ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

"ރާއްޖޭގައި ބޭނުން ކުރަނީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ނޫން"

ރާއްޖޭގައި ބޭނުން ކުރާ ކޮވިޑް-19 ގެ ބައެއް ވެކްސިންގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދޮގުކޮށްފި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ ކޮވިޑް ވެކްސިނާ ގުޅޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް މުޅި ދުނިޔޭގައިވެސް ފަތުރަމުން ގެންދާ ކަމަށާ އެފަދަ ބައެއް ވާހަކަތައް ރާއްޖޭގައިވެސް ފެތުރެމުންދާ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި ބޭނުން ކުރާ ކޮވިޑް-19 ގެ ބައެއް ވެކްސިންގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ ވާހަކަ ފަތުރަމުންދާ ކަމަށާ އެއީ ހަގީގަތެއް ނޫން ކަމަށެވެ.

އަދި ވެކްސިން ޖެހުމުން ހައި ރިސްކު މީހުންނަށް ތަފާތު ސިއްހީ މައްސަލަތަައް ދިމާވެ ބޮޑެތި ބަލިތަކަށް ހުށައެޅި ގެންދާ ކަމަށް ބުނެ ބަޔަކު ވާހަކަ ފަތުރަމުންދާ ކަމަށާ ނަމަވެސް ރައްކާތެރިކަން ލިބެން އޮތީ ވެކްސިން ޖަހައިގެން ކަމަށް ޑރ. ޝިހާމް ވިދާޅުވިއެވެ. ޝިހާމް ވިދާޅުވީ އެފަދަ ވާހަކަތަކުގެ ސަބަބުން ހައިރިސްކު ބައެއް މީހުން ވެކްސިން ޖަހަން ދެކޮޅު ހަދާ ކަމަށެވެ. އަދި އެ މީހުން ވެކްސިން ޖަހަން ފަސްޖެހެނީ ބަޔަކު އުފެއްދި ޝައްކުތަކެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"އެބަ އަޑުއިވޭ ދުވަސް ހަމަވެފައި [މުއްދަތު ހަމަވެފައި] ހުރި ވެކްސިންވެސް އެބަ ބޭނުންކުރޭ. މިއީ އެއްވެސް އަސާސެއް ނެތް ވާހަކަތައް އިނގޭތޯ. އެހެންވީމަ އަޅުގަނޑު ވަރަށް އެދެން މިހާތަނަށް ވެކްސިން ޖައްސަވާފައިނުވާ ބޭފުޅުން ހައިރިސްކު ބޭފުޅުން އަވަހަށް ކަމްފޯވާޑް އަވަހަށް ވަޑައިގެން ވެކްސިން ޖެއްސެވުމަށް،" ޝިހާމް ވިދާޅުވިއެވެ.

ޝިހާމް ވިދާޅުވީ ސީރިއަސް ހާލަތުން ސަލާމަތްވުމަށްވެސް ހައިރިސްކު މީހުން ވެކްސިން ޖަހަން ވަރަށް މުހިންމު ކަމަށެވެ.

ވެކްސިންގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކާއި ގުޅޭގޮތުން ޑރ. ޝިހާމް ވިދާޅުވީ ބައެއް ވެކްސިން ތަކަކީ ދިގު މުއްދަތަކު ޓެސްޓް ކުރުމަށްފަހު އަންނަ ވެކްސިންތަކެއް ނަމަވެސް ކޮވިޑް ވެކްސިނަށް އެ މުއްދަތު ލިބިފައިނުވާ ކަމަށެވެ. އެއީ ހާލަތުގެ ގޮތުން ނަމަވެސް ކޮވިޑް ވެކްސިނަކީ ބަލަންޖެހޭ ހުރިހާ ކަމެއް ބަލާ ފުރިހަމަ ކުރަން ޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކޮށްފައިވާ ވެކްސިނެއް ކަމަށް ޝިހާމް ވިދާޅުވިއެވެ.

ޝިހާމް ވިދާޅުވީ ވަރަށް ގިނަ ވެކްސިން މިހާތަނަށް ބޭނުންކޮށްފައިވާއިރު އަހަރުތަކެއް ފަހުން ދިމާވި ސީރިއަސް ބޮޑެތި މައްސަލަތަކެއް ނެތް ކަމަށެވެ. އަދި ކޮވިޑް ވެކްސިން ޖެހުމުން ދިގު މުއްދަތުން ސީރިއަސް މައްސަލަތަކެއް ދިމާވާ ކަމަށް ބުނެ ދައްކަނީވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ކޮންމެ ވެކްސިނަކުންވެސް ދިމާވެދާނެ ކަންކަން ހުރެދާނެ. މިސާލަކަށް އެލާޖީއެއްވުން. ލޯންގްޓާމްގައި ދިމާވާ މައްސަލަތަކަކީ ވަރަށް އަންކޮމަން އަދި އެ މައްސަލަތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ހުންނަ ކަންކަން،" ޝިހާމް ވިދާޅުވިއެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.