(ދެވަނަ ބައި)
ދެ މީހުން ބޭރަށް ނުކުތުމުން އޭނާ ކޮފީތަށި ތުނބުގައި ޖައްސާލިއެވެ. އަލޫކު ކޮބައިތޯ ބަލައިލިއެވެ. އެއްވެސް ދިމާއަކުން އަލޫކު ނުފެނުނެވެ. އަމާނީ ހާސްވާގޮތްވިއެވެ. ކަންބޮޑުވިއެވެ. އެކި ދިމަދިމާއަށް ކަޅި އުކަން ފެށިއެވެ. އެންމެފަހުން އޭނާ ކޮޅަށް ތެދުވިއެވެ.
އަމާނީ ސިހިފައި ނުވެއްޓުނީ ކިރިޔާއެވެ. އޭނާ އެނބުރިލީއިރަށް މީހަކު ގައިގައި ލައިގަތީމައެވެ. ބާރަށް ހަޅޭއްލަވާ ގަނެވުނެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ކޮންމެވެސް މީހަކު އޭނާގެ އަނގަމަތީގައި އަތްއެޅީއެވެ. އަމާނީ ބަލައިލީ އެމީހާ އަށެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އަލޫކެވެ. އިރުކޮޅެއް ވަންދެން އަމާނީ ގަނޑުވެފައި ހުއްޓެވެ.
އަމާނީ އެތެރެއަށް ނޭވާ ދަމައިލިއެވެ. އޭނާގެ ހިތުގެ އެންމެ ހިމަނާރުގެ ތެރެއަށް އަލޫކުގެ ހިތްގައިމު ވަހުގެ އަސަރުކުރިއެވެ. އެހެންވެ އޭނާއަށް ލޯ މަރައިލެވުނެވެ. ދެވަނަ ސިކުންތުގައި އަމާނީގެ އިހުސާސްތައް ކޮޅުންލާ ގޮތްވިއެވެ. އޭނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އޭރުވެސް އަލޫކު ހުރީ ސީދާ އަމާނީގެ އަނގަމަތީ އަތް އަޅައިގެންނެވެ. އަމާނީ ލަސްލަހުން އަލޫކުގެ މޫނާއި އޭނާގެ މޫނު ކައިރިކޮށްލިއެވެ. ކުރިއަށްވުރެ ބޮޑަށް އަލޫކުގެ އަތުތެރެއަށް ސޮހިގަތެވެ.
އަލޫކު ގަސްތުގައި އަމާނީގެ ގައިގައި އޭނާގެ ބިޔަ ހަށިގަނޑު ޖައްސާލިއެވެ. އަމާނީ އެދެމުން ދިޔަ ހުރިހާ ކަމަކަށް އޭނާ މަރުހަބާ ކިޔާކަން ދައްކާދެމުންނެވެ. އެހެންވެ އަލޫކު އަމާނީގައިގައި ތަތްވެގަތެވެ. ސިކުންތުކޮޅަކަށް އެ ހިމޭން ހަރަކާތްތައް ދެމިގެން ދިޔައެވެ.
"ސޮރީ." އަމާނީގެ އަނގަމަތިން އަތްދޫކޮށްލަމުން އަލޫކު ބުނެލިއެވެ.
"ކީއްވެ؟" އަމާނީ އިށީނެވެ.
"ބިލް." އަލޫކު ދިއްކޮށްލީ ބިލް ލައިފައި އޮތް ކުޑަ ފައިލެވެ.
"ވަގުތު އެބައޮތްތަ؟ އަހަރެން ވާހަކަދައްކާލަން ބޭނުން." އަމާނީ އިސްވެ ވާހަކަދެއްކިއެވެ.
"ޑިއުޓީގަޑި މި." އަލޫކު ބަސްމަދުކަމަށް ހެދުނެވެ.
"ޑިއުޓީ ނިމުނީމަ ވެސް އޯކޭ. ވަގުތެއް ވާނެތަ؟" އަމާނީ ކަޅިހުރީ އަލޫކުގެ މޫނަށް އަމާޒުކޮށްފައެވެ.
"އެހެން ނޭނގެ." އަލޫކު ބޭނުންވީ އަމާނީ ތަޅުވާށެވެ.
"އޯކޭ، އުއްމީދު ކުރާން އިޝާރާތެއް ވާނެ ކަމަށް،" އަމާނީ ވޮލެޓުން ރުފިޔާ ނަގައި އޭނާއަށް ގުޅޭނެ ނަންބަރު ހިމެނޭ ކާޑެއް ވެސް ބިލް ފައިލަށް މަހައިލިއެވެ. "ބާކީ އެއީ އަލޫކަށް."
