(18 ފެބްރުއަރީ 2021 އާ ގުޅޭ)
ފިރިމީހާއަށް ސައި ހަދައިފަ ކާމޭޒު ކައިރީ އަރީން އިނެވެ. ފޯނުން އޭނާ ފޭސްބުކް ބަލަނީ އެވެ. އެމް އެސް ޖަހާފައިވާ ޒުވާނެއްގެ ޕްރޮފައިލު ބަލަނީ އެވެ. ގިނަ ފޮޓޯތަކެއް ފެންނަން ނެތް ނަމަވެސް ފެންނަން ހުރި ފޮޓޯތަކަށް ގެއްލިފައި އަރީން އިނެވެ. ޖިމްގައި ވެއިޓް އުފުލަނިކޮށް ނަގާފައި ހުރި ފޮޓޯގަނޑު ޚާއްޞަކޮށް އަރީންގެ ލޮލުގައި އަޅައިގަތެވެ.
ކަނާއަތުގެ ބޮޑަވައި އިނގިއްޔާއި ޝަހާދަތް އިނގިލި ފޯނުގެ އިސްކުރީގައި ޖައްސާ ފޮޓޯ ބޮޑުކޮށްލި އެވެ. ކޮންމެ ގޮތަކަށް ބެލި ނަމަވެސް އަރީންނަށް އެ ފޮޓޯގައި ހުރި ޒުވާނާ އެއްވެސް ފިރިހެނަކަށްވުރެ ރީއްޗެވެ. ހިތްދަމައިގަންނަހާ ފިރިހެން ވަންތައެވެ. ލަސް ގޮތަކަށް ފޯނުގެ އިސްކުރީނުން އަރީންގެ ނަޒަރު ކައިރީ އިން ފިރިމީހާއަށް ހުއްޓުނެވެ. އޭނާގެ ސަމާލުކަން އަރީނަށް ދެވިފައެއް ނުވެއެވެ. ފިރިމީހާގެ އެއްވެސް ޢައިބެއް ނެތެވެ. ރާއްޖޭއިން ޢާންމުކޮށް ފެންނަ ފަދަ އޮޅަލި ކުލައިގެ ހަމެކެވެ. އިސްކޮޅުން އޭނާގެ ބޭބެ އަސްލަން ވަރު ނުވިޔަސް މާބޮޑު ތަފާތެއް ނެތެވެ. އަތުގައި އޮތް ފޯނުން އަރީން ބަލަން އިން ޒުވާނާ ވަރު ހަށިގަނޑު ނުވީނަމަވެސް ފަވާދަކީ ޖިމަށް ދާމީހެކެވެ. ހަރަކާތްތެރިކޮށް އުޅޭ ދުޅަހެޔޮކޮށް ހުންނަން މަސައްކަތް ކުރާ މީހެކެވެ. އޭނާގެ ކުރު އިސްތަށިގަނޑާއި ތުނިކޮށް ބަހައްޓާފައި ހުންނަ ތުނބުޅިމަތިސްގެ ކަޅުކަން ގަދައެވެ. މިޒާޖުގެ ގޮތުން ރުޅިމަޑު މީހުންނާ ގުޅޭ މީހެކެވެ. އަރީން ހިތްހަމަނުޖެހޭ ކަމެއް ނުކޮށްވެތޯ ފަވާދު އިސްކަންދެއެވެ. އެކަން އޭނާ ދެނަހުއްޓެވެ. ވަޒީފާއަކަށް ނުދިޔަނަމަވެސް އަރީންނަށް ފައިސާގެ ދަތިކަމެއް ނުލިބެއެވެ. އަރީންއަށް ބޭނުންވާ ކޮންމެ ކަމެއް ފަވާދު ކޮށްދެއެވެ. ފަވާދު ދައްކާ ކޫސަނި ވާހަކަތައް ހުއްޓާލައިފިނަމަ، ފިރިމީހާގެ ފަރާތުން ގަޔާނުވަނީ ކޮންކަމެއްކަން ބުނެދޭން އަރީންގެ ހިތާއި ސިކުނޑި ނުކުޅެދެއެވެ. ނަމަވެސް އަރީންގެ ހިތަކަށް އެވަރުން ނުފުދެއެވެ. ޚާއްޞަކޮށް އެތައް އަހަރަކަށްފަހު އަލުން އެ ޒުވާނާގެ ޚަބަރު ލިބުނީއްސުރެއެވެ.
