ލައިފްސްޓައިލް

ކަޅުދައްޗަކުން ގެއެއް ގަންނަން މަސައްކަތްކުރާ އަންހެނެއް!

ނުދަންނަ މީހުނާއި އެއްޗެތި ބަދަލު ކުރުމުގެ ސިސްޓަމެއްގެ ތެރެއިން ގެއެއް ގަނެވިދާނެ ކަމަށް އެމެރިކާގައި ދިރިއުޅޭ ޑެމީ ސްކިޕާ ގަބޫލު ކުރެ އެވެ. މިހާރު އޭނާ މި މަސައްކަތް ފަށާފައިވާތާ އަހަރެއްހާ ދުވަސް ވީއިރު އޭނާ ބޭނުންވާ އަމާޒަށް ވާސިލުވުމާ ޑެމީއަށް ވަނީ ވަރަށް ކައިރިއަށް ދެވިފަ އެވެ.

ޑެމީގެ މުޅި ދިރިއުޅުން ބަދަލުކޮށްލީ ޕެންޑެމިކް ތެރޭގައި ސެން ފްރެންސިސްކޯގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި އިނދެގެން އެއް ދުވަހަކު ބެލި ވީޑިއޯއަކުން އުފަންވި ޚިޔާލަކުންނެވެ.

"އެ ވީޑިއޯއިން އަހަންނަށް ފެނުނީ މީގެ 15 އަހަރު ކުރިން ކެނެޑާ މީހަކު ކުރި މަސައްކަތެއް،" ޑެމީ ބުންޏެވެ. އޭނާ ބެލީ ކެނެޑާގެ ބްލޮގަރެއް ކަމަށްވާ ކައިލް މެކްޑޮނަލްޑް ކުރި މަސައްކަތެއްގެ ވާހަކަ އެވެ. ރަތް ކުލައިގެ އެންމެ ޕޭޕާކްލިޕް އަކުން ދެ ބުރީގެ ފާމްހައުސް އެއް ކެއިލް ހޯދި ގޮތެވެ. އޭނާ 2005 ގައި މިކަން ކުރީ އެންމެ 14 ޓްރާންސެކްޝަނަކުންނެވެ.

ޑެމީ ބުނި ގޮތުގައި އެ ވީޑީއޯ ބަލާފައި ކެއިލް އެކަން ކުރި ގޮތުގެ ރިސާޗް އޭނާ ކުރަން ފެށި އެވެ. އެއީ މިހާތަނަށް އެހެން އެއްވެސް މީހަކު ކޮށްފައި ނެތް ކަމެއް ނަމަވެސް އޭނާއަށް އެކަން ކުރެވިދާނެ ކަމަށް ޑެމީގެ ހިތް ބުންޏެވެ.

"އަހަރެން އެ މަސައްކަތް ފަށާނީ ކޯޗަކުންތޯ ވިސްނާފައި އެފަދަ އެއްޗެއް ހޯދަން ގޭތެރޭގެ ތަންތަން ހޯދަން ފެށީ. ކުޑަކުޑަ އެއްޗަކަށް އަހަރެންގެ އަތުގައި އޮތީ ކޯޗެއް ބާއޭ ވިސްނާލިން. ދެން އަހަރެންނަށް ފެނުނީ އަހަރެން ބޮލުގައި ޖަހަން ގެންގުޅޭ ކުޑަ ކުޑަ ކަޅުދައްޗެއް،" މަސައްކަތް ފެށި ގޮތް ކިޔައިދެމުން ޑެމީ ބުންޏެވެ.

ކަޅުދަތި ބަދަލު ކުރާނެ މީހަކު ހޯދުމުގެ މަސައްކަތް ޑެމީ ފެށީ ފޭސްބުކް ގްރޫޕުންނެވެ.

"ވަރަށް ގިނަ މީހުން ބުނި މީނަ މީ މޮޔަވެގެން އުޅޭ މީހެކޭ. އެހެން އުޅެނިކޮށް އެކަކު ބުނެފި ތިމަންނަ ތި ކަޅުދަތި ބަދަލުކޮށްފާނަމޭ ކަންފަތުގަލާ އެއްޗަކާ. ޝަރުތަކީ ތި ގެއަށް ތިމަންނައަށް ދައުވަތު ދިނުމޭ،" ޑެމީ ކިޔައި ދިނެވެ.

ޑެމީ އަށް ލިބުނު މި ކަންފަތުލާ ޖޯޑާ ހަތަރު މާގަރީތާ ބިއްލޫރިތައްޓާ ބަދަލު ކޮށްލަން އެހާ އުނދަގުލެއް ނުވި އެވެ. އޭގެ ފަހުން މަޑުމަޑުން އެކްސްޗޭންޖް ވަމުން އައިސް ވެކިއުމް ކްލީނަރެއް ލިބުނެވެ. އޭގެ ފަހުން އެޕަލް ޓީވީ އަކާއި އިލެކްޓްރިކް ބައިކް ފުޑް ކާޓެއް އަދި ކުޑަކުޑަ ކެބިން އެއް ލިބުނެވެ. އެ ކެބިން ބަދަލުކުރީ ހޮންޑާ ސީއަރްވީއަކާ އެވެ.

މިހާރު ޑެމީ އުޅެނީ އޭނާގެ 28 ވަނަ ޓްރޭޑްގަ އެވެ. ޑެމީ ބުނި ގޮތުގައި އޭނާ އެދޭ ފަދަ ގެއެއް ލިބޭނީ ކިހާ ދުވަހުން ކަމެއް އަދިއެއް ނޭނގެ އެވެ. ނަމަވެސް އުންމީދު ކުރި ގޮތަށް މި އެކްސްޗޭންޖް މަސައްކަތް ކުރިޔަށް ދާތީ އޭނާގެ އުންމީދުތައް ވަނީ އާވެފަ އެވެ.

"ޖޫން 30 ގައި އަހަންނަށް 30 އަހަރު ފުރޭނެ. އަހަރެންގެ 30 ވަނަ އުފަންދުވަހަށް މިކަން ކާމިޔާބުވާން އަހަރެން ވަރަށް އެދެން. ކޮންމެ ފަހަރަކު އަހަރެންގެ އަތުގައި އޮންނަ އެތި އެއަށް ވުރެ ރަނގަޅު އެއްޗަކާ ބަދަލު ކުރެވޭތީ އަހަރެންގެ އުންމީދު އާވާގޮތްވޭ. އުންމީދުކުރަން ވަރަށް އަވަހަށް ގެޔަކާ ބަދަލު ކުރެވޭ ވަރު ވާނެކަމަށް،" ޑެމީ ބުންޏެވެ.

މި މަސައްކަތް ފެށި ފަހުން ޑެމީ ވަނީ އޭނާގެ ޓިކްޓޮކް ޗެނަލުން އޭނާގެ ކޮމިއުނިޓީގައި ބައިވެރިވާ ފަސް މިލިއަން މީހުންނަށް އެތައް ހާސް މެސެޖުތަކެއް ފޮނުވާފަ އެވެ.