އަލޫކު ހިނިތުންވެލަމުން އަމާނީއަށް ޝުކުރު އަދާކުރިއެވެ. އަމާނީ ބޭރަށް ނުކުންނަންދެން އަލޫކު ހުރީ އޭނާއަށް ބަލާށެވެ. އަމާނީ ބޭރަށް ނުކުންނަމުން ވެސް ފަސްއެނބުރި ބަލައިލިއެވެ. އަލޫކަށެވެ. އޭނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. ކަނާއަތުގެ ޝަހާދަތް އިނގިއްޔާއި ކުޑަވާ އިނގިލި ކަންފަތާއި އަނގައާއި ކައިރިކޮށްލިއެވެ. ބަދަލުގައި އަލޫކު ހިނިތުންވެލިއެވެ.
އަމާނީ ބޭރަށް ނުކުތުމުން އޭނާ ބަލައިލީ ބިލް ލައިފައިވާ ފައިލަށެވެ. ފަސްސަތޭކަ ރުފިޔާއާގެ އިތުރުން އޭގައި އޮތީ އަމާނީގެ އޮފީސް ކާޑެވެ. ކާޑުގައި އޭނާގެ މަގާމާއި ގުޅޭނެ ނަންބަރު ވެސް އޮތެވެ. އަލޫކު އެ ކާޑު ނަގައި ފުން ނަޒަރަކުން ބަލައިލަމުން ހިނިތުންވެލިއެވެ. އަދި ވިހަ ހިނިތުންވުމެއް އޭނާގެ ތުންފަތަށް ގެނުވިއެވެ.
އެ ދުވަހުގެ ހަވީރެވެ. ޒައިނާ އުޅުނީ އަމާނީއާއި ރޭޝަމުގެ މެދުގައި އުފެދުނު ނުތަނަވަސް ކަމަށް ހައްލެއް ގެނެވޭތޯއެވެ. އެހެންވެ އޭނާ އަމާނީއަށް ގުޅިއެވެ. ރޭޝަމަށް ވެސް ގުޅިއެވެ. އެކަމަކު އޭނާގެ މަސައްކަތްވީ ނާކާމިޔާބެވެ. ރޭޝަމް ހުރީ ގޮތް ދޫކޮށް ސުލްހަވާށެވެ. އެކަމަކު އަމާނީ ވިސްނުން ތަފާތެވެ. އަމާނީގެ ބޭނުމަކަށްވީ ރޭޝަމްއާ އެޑަމްގެ މެދުގައި ކުނި ޖެއްސުމެވެ. ދޮގު ހަދައިގެން ނަމަވެސް އެދެމީހުން ދުރުކުރުވާށެވެ. އެހެންވެ އޭނާ ވާހަކަތައް ހަދައިލިއެވެ.
"އެހެން މީހަކަށް ނޫނޭ އެޑަމް އެހެން ހެދީ. ސީދާ މަށަށޭ. ރޭޝަމް ބޭނުމިއްޔާ އަކުރުން އަކުރަށް އަހަރެން ކިޔައިދީފާނަން. އެޑަމް ކަންތައް ކުރި ގޮތް އޭނާ ގާތު އަހައިބަލަ. މާ ސާލިހު މީހަކަށް ހެދިގެން އުޅުނަސް އޭނާގެ ނިޔަތްހުރީ ހަރާބުވެފަ. އަންހެނަކު ފެންނައިރަށް ނަފުސު ވަޔަށް ކެހިކެހި އެ ހުންނަނީ." އަމާނީ ވާހަކަދައްކަމުން ދިޔައީ ޒައިނާއާ ރޭޝަމްގެ ކޮންފަރެންސް ކޯލެއްގައެވެ.
"ކިޔައިދީބަލަ. އެޑަމް ހެދި ގޮތެއް ކުރި ކަމެއް ކިޔައިދީބަލަ." ރޭޝަމް އަޑުގައި ތުރުތުރެއް ހުރިކަން ފާޅުވަމުން ދިޔައެވެ.
