އުތުރު ތިލަ ފަޅު

އުތުރު ތިލަފަޅު އެއްބަސްވުމުގެ ދެފުށް ހާމަކުރަން ޖެހޭ: މުއިއްޒު

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާ އާއެކު މިއަދު ރާއްޖެއިން ހެދި އެއްބަސްވުން ދެފުށް ފެންނަ ގޮތަށް ހާމަކުރަން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އިންޑިއާއާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ނޭވަލް ބަނަދަރަކާއެކު މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތާއި ތަމްރީނު ހިމެނޭ ގޮތަށް ވަސީލަތްތައް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.

ނަމަވެސް އެ އެއްބަސްވުމުގައި އަޑި ނޭނގޭ ކަންތައްތައް ހިމެނޭ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި މިއީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެގެން ތިބުމަށް ހެދި އެއްބަސްވުމެއްކަމުގެ ތުހުމަތުތައް ވެސް ދަނީ ކުރަމުން ނެވެ. ނަމަވެސް ޑިފެންސުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދަނޑިވަޅު ތަަފާތު އެކި ގޮތްގޮތަށް މީޑިއާގައި އެ މަޝްރޫއާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ވާހަކަތައް ދެކެވެމުންދާއިރު މާލެއާއި މުޅި ރާއްޖޭގެ ރައްޔިތުން ވެސް އެދޭގޮތަށް އުތުރު ތިލަފަޅުގެ އެއްްބަސްވުމުން ފޮރުވުމެއް ނެތި ހާމަކުރަން ވަރަށް މުހިންމު ކަމަަށެވެ.

މުއިއްޒު އެފަދައިން ގޮވާލެއްވިއިރު އިންޑިއާގެ ނޭވީގެ ޑޯނިއާ މަތިންދާބޯޓެއް އޮޕަރޭޓު ކުރުމާ ގުޅޭގޮތުން ރާއްޖޭގެ ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ހާމަކުރަން ވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ޑިފެންސުން ބުނީ އެ އެއްބަސްވުން ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަަމަށެވެ.

އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ދެ ގައުމުން އިންޑިއާގައު ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ އެއްބަސްވުމެކެވެ.