އަކެޝޭ ކްމާރު

އަކްޝޭގެ ހަތަރު ފިލްމުގެ އިއުލާނާއެކު ސިނަމާތަކަށް އުފާވެރިކަން

އިންޑިޔާގެ ބޮކްސް އޮފީސް އަލުން ދިރުވުމަށް ފިލްމު އިންޑަސްޓްރީގެ އެންމެން ކަހަލަ ގޮތަކަށް މަސައްކަތް ފަށައިފި އެވެ. އެގޮތުން ސިނަމާތައް އަލުން ހުޅުވައި ކޮރޯނާވައިރަހުގެ ވަބާ ކުރިމަތިވުމުގެ ކުރިން ހިނގި ގޮތަށް ހިންގާލަން އެންމެން ވަނީ އަޒުމު ކަނޑައަޅާފަ އެވެ.

ފިލްމު ބަލަން ސިނަމާ ހޯލްތަކަށް ދިއުމުގެ ސަގާފަތަކީ އިންޑިޔާ މީހުން ކިބައިގައި ވަރަށް ބޮޑަށް އަށަގަނެފައިވާ ސަގާފަތެއް ނަމަވެސް ކޮރޯނާވައިރަހުގެ ބިރަށް ގިނަ ބަޔަކު މިހާރު ސިނަމާތަކަށް ގޮހެއް ނޫޅެ އެވެ. ނަމަވެސް ފުލުފުލުގައި މޮޅު، ރީތި ފިލްމުތައް ރިލީޒްކުރަން ފަށައިފިނަމަ މީހުންގެ ޚިޔާލު ބަދަލުވާނެކަމަށް ސިނަމާތަކުގެ ވެރިން ވެސް މިހާރު ތިބީ އުންމީދު ކޮށްގެންނެވެ.

ބޮޑު ސްކްރީނުގައި އަޅުވާ ފިލްމުތަކުގެ ތެރެއިން އަކްޝޭ ކުމާޜުގެ ފިލްމުތަކަށް ފަހަކަށް އައިސް ބެލުންތެރިން ވަރަށް ރަނގަޅު ތަރުހީބެއް ދެމުން އައިސްފައި ވެއެވެ. އެހެންވެ އަކްޝޭގެ ހަތަރު ފިލްމެއް ރިލީޒްކުރާ ތާރީޚުތައް ހުކުރު ދުވަހު އިއުލާން ކުރުމާއެކު ސިނަމާތަކަށް ވަނީ އުފާވެރިކަން އައިސްފަ އެވެ.

އަކްޝޭގެ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރިލީޒްކުރާނީ ކެޓުރީނާ ކައިފް އާއެކު ކުޅެފައިވާ "ސޫރިޔަވަންޝީ" އެވެ. މި ފިލްމު އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން މިހާރު ވަނީ ތާވަލް ކޮށްފަ އެވެ.

ދެވަނަ ފިލްމު "ބެލްބޮޓަމް" ރިލީޒްކުރާނީ އަންނަ މޭ މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޮގަސްޓް 6 ގައި "އަތުރަންގީ ރޭ" ރިލީޒްކުރާނެ އެވެ. އަދި ހިސްޓޯރިކަލް ޑްރާމާ "ޕްރިތުވީރާޖް" ރިލީޒްކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނީ އަކްޝޭގެ ހަތަރު ފިލްމެއް ރިލީޒްކުރާ ދުވަސްތައް އިއުލާން ކުރުމުން ފިލްމު އިންޑަސްޓްރީގެ އެންމެންނަށް ހިތް ހިތްހަމަޖެހުމެއް ނޭވާއެއް ލެވިއްޖެ ކަމަށެވެ.

އަކްޝޭގެ އިތުރުން ޔާޝް ރާޖް ފިލްމްސް އިން ވެސް ފަސް ފިލްމެއް ރިލީޒްކުރާ ތާރީޚުތައް މިދިޔަ ހަފުތާގައި އިއުލާން ކޮށްފައި ވެއެވެ.