"ކޮންމެހެން މަ ގާތު ނާހައި ތިޔަ ލޯބިވާ ރާޖާ ގާތުގައި އަހައިލަންވީނު. އޭނާއަށް އުޅެވުނީ ކިހިނެއްތޯ، ކުރެވުނީ ކޮންކަމެއްތޯ؟ މަށަށް ޔަގީން އެއްބަހެއް ނުވާނެކަން. ބުނާނީ ތިމަން ނޫޅެމޭ. އަމާނީއަކީ ކާކުކަން ވެސް ތިމަން ނުދަންނަމޭ. ދެން އެހެން ބުނާއިރަށް ރޭޝަމް ގަބޫލުކޮށްލާނެ. މަ ހިތަށް އަރާ ރޭޝަމްއަށް ފިރިހެނަކު ނުވީބާއޭ. ބާ ކުނބެއް ނެގި އޮޑިއަކަށް އަރަން މި އުޅެނީ. ތިމާގެ އެންމެ ގާތްކަމަށް ބުނާ ރައްޓެހިންނަށް ރައްޓެހިކަމުގެ މީރުކަން ވަރަށް ރީތިކޮށް ބުނެދިން މީހެއްތާ ދޯ ތަޖުރިބާ ހުންނާނީ." އަމާނީ ދިމާ ކުރުމުގެ ރާގުގައި ބުނެލިއެވެ.
"މަށަށް ހީވަނީ މަގޭ ޒިންމާ އަދާކުރެވިއްޖެހެން." ޒައިނާ އެ ކޯލު ނިންމާލިއެވެ.
އަމާނީގެ މިޒާޖުގައި ހުންނަ ގޮތްތަކެއްގެ ސަބަބުން ޒައިނާ ވެސް އެންމެފަހުން ގޮތް ހުސްވީއެވެ. އޭނާގެ މަސައްކަތް ފެނަންވީތީ ދެރަވެގެންނެވެ.
ހެނދުނު އެރި އިރާއެކު މުޅި ޓީވީތަކުގައި ގުގުމަމުން ދިޔައީ ހުޅުމާލޭ މަގުމަތިން އަންހެން ކުއްޖަކު މަރުވެފައި އޮތް ވާހަކައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ޓީވީތަކުން ކިޔަމުން ދިޔައީ އެއީ މަރައިލުމަށް ފަހު އެއްލައިލާފައިވާ ކުއްޖެއް ކަމަށެވެ. ނަމަކީ އަމާނީ އިދުރީސް ކަމަށް ވެސް ކިޔަމުން ދިޔައެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދިޔައެވެ. އެ ކޭސް އިންވެސްޓިގޭޓު ކުރުމަށް ހަވާލުވީ ނައީމާއެވެ. ނައީމަކީ ދެބައި އުމުރުގެ ހަރުދަނާ މީހެކެވެ. ފުލުހުންގެ ހިދުމަތުގައި ބާރަ ވަރަކަށް އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ. އަމާނީގެ ހަށިގަނޑު ފެނުމާއެކު ނައީމުގެ ބޮލުގައި ރިއްސާގަތެވެ.
"ޔަގީން އަމިއްލައަށް މަރުވެފައެއް ނޫން. ތިޔައީ އަހަރެން ދަންނަ ކުއްޖެއް. އޭނާއަކީ ވަރަށް ދޫ ހެލޭ ވަރަށް ގަޓު ހުރި މަންޖެއެއް. އޭނާ އަމިއްލައަށް މަރެއް ނުވާނެ." ނައީމު ޝަހާދަތް އިނގިލި ހިއްލައިލަމުން ތަހުގީގު ޓީމުގެ މެންބަރުންނަށް އިޝަރާތްކޮށްލިއެވެ.
ފުލުހުންގެ ތަހުގީގު ޓީމުގެ މަސައްކަތްތައް ބައްޓަން ކުރީ ސީދާ ނައީމު ދިން ހިޔާލުތަކަށެވެ. އޭނާއަށް ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައެވެ. އަމާނީގެ ފޯނުކޯލުތަކުގެ ރެކޯޑިންގ އަޑުއެހުމަށްފަހު ރޭޝަމްއާއި ޒައިނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާންނެގިއެވެ. އަމާނީގެ ހަށިގަނޑުން ނަގަން ޖެހޭ ސާންޕަލްތައް ނެގުމަށްފަހު ވަޅުލީއެވެ.
އަމާނީގެ ގާތިލަކީ ކޮބައިކަން ވެސް އޮޅުންބޮޅުމެއްގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. އޭނާގެ ކުއްލި މަރާ ގުޅުވޭނެ އެއްވެސް ހެއްކެއް ފުލުހުންނަށް ވެސް އާއިލާއަކަށް ވެސް ނުހޯދުނެވެ. ތުހުމަތަށް ވެސް އިނގިލި ދިއްކޮށްލާނެ މީހަކު ނުފެނުނެވެ. ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖުތައް ވެސް ދިރާސާކުރިއެވެ. ފޯނު ކޯލުތަކާއި މީސްމީޑިއާގެ ހުރިހާ އެކައުންޓްތަކުން ކޮށްފައިވާ މުއާމަލާތްތައް ވެސް ދިރާސާކުރިއެވެ. ނަމަވެސް ޝައްކުގެ ނަޒަރުން ބަލައިލާނެ މީހަކު ވެސް ނުފެނުނެވެ.
