ކުށްކުރުން

ރިޕޯޓަރަކު ލައިވް ކުރަނިކޮށް ބަޑި ދިއްކޮށް ފޭރިއްޖެ

އީކްއެޑޯގައި ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުން ދިޔަ ސްޕޯޓްސް ޝޯއެއްގެ ކުރޫންނާއި ރިޕޯޓަރަށް ބަޑިން ބިރު ދައްކައިގެން ފޭރުނު މަންޒަރުގެ ވީޑީއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ. ރޯމާ ދުވާލު މި މީހުން އަތުން ފޭރުނު މަންޒަރަކީ މި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ހިނގި ހާދިސާ އެކެވެ.

ޓީވީ ރިޕޯޓަރާއި ކުރޫން އަތުން ފޯނާއި ކެމެރާ އާއި ފައިސާ ފޭރުނުއިރު އެމީހުން ތިބީ ފުޓުބޯޅަ ސްޓޭޑިއަމެއްގެ ބޭރުގައި ލައިވް ކޮށްގެންނެވެ.

އިނގިރޭސި ވިލާތުގެ "ދަ ސަން" ގައިވާ މި ޚަބަރުގައިވާ ގޮތުން ޓީވީ ރިޕޯޓަރު ޑިއޭގޯ އޯޑިނޯލާ އެވަގުތު ހުރީ ޑައިރެކްޓްވީ ސްޕޯޓްސްގެ ރިޕޯޓެއް ހުށަހަޅާށެވެ. އެވަގުތު އެތަނަށް ބަޑި ހިފައިގެން ހުރި މީހަކު އައިސް އެމީހުންނަށް ބިރުދައްކައި ފޭރުނީ އެވެ.


ފޭރުނު މީހާ ހުރީ މޫނުމަތީގައި މާސްކް އަޅައި އަދި ބޮލުގައި ތޮތްޕެއް އަޅައިގެން ކަމުން އެއީ ކާކުކަން މާ ބޮޑަކަށް ސާފުވާ ގޮތެއް ނުވި ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. ބަޑިން ބިރުދައްކަން ފެށީމާ ކުރޫންގެ ތެރޭގައި ހުރި މީހަކު އޭނާ ގެންގުޅޭ ޑިވައިސް އެމީހާއަށް ދޭ މަންޒަރުވެސް މި ވީޑިއޯގައި ފެނެ އެވެ.

ފޭރިގެން އެމީހާ ދުވެފައި ދިއުމުން ޓީވީ ކުރޫން އެމީހާ ފަހަތުން ދިޔަނަމަވެސް އޭނާ އަތުވާ ގޮތެއް ނުވި އެވެ. އޭނާގެ އިންތިޒާރުގައި މޮޓޯސައިކަލުގައި އިން ބައިވެރިޔަކާއެކު އެމީހާ ވަނީ ފިލާފަ އެވެ.

ޖާނަލިސްޓް އޯޑިނޯލާ ވަނީ މި ބިރުވެރި ވީޑިއޯ ޝެއާ ކޮށްފަ އެވެ. ކެޕްޝަންގައި އޭނާ ލިޔެފައިވަނީ ހަމަޖެހިލައިގެން އެމީހުންނަށް މިހާޜު މަސައްކަތް ކުރެވެން ވެސް ނެތް ކަމަށެވެ. މިއީ މެންދުރު 1.00 ގައި ހިނގި ކަމެއް ކަމަށާއި އީކުއޭޑޯ ފުލުހުން މި ވަގުން އަތުލާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް އޯޑިނޯލާ ލިޔެފައި ވެއެވެ.