ލައިފްސްޓައިލް

ފާތިމާއަށް ފަރުވާ ލިބުނީ އާދަޔާހިލާފު ގޮތަކަށް

ދަރިފުޅުގެ ސިއްހީ ބޮޑު މައްސަލައެއް އެބަހުރިކަމާއި އެކަމަށް ކުރަން ޖެހޭ ބޭސްފަރުވާ ކުރެވޭނެ ތަނަވަސްކަން ތިމާގެ ކިބައިގައި ނެތްކަން އިހްސާސް ކުރެވޭ ވަގުތު އެ ކުއްޖާގެ މައިންބަފައިންނަށް ކުރެވޭނެ އިހްސާސް ހީކޮށްލާށެވެ. އަދި "މުއުޖިޒާތެއް" ފަދަ ގޮތަކަށް އެކަން ހައްލު ވެގެން ދިއުމުން ޖަޒުބާތު ހުންނާނެ ގޮތް ވިސްނާލާށެވެ.

މުހައްމަދު ބާސިލް އަކީ ޑުބާއީގައި އޮޑިޓަރެއްގެ ވަޒީފާގައި އުޅޭ އިންޑިޔާ މީހެކެވެ. ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއު އެއްގައި ބާސިލު ބުނި ގޮތުގައި އޭނާގެ ތުއްތު ދަރިފުޅު ފާތިމާއަށް 16 ކްރޯޑު ރުޕީސްގެ އަގު ބޮޑު ބޭހެއް ހޯދަން ޖެހުނެވެ. އޭނާގެ މުޅި އުމުރުގެ މުސާރަ އެއްކޮށްލިޔަސް އެ އަދަދާ ގާތްވާ ވަރު ވެސް ނުވާނެ އެވެ. ފައިސާ އެއް ކުރެވޭހާ ދުވަހެއް ވަންދެން ދަރިފުޅު ދުނިޔޭގައި އޮވެދާނެ ކަމުގެ އެއްވެސް އުންމީދެއް ވެސް ނެތެވެ.

ބާސިލްގެ 14 މަހުގެ އަންހެންދަރިފުޅަކީ ސްޕައިނަލް މަސްކިއުލާ އެޓްރޮފީ (އެސްއެމްއޭ) ހުރި ކުއްޖެކެވެ. މިއީ ޖެނެޓިކް ބައްޔެކެވެ. އެސްއެމްއޭ ޖެހުމުން ނާވް ސެލްތަކުގެ އިހްސާސް ގެއްލެ އެވެ. ނަތީޖާއަކީ ސިކުނޑިން ގައިގެ މަސްތަކަށް އިލެކްޓްރިކް ސިގްނަލް ފޮނުވާ ނުދިނުމެވެ.

ބާސިލްއަށް ކުރިން ލިބުނު ފިރިހެން ދަރިފުޅު ވެސް މަރުވީ އެ ބަލީގަ އެވެ. ޖެނެޓިކް ބައްޔަކަށް ވާތީ ދެ ވަނަ ދަރިފުޅު ފާތިމާއަށް ތިން މަސް ވުމުން އޭނާގެ ވެސް މި ބަލި ހުރިތޯ ޓެސްޓްތައް ހަދަން ބާސިލް ބޭނުންވި އެވެ. މި ޓެސްޓުގެ ނަތީޖާ ލިބުމުން ބާސިލްގެ ހިތް ހަލާކުވި އެވެ. ފާތިމާގެ ވެސް އެ މައްސަލަ ހުރިކަން އެނގުނީމަ އެވެ.

ބާސިލް ބުނި ގޮތުގައި ފާތިމާއަށް ހަ މަސް ފުރުނުތަނާ ބަލީގެ އަލާމާތްތައް ފެންނަން ފެށި އެވެ. ކަނދުރާ ހަރުނުލާން ފެށި އެވެ. އަދި އަމިއްލައަށް އަތް ވެސް ހިއްލާ ނުލެވެން ފެށި އެވެ. އެހިސާބުން ދަރިފުޅަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއެއް އަވަހަށް ފަށަން ބާސިލް ނިންމި އެވެ.

"އަހަރެން ހުރީ ޑުބާއީގައި ވަޒީފާގައި. އާއިލާގެ މީހުން ކައިރީ އަހަރެން ބުނިން ފާތިމާ ގޮވައިގެން ބެންގަލޫރުގެ ބެޕްޓިސްޓް ހޮސްޕިޓަލަށް ދާން. އެ ހޮސްޕިޓަލުން ޑރ. އޭން އެގްނެސް މެތިއުއަށް ދެއްކީ. އެއީ މި ބަލީގެ ޚާއްސަ ޑޮކްޓަރެއް. ޑރ. މެތިއު ވިދާޅުވި ޒޮލްގެންސްމާ ކިޔާ ބޭހަކުން މި ބައްޔަށް ފަރުވާ ކުރެވޭނޭ. ނަމަވެސް ވަރަށް އަގު ބޮޑު އަދި ދިގު މުއްދަތަކަށް ދޭންޖެހޭ ބޭހެއް. ދެން ވިދާޅުވި މި ބޭސް އުފައްދާ ނޯވާޓިސް ކުންފުނިން މިހާރު އެބަކުރިޔަށް ގެންދެޔޭ ލޮޓަރީ ސްކީމެއް. ދަރިފުޅުގެ ލޭގެ ސާމްޕަލް ނެދަލެންޑްސް އަށް ފޮނުވައިގެން މި ސްކީމްގައި ބައިވެރި ވެވިދާނޭ،" ބާސިލް ބުންޏެވެ.

ނަސީބު ދިމާކުރި ގޮތުން މި ލޮޓަރީ ކާމިޔާބުވީ ފާތިމާ އަށެވެ. އަދި މި އަގު ބޮޑު ބޭސް ފާތިމާއަށް މުޅިން ހިލޭ ލިބޭ ގޮތް ހަމަޖެހުނެވެ.

"މިއީ ހަމަ މުއުޒިޖާތެއް ފަދަ ކަމެއް. އެތައް ބަޔަކު މި ބޭސް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިއްބާ ފާތިމާއަށް ނަސީބަކުން މި ލިބުނީ،" ބާސިލް ބުންޏެވެ.

ބާސިލް ބުނި ގޮތުގައި މި ބޭހުން ފަރުވާ ދޭން ފެށުމުން ފާތިމާގެ ހާލަތު މަޑުމަޑުން ރަނގަޅުވާން ވަނީ ފަށާފަ އެވެ. މިހާރު ފައިވެސް ކުޑަކޮށް ހަރަކާތް ކުރެ އެވެ.