ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓާސް ލިސްޓަށް 1500 އަށްވުރެ ގިނަ ޝަކުވާ

ވޯޓާސް ލިސްޓާ ގުޅިގެން 1500 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުން ލިސްޓް އާންމުކޮށް، ޝަކުވާ ހުށައަޅަން ހުޅުވައިލި ފުރުސަތުގައި ވޯޓާސް ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

އީސީ އިން މިއަދު ބުނީ ވޯޓާސް ރަޖިސްޓަރީ އަށް މިމުއްދަތުގެ ތެރޭގައި ޖުމަލް 1758 ޝަކުވާއެއް އެކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. ޝަކުވާތައް ބަލައިގަނެފައި ވަނީ ޝަކުވާ ފޯމު ހުށަހަޅައިގެންނެވެ.

ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.