުފުލަނިކޮށް ނަގާފައި ހުރި ފޮޓޯގަނޑު ޚާއްޞަކޮށް އަރީންގެ ލޮލުގައި އަޅައިގަތެވެ. (ނުނިމޭ)