"މިދުހަތު ސަލީމް." އަދިވެސް އެއްފަހަރު ފޯނުން ފެންނަ ފޭސްބުކް ޕްރޮފައިލަށް ބަލާލައި އަރީންގެ ހިތުން ކިޔާލިއެވެ. އެމް އެސްއަކީ މިދުހަތުގެ އިނީޝިއަލްކަން އަރީންނަށް އެނގެ އެވެ. މިދުހަތުގެ ޚަބަރެއް ނުވާއިރު ވެސް އޭނާ ދޭތެރެއަކުން އެ ޕްރޮފައިލް ބަލައެވެ. ދެމީހުންނަކީ ފޭސްބުކްގެ ރައްޓެހިންނަށް ނުވާތީ މާބޮޑު މަޢުލޫމާތެއް ނުލިބުނަސް އެވެ. ރައްޓެހިކަން ކަނޑާލީ ވެސް ޚުދު އަރީން އަމިއްލައަށެވެ. ފަހުން އެކަމާ އޭނާ ދެރަވި އެވެ. އަލުން އެކުވެރިވާން އަރީން އެދުމުން އެކަމަށް އޭނާ އެއްވެސް ޖަވާބެއް ވަނީ ނުދީފައެވެ.
"ކިހިނެއްވީ؟ ވަރުބަލީތަ؟" އަރީން ފުން ނޭވާއެއް ލީ ގޮތުން ފަވާދު އަހާލިއެވެ. އަރީން ދެފަރާތަށް ބޯހޫރާލިއެވެ. މޭޒުދޮށުން އޭނާ ތެދުވިއެވެ. ހިތަށްވާގޮތެއް އަރީނަކަށް ނޭނގެ އެވެ. ނުތަނަވަސް ކަމެއް ލިބެންވީ ސަބަބެއް ވެސް ނެތެވެ. އެހެންވިޔަސް ފިރިމީހާގެ ކުރިމަތީ އޭނާގެ ހިތް ބޭޒާރުވެދާނޭތީ ދުރަށްދާން އަރީން ގަސްދުކުރީއެވެ.
"ހުކުރަށް ދާން ހެދުމެއް ބޭނުން ވާނެ." ފަވާދު ހަނދާންކޮށްލަ ދިނެވެ.
"އަދި ވަގުތު އެބައޮތް، ފަވާ ފެންވަރަންވާއިރަށް ރެޑީ ކުރާނަން." އަރީން ބުންޏެވެ.
"އެ ދެބެން ކުރާކަމެއް ބަލާލަބަލަ، ކީއްވެތަ ނަމާދަށް އެކުދީންނަށް ނުގޮވަނީ..."
"ފަވާދު ހީކުރަނީ އަހަރެން ނުބުނާކައްމަތަ؟" އަރީން މޫނު ކުނިކޮށްލިއެވެ. އެއީ އޭނާ ދައްކާ ހިތްވާ ވާހަކައެއްނޫނެވެ. އަރީން ބުނާ ފިރިމީހާގެ ހުންނަ ކޫސަނި ގޮތަކީ އެއީއެވެ. އެކަހަލަ ވާހަކަތައް ނުދައްކާނަމަ ފަވާދުގެ އެއްވެސް އުނި ކަމެއްނެތެވެ.
"އަރީން ވެސް ނަމާދަށް ފަރުވާތެރިނުވާތީ އެކުދީންނަށް އެހެން އެވަނީ، ހަމައެކަނި އަހަރެން ބުނުމަކުން ނުވާނެއެއްނު، އެކުދީންނާއެކު ގިނަވަގުތު ހޭދަކުރަނީ އަރީން، ހަމައެކަނި ރޯދަމަހު ކުރަން އޮންނަ ކަމެއްނޫން ނަމާދަކީ." ފަވާދު ބުންޏެވެ. ނަމާދަށް ފަރުވަތެރިވެ ގަޑިގަޑިން އަރީން ނަމާދުކުރާތީ ފަވާދަށް ފާހަގަވެފައި އޮންނަނީ ހަމައެކަނި ރަމަޟާން މަހުގައެވެ.
