ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނަންބަރު މައްޗަށް، އިތުރު 127 މީހަކު ޕޮޒިޓިވް

ރާއްޖެއިން އިތުރު 127 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 18,467 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 98 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 29 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. މިއަދު ހެދީ 4،245 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،446 މީހުންނެވެ. މިހާތަނަށް 15،965 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 168 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 50 ދިވެހިންނާއި 8 ބިދޭސީއެކެވެ. މި މަހު މިހާތަނަށް ކޮވިޑް ބަލީގައި ހަ މީހަކު މަރުވެއްޖެ އެވެ. އަދި މިދިޔަ ޖަނަވަރީގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މި މަހުގެ ދެވަނަ ދުވަހު އެޅި ފިޔަވަޅުތައް އިތުރު ދެ ހަފްތާއަށް މިހާރު ވަނީ އިތުރުކޮށްފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެޅި ފިޔަވަޅުތައް އަންގާރަ ދުވަހުން ފެށިގެން އިތުރު ދެ ހަފްތާގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.