ބޮލީވުޑް

ޗުއްޓީގައި ރާއްޖެ އައި ސާންޔާ ތައި ބޮކްސިން ދަސްކޮށްފި

އާމިރު ޚާންގެ "ދަބަންގް" އާއި "ބަދާއީ ހޯ" ފަދަ ފިލްމުތަކުގައި ހަރަކާތްތެރިވި ބަތަލާ ސާންޔާ މަލްހޯތުރާ ރާއްޖޭގައި މިހާރު ދަނީ ޗުއްޓީ ހޭދަ ކުރަމުންނެވެ. މި ޗުއްޓީގައި ސާންޔާ އެންމެ ޝައުގުވެރިކަމާއެކު ކުރަމުންދާ އެއް ކަމަކީ ތައި ބޮކްސިންގެ ހުނަރު ދަސްކުރުމެވެ. މިކަން އޭނާ ކުރީ ޚާއްސަ ތަޖުރިބާކާރެއްގެ އެހީގަ އެވެ.

ސާންޔާ އާ ގުޅޭ މައުލޫމާތު ހިއްސާކުރި މީހަކު އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ދުވަސްތަކުގައި ވަރަށް ގިނަ ފިޓްނަސް އެކްޓިވިޓިޒްތަކުގައި ސާންޔާ ދަނީ ބައިވެރި ވަމުންނެވެ.

"އޭނާ ސްކޫބާ ޑައިވިން އަށް ވެސް ހިނގައްޖެ. އަދި ތައި ބޮކްސިން ވެސް އެބަ ދަސްކުރޭ. މިހާތަނަށް ދެ ތިން ކުލާހެއް އެ ރަށުގައި ހުންނަ ތަޖުރިބާކާރެއް ކައިރިން ވަނީ ނަގާފައި،" މައުލޫމާތު ދިން މީހާ ބުންޏެވެ.

މުމްބައިގައި ވެސް ސާންޔާ ބޮކްސިން ޕްރެކްޓިސް ކުރިޔަށް ގެންދެ އެވެ. އޭނާގެ ޓްރެއިނާ ޓްރިދޭވް ޕާންޑޭ އާއެކުގަ އެވެ. ޓްރިދޭވް އަކީ ގައުމީ ފެންވަރުގެ އެތުލީޓެކެވެ.

ސާންޔާގެ ފިލްމުތަކަށް ބަލާއިރު އެންމެ އަވަހަށް ރިލީޒްވާނެ ކަމަށް ބެލެވެނީ ގުނީތު މޮންގާގެ "ޕަގްލައިޓް" އާއި "މީނާކްޝީ ސުންދެރެޝްވަރް" ކިޔާ ފިލްމެކެވެ. މި ފިލްމުގެ ބަތަލަކީ އަބިމަންޔޫ ދަސާނީ އެވެ. އަބިމަންޔޫ އަކީ ކުރީގެ ބަތަލާ ބާގްޔާޝްރީގެ ދަރިފުޅެވެ. އަދި ވިކްރާންތު މެސީ އާއެކު "ލަވް ހޮސްޓެލް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ސާންޔާ ދަނީ ކުރަމުންނެވެ.