* * * * *
ޟުހާ ނަމާދު ކޮށްލީކަން ނޯޔާ ބުނުމުން އަސްލަން އިތުރު ސުވާލެއް އެކަމާ ނުކުރި އެވެ. އެއީ އޭނާ ކުރާ ނަމާދެއް ނޫނެވެ. އެ ނަމާދަކާ ބެހޭ ޚަބަރު އޭނާއަށް ލިބިފައި ނެތީ އެވެ. ފަރުޟު އަދާ ކުރުމުން ފުދޭނެކަން އޭނާ ޤަބޫލު ކުރެއެވެ. ސުންނަތުގެ ތެރެއިން ގަދަވެގެންނާ ސުންނަތުގެ ޚަބަރުތައް އޭނާ އޮޅުމެއް ނުފިލުވައެވެ. ދީނާމެދު އެފަދަ ހޭލުންތެރިކަމެއް ނެތީ އެވެ. އާދަވެފައި ނެތްކަމެއް ކުރުމަކީ އުނދަގޫ ކަމެކެވެ.
ޓީވީ ކުރިމަތީ ހުރި ދިގު ސޯފާގައި އަސްލަން އިނެވެ. އޭނާގެ ވައަތްފަރާތުގައި ހުރި ސޯފާ ގޮނޑީގައި ނޯޔާ އިނެވެ. ދެމެދުގައި ދެކެވުނީ އެކުގައި ދެމީހުން އެއްތަނެއްގައި ދިރިއުޅޭނެ އުސޫލުތަކުގެ ވާހަކަ އެވެ. ދަރީންގެ ކަންކަން ކުރުމުގައި ނޯޔާ އުޅޭއިރު ހުރިހާ ވަގުތަކީ އޭނާ ނަލަވެ ބޮޑު ހެދުމުގައި ހުންނާނޭ ވަގުތު ނޫންކަން އަސްލަންއަށް ވިސްނެ އެވެ. އެކަން ހާމަކުރީ އެހެން ވެއެވެ. ދެމަފިރިންގެ ގޮތުގައި އެކަކުގެ އަނެކަކަށް ފެނިގެން ނުވާނޭ ކަޝްފުވުމެއް ދެ ހަށިގަނޑުގައި ނުވެއެވެ. އެކުގައި އުޅުން ނޯޔާއަށް ތަކުލީފަކަށް ވާން އަސްލަން ނޭދެއެވެ. ދެމެދުގައި ވާހަކަދެއްކެވި އެއްބަސްވުމަކަށް އައުން މުހިންމީ އެހެންވެއެވެ. ކުރިން ހުޅުވާލެވިފައި ހުންނަ އެޕާޓްމެންޓުގެ ދޮރު ތަޅުލާން އަސްލަން ނިންމީ އަނބިމީހާގެ އެދުމަށެވެ. އޭނާއާއި ދަރީންގެ ކުރިމަތީ ނޯޔާ ބުރުގާ ނެގި ނަމަވެސް ކުއްލިއަކަށް އެބަޔަށް އައިސް ވަންނަ މީހާއަށް ނޯޔާގެ އެ ސިފަ ފެންނަން އޭނާ ނޭދެ އެވެ. ހަމައެއާއެކު އަސްލަންގެ ހިތަށް ވެސް އެގޮތް ކަމުދިޔަ އެވެ. އޭނާގެ އަނބިމީހާގެ ގޮތުގައި ހުރެ އޭނާއަށް އެ ފެނުނު ފަދަ މަންޒަރެއް ދެވަނަ މީހަކަށް ފެނުމަށް އޭނާގެ ޟަމީރު ކުޑަކޮށް ވެސް އެއްބަހެއް ނުވެއެވެ.
"ހަވީރު މަންމައާއެކު ބާޒާރު ކޮށްލަން ދިޔަޔަސް އެންމެ ރަނގަޅުތަ؟ މިތަނުގައި އެއްވެސް އެއްޗެއް ނެތެއްނު." ނޯޔާގެ ދެން އޮތް ޚިޔާލު ހާމަކުރިއެވެ.
"އޯކޭ... ދާންވީމަ ބުނޭ، އަހަރެން ލާރި ދޭނަން، ދެން އަހަރެން ގަނެދޭންވީ އެއްޗެއް އޮތްނަމަ ބުނާތި، ލިސްޓެއް ދިނީމަ އަހަރެން ހަމަ ކޮށްދޭނަން، ދުރަށް ނުދިޔަޔަސް ތިރީ ފިހާރައިން ވެސް ވަރަށް ގިނަ އެއްޗެހި ލިބޭނެ. މަންމަ ގިނައިން ވިޔަފާރި ކުރަނީ އެތަނުން." އަސްލަން ބުންޏެވެ.
