ދަރިފުޅު އަތުން ދޫނުކޮށް އަބަދު އުޅޭތަން ފެންނާތީ އައިޝްވަރިޔާ ރާއީ ބައްޗަން އަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ މަލާމާތާ ކުރިމަތިވެއްޖެ އެވެ. އައިޝްވަރިޔާ މިހާރު ކުޅެމުންދާ "ޕޮންނިއްޔިން ސެލްވަން"ގެ ޝޫޓިންގަށް ހައިދަރުއާބާދުގައި ހުރެފައި އެނބުރި މުމްބައި އަށް އައިސް އެއާޕޯޓުން ނުކުތް ވަގުތު ނަގާފައިވާ ފޮޓޯތަކެއްގައި އޭނާ ދަރިފުޅު އާރާދިޔާ ބައްޗަންގެ އަތުގައި ހިފަހައްޓައިގެން ހުއްޓާ ފެނެ އެވެ.
މި ފޮޓޯއަށް ކޮމެންޓުކުރި ވަރަށް ގިނަ މީހުން ބުނެފައިވަނީ އޭނާ އަދިވެސް އުޅެނީ ދަރިފުޅަކީ ތިން އަހަރުގެ ކުޑަ ކުއްޖަކަށް ހަދައިގެން ކަމަށެވެ. އެއީ ދަރިފުޅު ރައްކާތެރިކުރުން ނޫންކަމަށާއި އެވަރު ނުކުރިޔަސް ރަނގަޅުވާނެ ކަމަށް ވެސް ޓްރޯލްކުރި މީހުން ބުނެފައި ވެއެވެ.
"ތީ ދަރިފުޅު ރައްކާތެރި ކުރަނީތަ؟ އަބަދު އަތުގަ ހިފައިގެން. ކިހާ ދުވަހަކު ތިހެން އުޅެވޭނެބާ؟ އެ ކުއްޖާއަށް އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދީބަލަ،" ނިކްސް ކިޔާ މީހެއްގެ ޓުވީޓުގައި ވެއެވެ. "އައިޝްވަރިޔާ މަންމާ. ދަރިފުޅު އުރައިގެން އުޅެބަލަ. ނޫނި އޭނާ ދުވެ ފިލާފާނެ،" ޓްރޯލްކުރި އިތުރު މީހަކު ލިޔެފައި ވެއެވެ.
"މީނަ މި ކުއްޖާއާ ހެދި މޮޔަވެފައި ހުންނަ ވަރުން އެ ކުއްޖާގެ ބައްޕަ ވެސް އަތްލިޔަކަ ނުދޭ. އޭނާ ދުލެއް ނުކުރޭވިއްޔަ އެއްގޮތަކަށް ވެސް،" އެހެން މީހެއްގެ ޓުވީޓުގައި ވެއެވެ.
މިކަހަލަ ވަރަށް ގިނަ ކޮމެންޓުތައް އައިޝްވަރިޔާ އަށް މަލާމާތްކުރުމުގެ ގޮތުން މީހުން ކޮށްފައި ވެއެވެ.
އައިޝްވަރިޔާ އަށް މިކަމާ ގުޅޭ ގޮތުން މަލާމާތްކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އާރާދިޔާ އާ ގުޅޭ ގޮތުން ވަރަށް ގިނަ ފަހަރަށް މީހުން އައިޝްވަރިޔާ އަށް މަލާމާތް ކުރެ އެވެ. އާރާދިޔާއަށް ހަތަރު އަހަރު ފަސް އަހަރު ވީއިރުވެސް އުރައިގެން އުޅޭތީ ވެސް ކުރިން އައިޝްވަރިޔާއަށް މަލާމާތް ރައްދުވެފައި ވެއެވެ.
އާރާދިޔާ އަކީ އައިޝްވަރިޔާ އާއި ފިރިމީހާ އަބީޝެކް ބައްޗަންގެ ހުރި ހަމައެކަނި ދަރިފުޅެވެ.