ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އަމިއްލަ ތަންތަނުގެ މަގަތު ސަފަށް ވެކްސިން ދެނީ

އަމިއްލަ ކުދި ވިޔަފާރިތަކާއި ކުންފުނިތަކުގެ ފްރޮންޓްލައިން -- މަގަތު ސަފު -- ގައި މަސައްކަތްކުރާ ފަރާތްތަކުން ކޮވިޑް-19 އިގެ ވެކްސިން ޖަހަން ރަޖިސްޓާ ވާން ހުޅުވާލައިފި އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ހިންގާ އެކި ވިޔަފާރިތަކާއި ކުންފުނިތަކުން ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ފަރާތްތަކަށުގެ ތެރެއިން ވެކްސިން ޖަން ބޭނުންވާ އެ ފަރާތްތަކުގެ ފްރޮންޓްލައިން ނުވަތަ މަގަތު ސަފު ވެކްސިނަށް ރަޖިސްޓާވާން އެފަރާތްތަކާ ބެހޭ އޮތޯރިޓީތަކަށް ގުޅުމަށެވެ.

އެޗްޕީއޭއިން ބުނީ އެފަރާތްތަކުގެ ދާއިރާ އާއި ގުޅޭ އޮތޯރިޓީތަކާއި ގުޅައިގެން ގްރޫޕް ގޮތަށް ވެކްސިން ޖަހަން އެޕޮއިންމެންޓް ހެއްދުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން މާލޭގެ ކެފޭ އަދި ރެސްޓޯރެންޓް، ފިހާރަތައް އަދި އަމިއްލަ ކުންފުނިތަކުން އިކޮނޮމިކް މިނިސްޓްރީއަށް އެންގުމަށް އަދި ކުޅިވަރު ކްލަބްތަކާއި އެންޖީއޯތައް ޔޫތު މިނިސްޓްރީއަށް އެންގުމަށް ވެސް އެޗްޕީއޭއިން އެދިފައި ވެއެވެ. މީގެއިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ފަރާތްތަކުން ފިޝަރީސް މިނިސްޓްރީއަށް އަދި ފަތުރުވެރިންގެ ސިނާއަތާ ގުޅޭ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީއަށް އަންގަން ޖެހެ އެވެ.

ހުޅުމާލޭގައި ހިންގާ ވިޔަފާރިތަކާއި ރެސްޓޯރެންޓްތަކާއި ކެފޭ އަދި ފިހާރަތަކުގައި މަސައްކަތްކުރާ މަގަތު ސަފުގެ މުވައްޒަފުންނަށް ވެކްސިން ޖަހަން އެޗްޑީސީއަށް އެންގުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.