ދިރިއުޅުމުގެ ނަޒަރިއްޔާތު ބަދަލު ކޮށްލައި އަލުން ދިރިއުޅުން ހަމަޔައަކަށް އަޅުވައި ދިނުމުގެ ހުރިހާ ވެސް ޝުކުރެއް ހައްގީ އަންހެނުން އައިޝްވަރިޔާ ރާއީ ބައްޗަން އަށް ކަމަށް އަބީޝެކް ބައްޗަން ބުނެފި އެވެ.
އޭނާ ބުނި ގޮތުގައި މިދިޔަ އަހަރު ލޮކްޑައުންގައި ގޭގައި ގިނަ ދުވަސް ތަކަކު މަޑުކުރަން ޖެހުމުން ކާމިޔާބާމެދު އޭނާ ދެކޭ ގޮތް ވެސް ބަދަލު ކުރަން މަޖްބޫރު ކުރުވީ އައިޝްވަރިޔާ ކަމަށެވެ.
"ތުންފަތަށް ހިނިތުންވުމެއް ގެނެވޭނަމަ އެމީހަކު ދިރި އުޅެނީ ގަނޑުވަރެއްގައި ކަމަށް ވިޔަސް ކުޑަ ކުޑަ ޖިފުޓިއެއްގައި ކަމަށް ވިޔަސް އެއީ މައްސަލައެއް ނޫން،" އަބީޝެކް ބުންޏެވެ. މި ވިސްނުން އޭނާއަށް ވިސްނައި ދިނީ އަންހެނުންނެވެ.
އަބީޝެކް ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ހަޔާތުގެ މުހިއްމު ކަންކަން ހަނދާން ނައްތާލާފައި އެހާ މުހިއްމު ނޫންކަ ންކަން ހާސިލު ކުރަން އޭނާއަށް އުޅެވޭ ކަމުގެ އިހްސާސްވީ ވެސް އަންހެނުން އެކަން ވިސްނައިދިނީމަ އެވެ.
"ލޮކްޑައުންގައި ކީއްތޯ ކުރީ އަހަރެން ކައިރީ ވަރަށް ގިނައިން ނޫސްވެރިން ސުވާލު ކުރޭ. ބައެއް މީހުން ކައްކަން ދަސްކުރީ. އަނެއް ބަޔަކު އާ ބަހެއް ދަސްކުރީ. އަހަރެން ދަސްކުރީ ހަޔާތުގައި ލިބިފައިވާ ނިއުމަތްތައް ގަބޫލުކުރަން،" އަބީޝެކް ބުންޏެވެ.
އަބީޝެކް ބުނި ގޮތުގައި ލޮކްޑައުންގައި ގޭގައި މަޑުކުރި އަހަރެއްހާ ދުވަހަކީ ހަޔާތުގައި ފުރަތަމަ ފަހަރަށް މުޅި އާއިލާއާއެކު އެހާ ގިނަ ދުވަހު އެކުގައި ހޭދަކުރެވުނު ދުވަސްތައް ކަމަށާއި އާއިލާގެ އެންމެން ތިބީ ގަދަވެ ސަލާމަތުން ކަން އައިޝްވަރިޔާ ވިސްނައިދިން ކަމަށެވެ. މިކަންކަމަށް ވުރެ ބޮޑު އުފަލެއް ނެތްކަން އޭނާއަށް ވިސްނައިދިނީ އައިޝްވަރިޔާ އެވެ.
"އެހާ ދުރު ވިސްނޭ ރަނގަޅު އަންބަކު ލިބުނީތީ އަހަރެން އެކަމަށް ވެސް ޝުކުރުވެރިވާން ޖެހޭ. ހަގީގަތުގައި ވެސް އަންހެނުން ދެއްކީ ރަނގަޅު ވާހަކަތަކެއް. އަހަރެމެން ކުރާހިތްވާ ކަންތައް ކުރުމުގައި މުޅި ދުވަސް ހޭދަކޮށްފައި ގެއަށް ދާއިރު ގެއިން ވެސް އުފާވެރި މޫނުތަކަކާއެކު ބައްދަލު ކުރާނެ އާއިލާގެ މީހުން ތިބޭ. އެއަށް ވުރެ ބޮޑު އުފަލެއް ހަގީގަތުގައި ކޮބާ؟،" އަބީޝެކް ސުވާލު ކުރި އެވެ.