ދުނިޔެ

ބާރުގެ ބޭނުން ކޮށްގެންވެސް އަސަދު ބޭރުކުރަން ޖެހޭ: ސައުދީ

ރިޔާދު (ބީބީސީ) - ސިޔާސީ ފިޔަވަޅު ތަކެއްގެ ތެރޭން އަސަދު ބޭރު ނުކުރެވިއްޖެ ނަމަ ބާރުގެ ބޭނުން ކޮށްގެން ވެސް އެކަން ކުރަން ޖެހޭ ކަމަށް ސައުދީން ބުނެފިއެވެ. އަދު ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރަން އީރާނުން ރުހެން ޖެހޭނެ ކަމަށް ވެސް ސައުދީ އަރަބިއްޔާއިން ބުންޏެވެ.

ސައުދީން މި މޭރުމުން ވާހަކަ ދައްކާފައި މިވަނީ ސީރިޔާގެ މައްސަލައަށް ހައްލެއް ހޯދުމަށް ވިއޭނާގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ބައްދަލުވުމުގެ ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އަދި ސީރިޔާގެ މައްސަލައިގާ ބާއްވާ ބައިނަލްއަގުވާމީ މަޝްވަރާއެއްގައި ފުރަތަމަ ފަހަރަށް އީރާނު ބައިވެރި ކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ސައުދީ އަރަބިއްޔާ އާއި އީރާނަކީ ގިނަ މައިދާން ތަކެއްގައި ހަތުރުންނެވެ.

ވިއޭނާގައި ބާއްވާ ބައްދަލުވުމުގައި ރަޝިޔާއާއި ތުރުކީގެ ފޮރިން މިނިސްޓަރުން ވެސް ބައިވެރިވާއިރު މި ދެ ގައުމަކީ ވެސް މިފަހަކަށް އައިސް ސީރިޔާގައި އަސްކަރީ ދައުރު ފުޅާކޮށްފައިވާ ދެގައުމެވެ. މި ދެ ގައުމުން ވެސް އަސަދަށް ތާއީދު ކުރެއެވެ.

އަސަދު ވެރިކަމުން ދުރުކުރަން ޖެހޭނެ ކަމަށް ބުނާ ގައުމު ތަކަކީ އެމެރިކާއާއި ސައުދީގެ އިތުރުން ތުރުކީއާއި ގަލްފުގެ ގައުމުތަކެވެ. ސީރިޔާގެ ދާހިލީ ހަނގުރާމައަށް ގައުމުން ބޭރުގެ ބާރުތައް އެކި ދޮރުތަކުން ވަދެފައިވާއިރު، ވިއޭނާގައި ބާއްވާ ބައްދަލުވުމުން މި ހަނގުރާމައިގާ ދެން ވާނެ ގޮތް ކޮންމެވެސް ވަރަކަށް ކުރެހޭނެ ކަމަށް ބެލެވެއެވެ. މި ބައްދަލުވުމުގައި އިތުރަށް ބައިވެރިވާނެ މުހިންމު ބައެއް ގައުމު ތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި، ފްރާންސާއި، ޖަރުމަނުގެ އިތުރުން މިސްރު ހިމެނެއެވެ.