"ކުދީންގެ ދުވަހީ ކަންކަން ބަހާލެވިފައިވާ ގޮތެއް އެނގެން ބޭނުން، އެކުދީންނާ ގުޅިގެން ކުރިޔަށްދާން އެނގޭނީ އޭރުން، އަމިއްލަ އުސޫލުތަކެއް ކަނޑައަޅައިފިނަމަ އެކުދީންނަށް މާބޮޑަށް އެގޮތް ހަރުކަށި ވެދާނެ..." އިސްޖަހާލައިގެން ވިސްނަން އިނދެ ނޯޔާ ބުންޏެވެ. އޭރު އޭނާގެ މޫނަށް އަސްލަން ބަލަން އިނީ ފަރުވާތެރި ކަމާއެކު އެވެ. އަޖައިބުވެފަ އެވެ. ބައެއްފަހަރު ހީނުކުރާހާ ހަރުދަނާ އަންހެނެއްގެ ގޮތުގައި ނޯޔާ ސިފަވާއިރު އަނެއްބައި ފަހަރު މަޢޫޞޫމް ޅަކުއްޖެގެ ސިފަ އެ އަންހެންކުއްޖާގެ ފުށުން ފެންނަ ކަމާމެދު އަސްލަންއަށް ދެބަސްނުވެވޭނެއެވެ.
* * * * *
މެންދުރުގެ ތަށިބަރި ހިފައިގެން ސަބީނާއަށް ނުދެވިގެން އުޅެނިކޮށް އެގެއަށް ރޫމާ އަތުވެއްޖެ އެވެ. ނޯޔާ ދުށުމަށް ބޭނުންވެފައި ހުއްޓެއްކަމަކު އޭނާއަށް އެބައިން ދަރިފުޅެއް ނުފެނުނެވެ. އެކުވެރިޔާއާ ސަބީނާ ވާހަކަދެއްކިއެވެ. ނޯޔާވީ އަސްލަންގެ ބައިގަކަން ސަބީނާ ބުންޏެވެ. މެންދުރު ކާންވާއިރަށް ކުޑަމަންޖެއަށް ކާންދީ ފެންވަރުވަން ދިޔައީކަން ސަބީނާ ހާމަކުރިއެވެ. ރޫމާގެ ގާތުން އެބަޔަށް ގޮސްލާފައި ދާން ސަބީނާ އެދުނެވެ.
އެނބުރި ދިއުމުގެ ކުރީން އަސްލަންގެ ބަޔަށް ރޫމާ އައެވެ. ބެލް އަޅާލުމުން ހުޅުވީ މަލްސާއެވެ. ދައްތާ ކޮބާތޯ ރޫމާ އަހާލީ ނޯޔާއަށް އިޝާރާތް ކޮށެވެ. މަލްސާ އިޝާރާތްކުރީ އެތެރޭގައި ހުރި ކޮޓަރިއަށެވެ. ހުކުރު ވަގުތަށްވާތީ އަސްލަން ގޭގައި ނެތްކަން ރޫމާ ދެނަހުއްޓެވެ. މަޑުނުކޮށް ހަލުވިކޮށް ކޮޓަރިއާ ދިމާއަށް ރޫމާއަ އެވެ. ހުޅުވާފައި ހުރި ދޮރު ފެނުމުން އޭނާ އެތެރެއަށް ވަނީއެވެ. ފާޚާނާގެ ތެރޭގައި ނޯޔާ އުޅޭ އަޑު އިވުނެވެ. ފެންވަރުވާ ތަށީތެރޭ އަނުމް ބާއްވާލައިފަ އޮތެވެ. މަންމަ ފެނުމުން ތަފާތު އުފާވެރިކަމެއް ނޯޔާއަށް ވެރިވިއެވެ. ކުޑަދަރިފުޅު ފެންވަރުވާ ގޮތް ބަލަން ރޫމާ ހުއްޓެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ދަރިފުޅު ދަސްކުރުމުގައި އުޅޭ ގޮތް ރޫމާއަށް ފެނެއެވެ. އޭނާ ނޯޔާއާ ގާތްވެލިއެވެ. ދަރިފުޅަށް އިރުޝާދު ދިނެވެ. ކުޑަކުއްޖަކު ފެންވަރުވާއިރު ސަމާލުވާން ޖެހޭނެ ކަންކަން ނޯޔާއަށް ރޫމާ ބުނެދިނެވެ. ފަހަރެއްގައި ވެސް ނޯޔާ ކަންކަން ކުރާ ގޮތް ގޯސްވެގެންނެއްނޫނެވެ.
