ބޮލީވުޑް

"ކީ އެންޑް ކާ"ގެ ލަވައަކަށް ކަރީނާ 32 ކިލޯގެ ހެދުމެއް!

Oct 30, 2015

ބޮލީވުޑްގެ ނަން މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު މީގެ ހަފްތާއެއްހާ ދުވަސްކުރިން ޝޫޓިން ނިންމާލި ފިލްމު "ކީ އެންޑް ކާ"ގެ ލަވައެއްގައި 32 ކިލޯ ބަރުދަނުގައި ހުރި ހެދުމެއް ލައިގެން ވަނީ ލަވައެއް ޝޫޓްކޮށްފަ އެވެ.

ކަރީނާ މިފިލްމުގައި ކުޅެފައިވަނީ ކެރިއަރުގައި ކުރިއަށްދާން ބުރަކޮށް މަސައްކަތްކުރާ އަންބެއްގެ ރޯލުން ކަމަށްވާއިރު، މިފިލްމުގައި މުޅީހެން ކަރީނާ ފެނިގެންދާނީ ވަރަށް ވެސްޓާން ލުކެއްގަ އެވެ. ނަމަވެސް މިފިލްމުގައި ހިމެނޭ ލަވައެއްގައި ކަރީނާ ބޭނުންވީ މުޅި ފިލްމުގައި އޭނާ ވެސްޓާން ހެދުންތަކުގައި ފެނިގެންދާތީ އެކަމާ އޭނާގެ ފޭނުން މާޔޫސްވެދާނެތީ، މިލަވައިގައި އިންޑިއަން ޑްރެސްއެއް ބޭނުންކުރުމަށެވެ.

މިލަވައިގައި ކަރީނާ ބޭނުންކޮށްފައިވާ 32 ކިލޯ ބަރުދަނުގައި ހުރި ހެދުން ޑިޒައިންކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާ އެވެ.

ގިނައަދަދެއްގެ މިނާ ބޭނުންކޮށްގެން ޖަރީކޮށްފައިވާ މިބަރު ހެދުމާއެކު ކަރީނާ މިލަވަ ޝޫޓްކޮށް ދެދުވަސްތެރޭ ނިންމާލާފައިވާއިރު، މިލަވަ ކޮރިއޮގްރާފްކޮށްދީފައިވަނީ ބޮސްކޯ އެވެ.

"ކަރީނާ މިފަދަ ބަރު ހެދުމެއް ލައިގެން ގަދަ އަވީގައި ދެދުވަހުން މިލަވައިގެ ޝޫޓިން ނިންމާލައި ވަނީ ފިލްމުގެ މުޅި ޓީމް ހައިރާންކޮށްލާފައި." ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

މިއަހަރުގެ ކުރީކޮޅު ނިކުތް "ބޮމްބޭ ވެލްވެޓް"ގައި ބަތަލާ އަނުޝްކާ ޝަރްމާ ވަނީ 35 ކިލޯ ބަރުދަނުގައ ހުރި ހެދުމެއް ބޭނުންކޮށްފަ އެވެ.

ކަރީނާ އާއެކު މިފިލްމުގެ ލީޑްރޯލުން ޒުވާން ތަރި އަރްޖުން ކަޕޫރު ވެސް ފެނިގެންދާއިރު، އަރްޖުން މިފިލްމުގައި ފެނިގެންދާނީ ކެރިއަރުގައި ކުރިއަށްދާން ބުރަމަސައްކަތްކުރާ އަންބަކަށް އެހީތެރިވެދޭ ގެވެހި ފިރިއެއްގެ ރޯލުންނެވެ.

އާރް ބަލްކީ ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ޝޫޓިން ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމާލާފައިވާއިރު، މިފިލްމުގެ ހާއްސަ ރޯލަކުން އަމީތާބް ބައްޗަން އާއި އަންހެނުން ޖާޔާ ބައްޗަން ވެސް ފެނިގެންދާނެ އެވެ.

އަންނަ އަހަރުގެ ތެރޭގައި ރިލީޒްކުރާ މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ދިއްލީ އާއި މުމްބައިގެ އިތުރުން ދުބާއީގަ އެވެ.