ކޮލަމް

ޖިނާއީ މައްސަލަތަކުގައި ވަކި މަގާމަކަށް އަމަލުކުރާނީ ވަކި މިންގަނޑެއްތަ؟

Oct 29, 2015
6

"ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން، ފެން މަތިވަމުންދާ މުހިއްމު މައްސަލަތަކަށް ބަލާއިރު، މީހަކު ހުންނަ މަގާމެއްގެ ގޮތުން އެމީހަކާމެދު ޖިނާއީ މައްސަލަތަކުގައި ވަކި ގޮތަކަށް އަމަލުކުރަންޖެހޭ ކަމަށް ދައްކާ ވާހަކަ އަކީ ސުވާލު އުފައްދާ ވަރަށް ބޮޑު މައްސަލައެކެވެ. އެއް ބަޔަކު ބުނާ ގޮތުގައި، މަޤާމުގެ ހައިސިއްޔަތުން އެމީހަކަށް ދޭންޖެހޭ އިޙްތިރާމާއި ޤަދަރު އެމީހަކު އެ މަޤާމުގައި ދެމި ހުންނަހާ ހިނދަކު ދަމަހައްޓަންވާނެއެވެ. އެއީ، އެމީހަކާމެދު ޖިނާއީ ގޮތުން މައްސަލައެއް ބެލެވެމުންދާ ޙާލަތެއް ނަމަވެސް މެއެވެ. އަނެއް ބަޔަކު ބުނާ ގޮތުންނަމަ، އެފަދަ ގޮތަކަށް ޢަމަލުކުރުމަކީ ތަފާތުކުރުމެކެވެ. އެއީ، މޮޅު މީހާއަށް މޮޅު ގޮތް ހެދުން، އަދި ދެރަ މީހާއަށް ދެރަ ގޮތް ހެދުމެވެ. މިކަމުގައި، ދެ ބައި މީހުންވެސް ވާހަކަދައްކަނީ އެބަޔަކަށް ޤަބޫލުކުރެވޭ ހަމަތަކުގެ މަތިންނެވެ. މިއީ، ހައްތަހާވެސް މީހުން ދެކޭ ގޮތެވެ.

ސުވާލަކީ، ޤާނޫނު މިކަމާމެދު ދެކެނީ ކިހިނެއް ހެއްޔެވެ؟

ޤާނޫނުއަަސާސީގެ 20 ވަނަ މާއްދާގައި ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ އެންމެންވެސް ބަލައިގަނެފައިވާ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތެވެ. ކަންމިހެން އޮތްއިރު، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން، ތަޙުގީގަށް ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުންނާއި އަދި އެހެން ޤާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ، ނައިބު ރައީސް ބަންދުގައި ހުންނައިރު ޚާއްޞަ ގޮތްތަކެއް ހަމަޖައްސާދޭންޖެހޭނެ ކަމަށެވެ.
އެއީ މަޤާމުގެ ހައިސިއްޔަތުން އެފަރާތަށް ދޭންޖެހޭ އިޙްތިރާމެއްގެ ގޮތުންނެވެ. އޭގެ މާނައަކީ، މަތީ މަޤާމެއްގައި ހުންނަ މީހަކު ޖިނާއީ ތުހުމަތެއްގައި ބަންދުކުރެވިފައި ހުންނައިރު، "އިޙްތިރާމްކުރުމުގެ ގޮތުން" އޭނާއަށް ޚާއްޞަ ގޮތްތަކެއް ހަދައިދިނުންބާއެވެ؟ އަދި ޚާއްޞަ ގޮތްތަކެއް ހަދައިދޭން ނުޖެހޭ ޢާންމު ފަރުދަކު ހަމަ އެފަދަ ޖިނާއީ ތުހުމަތެއްގައި ބަންދުކުރެވިއްޖެނަމަ، އޭގެ މާނައަކީ، އޭނާއާމެދު ޤާނޫނުގައިވާ ގޮތަށް ޢަމަލުކުރުންބާއެވެ؟ އަދި މިފަދަ ގޮތަކަށް ޢަމަލުކުރެވޭނަމަ، ޤާނޫނުއަސާސީގައިވާ ހަމަހަމަކަން ރައްޔިތުންނަށް ލިބޭ ބާއެވެ؟

މި މައުލޫއަށް ވާހަކަދައްކަވަމުން، ޓީވީއެމްގެ ގެ ރާއްޖެމިއަދު ޝޯވްގައި އެޓާނީ ޖެނެރަލް ވިދާޅުވެފައިވަނީ، "... މީހެއްގެ މައްޗަށް ޖިނާޢީ ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވޭ ޙާލަތުގައި، އެމީހެއްގެ މައްޗަށް ޖިނާޢީ ޤާނޫނުތަކާއި އިޖުރާއަތްތައް ހިނގާނީ ހަމަހަމަކަމުގެ އުސޫލުން" ކަމަށެވެ. އަދި "މިގޮތުން ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގައި ވިޔަސް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވިޔަސް ނުވަތަ ވަޒީރެއް ކަމުގައިވިޔަސް މިކަން އޮތީ މިގޮތަށް" ކަމަށެވެ.