އަނުމް ފެންވަރުވައި ތައްޔާރު ކުރަން ވާއިރަށް އެކުއްޖާ އާފުރެން ފަށައިފި އެވެ. ނިދީގެ އަސަރުތައް އެކުއްޖާގެ ފުށުން ފެންނަން ފެށިއެވެ. މަންމަގެ އެހީތެރިކަން ލިބުމުން ނޯޔާއަށް ފަސޭހަވި އެވެ. މަންމަ އެއައީ އެހީތެރި ކަމަކަށް ނޯޔާ ބޭނުންވެފައި ހުރި ވަގުތެއްގަ އެވެ. އަނުމް ނިންދަވަން އުޅުނު ނޯޔާގެ މޫނަށް ފަރުވާތެރިކަމާއެކު ރޫމާ ބެލިއެވެ. ދަރިފުޅުގެ މޫނުން ތަކުލީފެއްގެ އަސަރެއް ނުފެނެއެވެ. އޭނާ ހަމަޖެހިފައި ހުރި ކަހަލައެވެ. އުފުލަން ޖެހޭ ޒިންމާގެ ބުރަކަމާއި ވަރުބަލިކަމެއް އެމޫނުން ފާޅެއްނުވެއެވެ. އަލަށް މަންމައަކަށްވުމުން ފެންނަ ފަދަ އާކަމެއްނޫނީ ނޯޔާގެ ފުށުން ނުފެނެއެވެ.
ކުޑައެނދުގައި އަނުމް ބާއްވާލައި މަންމަ ގޮވައިގެން ނޯޔާ ކޮޓަރިން ނުކުތެވެ. ހިސާބަކަށް ދޮރުފަތް ހުޅުވާފައި ބަހައްޓާލުމާއެކު މަންމާއާއެކު ނޯޔާ އިށީނީ ކާމޭޒު ދޮށުގަ އެވެ. ސޯފާގައި ސާރާއާއި މަލްސާއާ ދެބެން ތިބީމައެވެ. ކާމޭޒު މަތީ އަނުމްއަށް ކާންދިން ފުޅި ހުރިތަން ފެނި މަންމަ އެ ނެގިއެވެ.
"މިތަ އެކުއްޖާ ކާން ދެނީ؟" ރޫމާ އަހާލިއެވެ. ނޯޔާ ބޯޖަހާލިއެވެ.
"އަސްލަން ބުނީ މިއޭ ދެނީ، މީ ރަނގަޅު އެއްޗެއް ނޫންތަ؟" ނޯޔާ ހާސްވިއެވެ.
"އަބަދު ދޭން މީ ރަނގަޅު ކާނާ އެއްނޫން، އަމިއްލައަށް ތައްޔާރުކޮށްގެން ތަފާތު އެއްޗެހި ދެވޭތޯ ބަލަންވާނެ." ރޫމާ ބުންޏަށް ނޯޔާގެ ވިސްނުމަކަށް އެކަންކަން ފަހުމެއް ނުވިއެވެ. އަމިއްލައަށް އެވަރުގެ ކުއްޖަކަށް ކާއެއްޗެހި ތައްޔާރުކުރާނޭ ގޮތެއް ނޯޔާގެ ވިސްނުމަކަށް ނާދެއެވެ. މަންމައާ އިތުރަށް ސުވާލު ކުރެވުނީ އެހެންވެއެވެ. ތަފާތު މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭނުންކުރުމާއި ދެން ވެސް ހެދިބޮޑުވުމަށް ކުޑަކުދީންނަށް ބޭނުންވާނޭ ކާނާގެ ބާވަތްތައް ބަލަން ރޫމާ ބުންޏެވެ. އަނުމްއަށް ކަމުދާ ވައްތަރުތަކާއި އެކުއްޖާ ކާން ބޭނުންނުވާ ބާވަތްތައް ފާހަގަކުރަން ރޫމާ ބުންޏެވެ. އަދި އަބަދު އެކައްޗެއް ދިނުމުގެ ބަދަލުގައި ދޭތެރެއަކުން ތަފާތުކޮށްލަން އިސްކަންދޭން ރޫމާ ބުންޏެވެ.
ރޫމާ ނުކުމެގެން ދިޔަ ދިމާއަށް ބަލަން އިނދެ ނޯޔާ ހިނިތުން ވެލިއެވެ. މަންމަގެ ފަރާތުން އޭނާއަށް އެ ލިބުނީ ކިހާ މުހިންމު ފިލާވަޅެއްކަން އެނގެއެވެ. ކާމޭޒު ދޮށުން ނޯޔާ ތެދުވެ ސޯފާގައި ތިބި ދެބެންނަށް ބަލާލިއެވެ. އޭނާ ދެން އައިސް ވަނީ އެ ދެބެންގެ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން އަވަހަށް މަލްސާ އެ ކޮޓަރިއަށް ވަނެވެ.