ފުލުހުންނަށް ހޯދުނުހާ ވެސް އެއްޗަކީ އަމާނީގެ ޖީންސްގެ ޖީބުގައި އޮތް، މުށި ކުލައިގެ ޓިޝޫ ކޮޅެކެވެ. އޭގައި އޮތީ ވެސް އޭނާގެ ފޯނު ނަންބަރެވެ. އެއީ އަމާނީގެ އަތު ލިޔުންކަމަށް އޭނާ ދަންނަ އެންމެން އިއްތިފާގުވެއެވެ. އިތުރު މީހެއްގެ އިނގިލީގެ ނިޝާނެއް އެ ޓިޝޫކޮޅުން ފެނޭތޯ ފުލުހުން ބެލިއެވެ. ތަހުލީލުކުރިއެވެ. ނަމަވެސް އެކަން ވެސް ވީ ބޭކާރެވެ. އޭގައި މުޅީން ވެސް ހުރީ އަމާނީގެ އިނގިލީގެ ނިޝާނެވެ. އެހެންވެ އަމާނީގެ ގާތިލު ހޯދުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެ އެ މައްސަލަ ފައިލްކުރީ އެ ޓިޝޫ ކޮޅާ ވެސް އެކުގައެވެ.
އަލޫކު ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ދިޔުމުގެ ބަދަލުގައި އޭނާ މިސްރާބު ޖެހީ ހުޅުމާލޭ ގޮނޑުދޮށަށެވެ. އޭނާ އެންމެ ފަހުން ގަތް ސައިކަލުގެ މުއްގަނޑަށް ބާރުކޮށްލުމަށްފަހު ދުއްވާލީއެވެ. ވެފައިވާ ވަރުބައްޔަށްވުރެ ބޮޑަށް އޭނާގެ ސިކުނޑީގައި ކުރެހެމުން ދިޔައީ އެހެން މަންޒަރެކެވެ. އެހެން ތަސްވީރުތަކެވެ. ސިކުނޑިއަށް ގިނަވަމުން ދިޔައީ މުޅީން ތަފާތު ޝުއޫރުތަކެކެވެ.
އޭނާ އެ ދިޔަ ގޮތަށް ގޮސް ސައިކަލް ޕާކުކޮށްލުމަށްފަހު ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށަށް ނިކުތެވެ. އަތުގައި އޮތް ފޯނު ދިއްލުނެވެ. ގަޑިން ބާރަ ޖަހަނީއެވެ. އަލޫކު ބަލައިލީ ވަށައިގެންވާ މާހައުލަށެވެ. ކޮންމެވެސް ވަރަކަށް މީހުން މޫދުގައި އުޅުނެވެ. ގިނައިން އުޅުނީ ގެސްޓުންނެވެ. ބޭރުމީހުންނެވެ. އެކި ގައުމުތަކަށް ނިސްބަތްވާ ޒުވާން ޖޯޑުތަކެވެ. އަލޫކު ބޮލުން ޓީޝާޓު ދަމައިގަތެވެ. ޖީންސުގެ ގޮތްތަކުގައި ހިފައިލިއެވެ. ޖީންސް ފައިން ދަމައި ގަތެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން އޭނާ ދިޔައީ މޫދާ ދިމާއަށެވެ. އެދިމާ މޫދުގައި ދެތިން މީހުން ތިއްބެވެ. އޭގެތެރެއިން އެކަކީ މީޒާއެވެ.
މީޒާ އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ މޫދާ ދިމާއަށް ފޭބި އަލޫކެވެ. މީޒާގެ ހަރަކާތްތައް ހުއްޓުނެވެ. އޭނާގެ ފައިން ފެށިގެން ބޮލާ ހަމައަށް ފާޑެއްގެ ތުރުތުރެއް ދުވެލިއެވެ. ހާމަކަން ބޮޑު ގޮތަކަށް ހުރި އަލޫކު ފެނުމުންނެވެ. އެ ރީތި ހަށިގަނޑު ފެނުމުންނެވެ. ތަނަވަސް ފުޅާ މޭމަތިން ފެށިގެން އޭނާގެ ބަނޑުގައި އުފުލިފައިވާ ގޮޅިތަކަށް މީޒާއަށް ބެލުނެވެ. ގަޔަށް ބާރު ކުރު ސޯޓެއްގައި ހުރި އަލޫކު ވެސް ނޭނގޭ ކަމަށް ހެދިގެން ހުރި ބަލަމުން ދިޔައީ ސީދާ މީޒާ އަށެވެ. (ނުނިމޭ)