އެޓާނީ ޖެނެރަލްގެ ވާހަކަފުޅުގައި އެމަނިކުފާނު ޙަވާލާދެއްވާފައިވަނީ ޤާނޫނުއަސާސީގެ 127 ވަނަ މާއްދާއަށެވެ. މި މާއްދާގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރެގެން ނުވަތަ އޭގެ ކުރިން ނަމަވެސް، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތު އޭނާއާމެދު ކުރެވިއްޖެނަމަ، އެކަމަކަށް އޭނާ ޖަވާބުދާރީވާންވާނެއެވެ.
"އޭގެ މާނައަކީ، ޤާނޫނުއަސާސީގައި އެބަ ބުނޭ އެމީހާ ޖިނާއީ ހުރިހާ ޤާނޫނުތަކެއްގެ މައްޗަށް އެމީހާ ތަބާވާންޖެހޭނޭ" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

އޭޖީ ފާހަގަކުރައްވާފައިވާ ގޮތުގައި ޤާނޫނުއަސާސީގެ 127 ވަނަ މާއްދާގެ ދަށުން އޮތީ އެންމެ އިސްތިސްނާ ޙާލަތެކެވެ. އެއީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކާމެދު ޖިނާއީ ދަޢުވާއެއް ކުރާން ޖެހިއްޖެ ޙާލަތެއްގައި، ހިނގަމުންދާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރު ހަމަވާންދެން އެ ދަޢުވާއެއް ފަސްކުރުމަށް ރައްޔިތުންގެ މަޖިލިހަށް ފެންނަނަމަ، އެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ދަޢުވާއެއް ކުރުން ފަސްކުރުމަށް ދީފައިވާ އިސްތިސްނާއެވެ.

އޭޖީގެ ވާހަކަފުޅަށް ބަލާއިރު، ޖިނާއީ ތުހުމަތެއް މީހަކާމެދު ކުރެވޭ ހިސާބުން، ވަކި މަޤާމެއްގައި ހުރި މީހަކަށްވީތީ، ޖިނާއީ އިޖުރާއަތްތަކަށް ޢަމަލުކުރުމުގައި ޤާނޫނުގައި ތަފާތުކުރުމެއް ނެތެވެ. އެންމެންނަށްވެސް އޮތީ އެއްގޮތެކެވެ. އެއީ، ހައްޔަރުކުރުން ކަމަށްވިޔަސް ނުވަތަ ބަންދުގައި ބެހެއްޓުންކަމަށްވިޔަސް ނުވަތަ ތަޙުޤީޤުކުރުން ކަމަށްވިޔަސްމެއެވެ.

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލަށާއި އެ މަފްހޫމް އޭގައި ހިމެނިފައިވާ ރޫޙަށް ބަލާއިރު، މިއީ ޤާނޫނީ ގޮތުން މިކަމާމެދު ވިސްނުން ބަހައްޓަންވީ ގޮތްކަމާމެދު ބޮޑަށް ބުރަވެއެވެ. މިގޮތުން، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ޙާދިސާއާ ގުޅިގެން ނައިބު ރައީސް ހައްޔަރުކުރެވިފައިވާއިރު، އެމަނިކުފާނުގެ ވަކީލުން ވިދާޅުވާ ފަދައިން، ހައްޔަރުގައި ނުވަތަ ބަންދުގައި ނުވަތަ ތަޙުޤީޤުގައި އެބޭފުޅާއާމެދު ޚާއްޞަ ގޮތަކަށް ޢަމަލުކުރަންޖެހޭނެކަމަށް ބުނުމަކީ ހަމަ ޔަޤީނުންވެސް ތަފާތުކުރުމަށް ގޮވާލުމެވެ.

ޤާނޫނުއަސާސީން ހުއްދަކުރާ މިންވަރަށްވުރެ އިތުރަށް ޤާނޫނުތައް ހިންގުމުގައި ނުވަތަ ޙައްޤުތައް ލިބިދިނުމުގައި ތަފާތުކުރާނަމަ، އެއީ މައްސަލައެކެވެ. އަދި، މަޤާމުގެ ހައިސިއްޔަތުން އިޙްތިރާމް އަދާކުރުމަށޭ ބުނެ، ޖިނާއީ އިޖުރާޢަތްތަކުގެ ބޭރުން ޙާއްޞަ އުސޫލަކުން ޢަމަލުކުރުމަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލުން އެއްކިބާވުމެވެ. ވީމާ، ވަކި މަޤާމެއްގައި ހުންނަ މީހަކާމެދު، ޖިނާއީ މައްސަލަތަކުގައި ވަކި މިންގަނޑަކުން ޢަމަލުކުރަންޖެހޭނެކަމަށް ތިމާއަށް ޤަބޫލުކުރެވޭކަމަށްވާނަމަ، އެކަމާމެދު ފުންކޮށް ވިސްނާލުމަކީ ފަރުދީ ގޮތުން ކޮށްލަން މުހިއްމުކަމެއް ކަމުގައި ފެނެއެވެ.

އެޑިޓަރުގެ ނޯޓް: މިއީ އާންމު ފަރާތަކުން ލިޔެ "އަވަސް" އަށް ފޮނުވާފައިވާ ލިޔުމެވެ. މި ލިޔުން ޝާއިއުކޮށްފައި އެއްވެސް ބަދަލަކާ ނުލައެވެ. އަދި މި ލިޔުމާ ގުޅިގެން ޒިންމާއެއް އުފުލަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެ ޒިންމާއެއް އެފަރާތުން އުފުލާ ގޮތަށެވެ.