"ބައްޕަ އަންނަންވާއިރަށް ހުރިހާ ކުދީން ތިބެންވާނީ ފެންވަރައިގެން، ހަވީރު ނޫބޭބީ ކައިރިއަށް ދާންވާނެއެއްނު." ނޯޔާ ބުނެލިއެވެ.
"ޑެޑީ މިހާރު އަންނަނީތަ؟" މަލްސާ އަހާލި އެވެ.
"ޓީވީއިން ފެންނަ ކުދީން ނަމާދުކޮށް ނިމުނީމަ، އެހާތަނަށް ބައްޕަ ވެސް އަންނާނެ." ކުދީންގެ ހެދުންތައް ރީތިކުރަން ހުރި ނޯޔާ ބުންޏެވެ.
"މިއަދު އެލްސާ ހެދުން ލާނީ، ނޫބޭބީ ކައިރިއަށް ދާއިރު." މަލްސާ އައިސް ނޯޔާގެ ކައިރިން އަލަމާރިތެރެ ބަލަން ފެށިއެވެ. ދޮރުކައިރީ އެމީހުންގެ ހަރަކާތްތަކަށް ބަލަން ސާރާ ހުރިކަމެއް ނޭނގެއެވެ. އެކުއްޖާ ކަނުލާ ނޯޔާ ދައްކާ ވާހަކަތައް އަޑު އަހައެވެ. ނޯޔާގެ ކޮންމެ ހަރަކާތަކަށް ސަމާލުކަން ދެއެވެ.
* * * * *
ހުރިހާ ފިރިހެނުން ހުކުރުން އައިސް ގެއަށް ވަނީ އެކީގައެވެ. އަސްލަންއާއި ރިދާން އައިސް މަންމަގެ ބަޔަށް ވަނީ އާދެވެފައި ހުރީމައެވެ. ފަވާދު ދިޔައީ އަނބިމީހާއާއި ކުދީން ބަލައެވެ. ގޭތެރެއަށް ވަދެވުމާއެކު ތައްޔާރުވެފައި ހުރި ސުފުރާ ދެ ޒުވާނުންނަށް ފެނުނެވެ. ކާމޭޒު ކައިރީ ފަނިޖަގު ހިފައިގެން ހުރި ނޯޔާގެ ނަޒަރު އަސްލަންއާ އަމާޒުވެލިއެވެ. ލުއި ހިނިތުންވުމެއް ބަދަލުކޮށްލި ގޮތުން ހީވީ އަސްލަންއާ ކޮށްލި ސަލާމެއް ހެންނެވެ. މަޑުމަޑުން ބޮލުން ކޮށްލި އިޝާރާތާއެކު ނޯޔާގެ އެ ސަލާމް އަސްލަން ބަލައިގަތްކަން އަންގާލިއެވެ. ވަދެގެން އައިސް ސޯފާގައި ތިބިގެންގެ ގާތުގައި އަސްލަން އިށީނެވެ. ރިދާން ކައިރިވެލީ ކާމޭޒާއެވެ. ބަނޑުހައިވެއްޖެޔޭ އޭނާ ބުނެލީ ނޯޔާގެ ގާތުގައެވެ.
"އެންމެން ހަމަވީމަ ފަށަންވީ." ޕާޕަރު ތަށި ހިފައިގެން އައިސް މޭޒުމަތީ ބަހައްޓަމުން ސަބީނާ ބުންޏެވެ.
ރިދާންގެ ޝަކުވާ އިވުނެވެ. އަރީން އަންނާނޭ އިރެއް ނޭނގޭތީއެވެ. އޭނާ ލަހުން އައިމަކީ އާދައެއްކަން އެނގޭތީއެވެ. ކުރީބައިގަ ކާމޭޒު ކައިރީ ރިދާން އިށީނެވެ. އަސްލަންއަށް ވެސް ގޮވިއެވެ. ކާމޭޒުދޮށަށް އަރަންވީ ކަމުގައި ބުންޏެވެ. އަރީނާއި ފަވާދު އައުމުން ނޫނީ ކާމޭޒު ކައިރިއަށް ނާރަން އަސްލަން އިނެވެ. ކުޑަކުޑަ މަލްސާ އައިސް ރިދާންއާ ބައިވެރިވުމުން ނޯޔާއަށް ހީނލެވުނެވެ. އެ ޖެހުނީ އެއްވަރުގެ ދެ މީހުންކަން އޭނާއަށް ވިސްނުނީއެވެ. އެ ސަކަރާތުގެ މަންޒަރު ބަލަން ތިއްބާ އެބަޔަށް އަރީންގެ ޢާއިލާ ވަދެއްޖެއެވެ.
