ލައިފްސްޓައިލް

ކޮއްކޮގެ ފުރާނަ ސަލާމަތްކުރަން އުޅުނު 10 އަހަރު ކުއްޖެއް މަރު

ގަނޑުވެފައިވާ ފެންގަނޑަކަށް ވެއްޓުނު ހަ އަހަރުގެ އަންހެންކޮއްކޮ ސަލާމަތްކުރަން އުޅުނު ހިތްވަރުގަދަ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ. އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެނެސީގެ ޝެލްބީ ކައުންޓީގައި ހިނގި މި ހާދިސާގައި މަރުވީ 10 އަހަރުގެ ބެންޖަމިން ނަމަކަށް ކިޔާ ކުއްޖެކެވެ.

ބެންޖަމިން އާއި އޭނާގެ ކޮއްކޮ އަބިގެއިލް ލަކެޓް އަދި އެހެން ކޮއްކޮއެއް އެ ދުވަހު ތިބީ ގޭގެ ބޭރުގައި އޮތް ފެންގަނޑެއްގެ ކައިރީގައި ކުޅޭށެވެ. ކުޅެން އުޅުމުގެ ތެރޭގައި އަބިގެއިލް ފެންގަނޑަށް ވެއްޓުނީ އެވެ. ބަލާކަށް ނުހުރެ ކޮއްކޮ ސަލާމަތްކުރަން ބެންޖަމިން ފުންމާލުމުން ދެ ކުދިންނަށް ވެސް ފެންގަނޑުން އެރޭނެ ގޮތެއް ނުވި އެވެ.

ދެން ހުރި ކުއްޖާ ދުވެފައި ގޭތެރެއަށް ވަދެ އެ ކުދިންގެ ބައްޕަ އަށް ގޮވުމުން އޭނާ އައިސް ފުރަތަމަ ނެގުނީ އަބިގެއިލް އެވެ. އަދި އޭގެ ފަހުން ބެންޖަމިން ނެގީ އެވެ.

އިމަޖެންސީ ޑިޕާޓްމަންޓުގެ މީހުން އައިސް ވަގުތުން މި ދެ ކުދިން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބެންޖަމިން އޮތީ މަރުވެފަ އެވެ.

އަބިގެއިލްގެ ހާލު ދެރަކަމުން ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދިނުމަށްފަހު އަންގާރަ ދުވަހު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. މިހާރު އޭނާއަށް ކުޑަކޮށް ވާހަކަ ދައްކާ ހެދެ އެވެ.

ބެންޖަމިންގެ ހާލު ދެރަވީ އަބިގެއިލް ފެނުން މަތީގައި ބާއްވަން މަސައްކަތް ކުރުމުގެ ސަބަބުންނެވެ.