ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި ދައުރުގައި ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާނެ: ރައީސް

ހުވަދު އަތޮޅުގައި 2023 ގެ ކުރިން އިންޓަނޭޝަނަލް އެއާޕޯޓެއް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއެކު އޮންލައިންކޮށް ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބައްދަލްވުމުގައި ހުވަދު އަތޮޅު އުތުރުބުރީގެ ރަށްރަށުގެ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކުން ވަނީ އެ އަތޮޅާއި ރަށްރަށަށް މުހިންމު ކަންކަން ފާހަގަ ކުރައްވާފަ އެވެ. އަދި ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދު ހަނދާން ކޮށްދެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަރަށް ކުރުކޮށް ވިދާޅުވީ ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހައްދަވާނެ ކަމަށެވެ. އަދި އެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރައްވާނެ ކަމަަށް ވެސް ވިދާޅުވިއެވެ. އެއާޕޯޓް ހަދާނެ ވަކި ރަށެއް އަދި ކަނޑައަޅުއްވާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދައުރުގައި ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓެއް އަޅުގަނޑުމެން ގާއިމު ކުރާނަން. ރަށެއް އަދި ފާހަގަ ނުކޮށް އަދި އޮތީ،" އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލްވުމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ހުވަދު އަތޮޅަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށެވެ. އަތޮޅުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 169 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިހާރުވެސް 494 ދަރިވަރަކު ހިލޭ ކިޔަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގއ އަތޮޅަށް ނިސްބަތްވާ 989 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 14 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އަދި އެސްއެމްއީ ލޯން އެ އަތޮޅުގެ 18 ފަރާތަކަށް ދޫކޮށްފައިވާ ކަމަށާ ލޯންގެ އަދަދު 31 މިލިއަނަށް އަރާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ފަށާފައިވާ ހައިސްޕީޑް ފެރީގެ ހިދުމަތް އުތުރުގައި ފެށުމަށް ފަހު ދެން ކުރިއަށް ގެންދާނީ ހުވަދޫ އަތޮޅުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވަކި ވަކި ރަށްރަށުގައި ހިންގިފައިވާ މަޝްރޫއުތަކާއި ކުރިއަށް ހުރި ގިނަ މަސައްކަތްތަކެއް ރައީސް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.