ވިޔަފާރި

ބީޕީޓީ މާލީ ހިސާބުތައް ހުށަހެޅުމާއި އޮޑިޓަރުން އައްޔަން ކުރުމުގެ އުސޫލުތައް އާއްމުކޮށްފި

Jan 13, 2015

ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) ހިސާބުތައް ހުށަހެޅުމާއި އޮޑިޓަރުން އައްޔަން ކުރުމުގެ އުސޫލުތައް މީރާއިން އާއްމުކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ ޓެކްސް ރޫލިންގައި ބުނެފައިވާ ގޮތުގައި ޓެކްސް ދައްކާ ފަރާތެއް ބީޕީޓީ ބަޔާނާއެކު އާމްދަނީ ހަރަދުގެ ބަޔާނާއި ބެލެންސް ޝީޓް އަދި ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާނުގެ އިތުރުން ހިއްސާގެ ރައުސުލް މާލަށް އައި ބަދަލުތަކުގެ ބަޔާނާއި މާލީ ހިސާބުތަކާ ބެހޭ ނޯޓްސް އަދި އޮޑިޓަރުގެ ރިޕޯޓު ހުށަހަޅަން ވާނެ އެވެ.

ޓެކްސް އިދާރާއިން ބުނީ ޓެކްސް ބަޔާން ހުށަހަޅާއިރު މީރާގައި ރަޖިސްޓްރީކޮށްފައިވާ މުސްތަގިއްލު އޮޑިޓަރަކު ސޮއިކުރަން ވާނެ ކަމަށެވެ.

މީރާއިން ވަނީ ބީޕީޓީ ދެއްކުމަށް ފަސޭހައަކަށް ވިޔަފާރިތައް ގިންތިކޮށްފަ އެވެ.

ބޮޑު ވިޔަފާރިތަކަކީ އަހަރެއްގެ ތެރޭގައި 100 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ވިޔަފާރިތަކެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އަހަރެއްގެ ތެރޭގައި 50 މިލިއަން ރުފިޔާއާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ ވިޔަފާރިތަކެވެ. އަދި ކުދި ވިޔަފާރިތަކަކީ އަހަރެއްގެ ތެރޭގައި ފަސް މިލިއަން ރުފިޔާއާއި 50 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ ވިޔަފާރިތަކެވެ. އަދި އެންމެ ކުދި ވިޔަފާރިތަކަކީ އަހަރެއްގެ ތެރޭގައި ފަސް މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކެވެ.

މީރާއިން ބުނީ މި ޓެކްސް ރޫލިން ނެރުމުން ވިޔަފާރިއެއްގައި ހިމެނޭ ޕާޓްނަރަކީ ދިވެއްސަކަށް ނުވާނަމަ ސައްހަ ވާކް ވިސާއެއް އޮންނަން ވާނެ ކަމަށެވެ.