* * * * *
ހަވީރުގެ ވަގުތެވެ. ނޯޔާ ބާޒާރަށް ފޮނުވާފައި އަސްލަން އެޕާޓްމެންޓުގައި އިނީ އަނުމް ގޮވައިގެންނެވެ. ސާރާއާއި މަލްސާވީ ނޯޔާގެ ދައްތަ ކައިރީއެވެ. ބާޒާރަށްދާން ޔަޝާއަށް ގުޅާލުމުން ވެސް ފޯނެއް ނުނަގައެވެ. އެހެންވެ މަންމަ ކައިރީ ނޯޔާ ބުނީއެވެ. ސަބީނާ ހުރީ ގޭގެ ޓެރެސް ސާފުކުރުމުގައެވެ. އޭނާއާއެކު ފަވާދާއި ރިދާން އުޅެއެވެ. އަސްލަން ވެސް ނުކުތީ ދަރިފުޅު ގޮވައިގެން އެމީހުންގެ ތެރެއަށް ދާށެވެ.
"ހާލު ރަނގަޅުތަ؟" އަސްލަންގެ ފޯނުކޯލުން އިވުނީ ހުސެންގެ އަޑެވެ. ނުކުންނަން އުޅެފައި އަލުން ސޯފާގައި އަސްލަން އިށީނެވެ.
"ރަނގަޅު." އާދައިގެ ގޮތަކަށް އަސްލަން ބުންޏެވެ.
"ތިގޭ ދޮށަށް ދާންވެގެން މިގުޅާލީ..." ހުސެންގެ ގަސްދު ހާމަކުރިއެވެ.
"މިއަދު ތަންކޮޅެއް ބިޒީ، އަނުމް ވެސް ބަލިކޮށް އުޅެނީ..." އަސްލަން އުޒުރުދެއްކިއެވެ. ހުސެން އެގެއަށް އަންނަން އޭނާ ބޭނުންނުވީއެވެ.
"އެހެންތަ؟ ވަގުތުވީމަ ގުޅާލަބަލަ... އޭތް! ލޫނާ ބުނި އަސްލަން ފޯނެއް ނުނަގައޭ." ހުސެން ބުންޏެވެ.
"ފޯނު ނިވިފަ އޮތް ގަޑިއަކީ، މަ ފަހުން ހުސެންއަށް ގުޅާލާނަން، ކޮފީއަކަށް އަރާލަން." އަސްލަން ބުންޏެވެ.
"ކަމަކާ ބޯގޮވާފަތަ ތިހުރީ..." ހެމުންހެމުން ހުސެން އަހާލިއެވެ. ވަގުތުން އަސްލަން ނޫނެކޭ ބުނެލިއެވެ. ކޮފީތަކަށް ދިއުމަކީ އަސްލަން ކުރާކަމެއް ނޫންކަން ހުސެންއަށް އެނގެއެވެ. ވަކިން ބޮޑަށް އޭނާ އެކަންކަމާ ދުރުވީ އަނބިމީހާ މަރުވީމައެވެ. ކުދީންނާއެކު ގިނަވަގުތު ހޭދަކުރުމަކީ އަސްލަންގެ އާ ދިރިއުޅުމެވެ. ހުސެންއަށް އެކަން އެނގެއެވެ. އެކުވެރިޔާއާ ބައްދަލުކުރަން އެގެއަށް އައުމަކީ ޢާންމުކަމެކެވެ. އެހެންވެ ކޮފީއަކުން ބައްދަލުކުރާ ވާހަކަ އަސްލަން ބުނީތީ އެކަމާ ހުސެން އަޖައިބުވީއެވެ.
"އޭތް، ބާއްވަނީ... އަނުމް އެބަރޮއެ..." އަސްލަން ފޯނުކޯލު ކުރުކޮށްލިއެވެ. ދެން އުނގުގައި އިން ދަރިފުޅަށް އޭނާ ބަލާލިއެވެ. ފޯނު ތިރިކޮށްލައި ދަރިފުޅަށް ބަލަން އިނދެ ސޮރީއޭ ބުނެލިއެވެ. އެކުއްޖާއޭ ކިޔައިގެން ދޮގުތަކެއް ހެދުނީތީ މަޢާފަށް އެދުނުއިރު އެކަން އެކުއްޖާއަށް އެނގޭނެ ހެއްޔެވެ؟. އެހެންވިޔަސް އެކުވެރިޔާއަށް އޮޅުވާލަން ވުމުން އަސްލަންއަށް އުނދަގޫވީއެވެ.
* * * * *
ރަނގަބީލުގެ އަޑު އިވި މީހަކު އައީކަން މިދުހަތަށް އެނގެއެވެ. އެކަމަކު އެގަޑީގައި އޭނާ ހޯދަން އަންނާނޭ މީހަކު ނުހުންނާނޭކަން އެނގެއެވެ. އެބަޔަކީ ޢާންމުކޮށް ނޭނގިގެން ވެސް މީހުން އަރާ ހިސާބެއް ނޫނެވެ. އިމާރާތުގެ ދިހަވަނަ ފަންގިފިލާއެވެ. އެންމެ މައްޗެވެ. ސޯފާއިން ތެދުވެ އަތުގައި އޮތް ކަޕްނޫޑުލިސް ކޮފީ މޭޒުމަތީ ބެހެއްޓިއެވެ. ދެން ސޯފާގެ އަތްގަނޑު މައްޗަށް އެއްލާފައި އޮތް ކޮނޑުކެނޑި ނަގައި ބޮލުން މަހަލައި ގަޔަށް ހެޔޮވަރު ކުރަމުން ދޮރު ކައިރިއަށް އައެވެ. ދޮރުގެ އަނެއްފަރާތް ފެންނާނޭހެން އިސްކޮޅުގެ އުސްމިނަށް ވަށްކޮށް ހަރުކޮށްފައި ހުރި ބިއްލޫރިކޮޅުގައި ލޯ ޖަހައި އޭނާ ބަލާލިއެވެ. މޫނު ރަނގަޅަށް ފެންނަގޮތެއް ނުވިއެވެ. ދިގު އިސްތަށިގަނޑު ފެނެއެވެ. އަންހެން ކުއްޖެއްކަން ގައިމެވެ. ނަމަވެސް ހުއްޓި ހުރި ގޮތުން ކާކުކަމެއް ނޭނގުނެވެ. ދޮރުގައި ވައަތްތިލަ ޖައްސާލައިގެން އިރުކޮޅަކު އޭނާއަށް މަޑުކޮށްލެވުނެވެ. ކާކުތޯ ވިސްނާލީއެވެ. ދެން އަނެއްކާވެސް ދޮރުގައިވި ބިއްލޫރިކޮޅުގައި ލޯޖެހިއެވެ. އެމީހަކު ބެލްއަޅާލީ މިދުހަތު އެގޮތަށް ހުއްޓައެވެ. މަޑުމަޑުން ދުރަށް ޖެހިލައި ދޮރުގައިވި ޗޭނުކޮޅު ނައްޓާލައި މިދުހަތު ދޮރު ހުޅުވާލިއެވެ.
"ހާއި..." ހާސްވެ ޖެހިލުންވެފައި ހުރެ ވެސް ބޯއަރިކޮށް ހިނިތުންވުމެއް ދެމުން އަރީން ބުންޏެވެ.
"ރީން..." މިދުހަތުގެ މޫނުގައިވީ ހައިރާންކަމެވެ. އެހިސާބަށް އަރީނަށް އަންނަން އެނގުނު ގޮތެއް ނޭނގިފައެވެ. ދޮރުފަތުގައި ހިފަހައްޓާލައިގެން އަރީނަށް ބަލަން މިދުހަތަށް ހުރެވުނީއެވެ.
"ސޮރީ..." މިދުހަތު ބަލަން ހުރިގޮތުން އަރީން ޖެހިލުންވީއެވެ. އޭނާ އެތަނުން ދިއުމަށް އެނބުރިލިއެވެ.
"ރީން... މަޑުކޮށްބަލަ..." އެޕާޓްމެންޓުން ނުކުމެ މިދުހަތު ނިކަން އަވަހަށް ގޮވާލިއެވެ. ހަލުވިކޮށް ދާން އުޅުނު އަރީން ހުއްޓުވިއެވެ.
(ނުނިމޭ)